Roadha Mihaaru
"ރަން އިން ލާމު": މިއީ އެއް ވަނައިގެ ރޫޓެއް!

"ރަން އިން ލާމު": މިއީ އެއް ވަނައިގެ ރޫޓެއް!

27 ޖެނުއަރީ 2018

ޓީއެފްޖީން 2013 ވަނަ އަހަރުން ފެށިގެން ހުޅުމާލޭގައި ބާއްވަމުން އަންނަ "ލޯންގް ރަން" މުޅި ރާއްޖެ އަށް ފުޅާކުރަން އެ ޖިމުން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި، ހިތްގައިމު މާހައުލުތަކުގައި ދުވުމުގެ ފުރުސަތު ދުވުންތެރިންނަށް ހޯދައިދިނުމެވެ. އެ ސިލްސިލާގެ ދަށުން ލ. އަތޮޅުގައި ބޭއްވި ފުރަތަމަ ރޭސް ކާމިޔާބުކަމާ އެކު މިއަދު ނިންމާލި އިރު އެކަން ވަރަށް ބޮޑަށް ހާސިލްވި އެވެ. ތިން ސަތޭކައެއްހާ މީހުން ދުވި ރޭހަށް ފަހު އެންމެ ކަހަލަ ގޮތަކަށް ފާހަގަކުރީ ލ. އަތޮޅުގައި ދުވި ރޫޓުގެ ފަސޭހަކަމާއި ހިތްގައިމުކަމެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ލ. އަތޮޅުގެ ގަން، މާންދޫ، ކައްދޫ އަދި ފޮނަދޫ ގުޅުވައިދޭ ލިންކް ރޯޑުގައި ކުރިއަށް ގެންދިޔަ އިވެންޓުގެ މެރެތަން ރޭސް އެންމެ ފުރަތަމަ ނިންމި ރާއްޖޭގެ މަޝްހޫރު އަލްޓްރާ ރަނާ އަހުމަދު އާތިފް ބުނީ ދިގު ރާސްތާ ދުވުންތަކަށް "ލ. އަތޮޅު ވަރެއް ނެތް" ކަމަށެވެ.

"ދުވި މަގުގައި އެއްވެސް އަޑިގުޑަންކަމެއް ނެތް. އަނެއްކާ ސީދަލަށް އޮތް މަގެއް މިއީ. އެއީ ދުވާއިރު ވަރަށް ފަސޭހަވާނެ ކަމެއް. މާނައަކީ ދުވާ މީހާ އިތުރު ކަމަކަށް ކޮންސެންޓްރޭޓްނުކޮށް، ސީދާ ދުވުމަށް ފޯކަސްކޮށްގެންދެވޭނެޔޭ،" އާތިފް ބުންޏެވެ.

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ރޭސް ނިންމި ބައިވެރިޔަކަށް މެޑަލް ދެނީ. –ފޮޓޯ: ޓީއެފްޖީ. –ފޮޓޯ: ޓީއެފްޖީ

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ރޭސް ނިންމި ބައިވެރިޔަކަށް މެޑަލް ދެނީ. –ފޮޓޯ: ޓީއެފްޖީ. –ފޮޓޯ: ޓީއެފްޖީ

އިވެންޓުގެ ހުރިހާ ރޭހެއް ފެށީ ވެސް އަދި ނިންމީ ވެސް މުކުރިމަގު ބަނދަރު މަތިންނެވެ. އެތަނުން ފަށައިގެން ލ. އަތޮޅުގެ ރަށްތައް ގުޅުވައިދޭ މަގަށް އަރައި ދުވުމަށް ފަހު ރޭސް ނިންމަން އަނެއްކާ ވެސް ބަނދަރު ސަރަހައްދަށް އެރީ އެވެ.

ލ. އަތޮޅުގެ މި ރޫޓް، ޓީއެފްޖީގެ "ރަން އިން އައްޑޫ" ގެ ރޫޓަށް ވުރެ ވެސް އެތައް ގޮތަކުން ފަސޭހަކަމަށް ދުވުންތެރިން ބުނެ އެވެ.

ލ. އަތޮޅު ކައުންސިލުގެ ރައީސް އަބްދުﷲ ޝަރީފް ވަނީ ރޭހުގެ ކުރިން ވެސް އެކަން ފާހަގަކޮށްފަ އެވެ. އޭނާ ޔަގީންކަމާ އެކު ބުނީ ދިގު ރާސްތާ ދުވުމެއް ދުވަން މިފަދަ އެހެން އަތޮޅެއް ރާއްޖޭގައި ނޯންނާނެ ކަމަށެވެ. އެކަން މިއަދު ދުވުންތެރިންނަށް ޔަގީންވި އެވެ.

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ގައި ބައިވެރިޔަކު ދުވަނީ. –ފޮޓޯ: ޓީއެފްޖީ

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ގައި ބައިވެރިޔަކު ދުވަނީ. –ފޮޓޯ: ޓީއެފްޖީ

ރޭހުގެ އިންތިޒާމްތައް ވެސް ވަރަށް ފުރިހަމަ އެވެ. ސްޓާޓިން ޕޮއިންޓުގައި ޑީޖޭ އުމަރުގެ ވަރުގަދަ ބީޓްތަކުން ރޭސް ފަށަން ތައްޔާރުވެފައި ތިބި ދުވުންތެރިންނަށް އާ ހިތްވަރެއް ލިބެމުންދިޔައިރު ރޭސް ނިންމާފައި އައި ބައިވެރިންގެ ލޭ އިތުރަށް ކައްކުވާލި އެވެ.

ޓީއެފްޖީގެ އިންސްޓްރަކްޓަރުންނާއި ލ. އަތޮޅުން ބައިވެރިވި ވޮލަންޓިއަރުގެ މަސައްކަތުން، ދުވުންތެރިންނަށް އެއްވެސް ކަމެއް ދަތިވިޔަކަ ނުދެ އެވެ. ވޯޓާ ޕޮއިންޓްތައް ވެސް އެންމެ ރަނގަޅު ދިމަދިމާގައި ގާއިމްކޮށްފައި ހުރިއިރު ދުވުންތެރިންނަށް ބޭނުންވާ ފާހަގަތައް ޖަހާފައިވަނީ ވެސް ވަރަށް ފުރިހަމަކޮށެވެ. އޮޅުން އަރާ އެއްވެސް ކަމެއް ނެތެވެ.

"އެއްވެސް މައްސަލައެއް ދިމާނުވެ ހުރިހާ ކަމެއް ވެސް ވަރަށް ފުރިހަމަކޮށް ދިޔައީ. މިއީ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ އިންތިޒާމް ރަނގަޅު އެއް ރޭހަށް ވާނެ،" ރާއްޖޭގައި ބާއްވާފައިވާ ގިނަ ރޭސްތަކެއްގައި ދުވެފައިވާ ބައިވެރިޔަކު ބުންޏެވެ.

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ގެ ބައިވެރިންތަކެއް ދުވަނީ. –ފޮޓޯ: ޓީއެފްޖީ

ޓީއެފްޖީން ލ. އަތޮޅުގައި މިއަދު ބޭއްވި "ކޮކާކޯލާ ރަން އިން ލާމު" ގެ ބައިވެރިންތަކެއް ދުވަނީ. –ފޮޓޯ: ޓީއެފްޖީ

މި ރޭހަށް މާލޭން ސީދާ 200 އެއްހާ ބައިވެރިން އައިއިރު ލ. އަތޮޅުން ވެސް ސަތޭކައެއްހާ މީހުން ބައިވެރިވި އެވެ. އޭގެ ސަބަބުން މި އަތޮޅުގައި ދުވުމުގެ ފޯރި ގަދަވާނެ ކަމަށް ޓީއެފްޖީން ދެކެ އެވެ.

ހަމައެކަނި ޒުވާނުންގެ އިތުރުން އުމުރުންދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ރޭހުގައި ދުވި އެވެ. ކުދިން ގޮވައިގެން މަންމައިންނާއި ބައްޕައިން ދުވިއިރު އާއިލާތައް އެކުގައި ވެސް ދުވި އެވެ. ރޭހަށް ސީދާ ތައްޔާރުވެގެން އައި ދުވުންތެރިން ވެސް ތިއްބެވެ. މިއަދުގެ ރޭހުގައި ތަޖުރިބާކާރުން ދުވުންތެރިން ވެސް ދުވި އެވެ. އެގޮތުން އާތިފްގެ އިތުރުން ރާއްޖޭގެ މެރެތަން ރެކޯޑް ހަދާފައިވާ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) އާއި ހާފް މެރެތަން ރެކޯޑް ކުރިން ހެދި އަހުމަދު ރިޒާ ވެސް ދުވި އެވެ.

ކޮކާކޯލާ އިން ސްޕޮންސާކޮށްފައިވާ ޓީއެފްޖީގެ "ރަން އިން މޯލްޑިވްސް" ސީރީސްގައި ދެން އޮންނާނީ އެ ޖިމުގެ ރަސްމީ އިވެންޓެވެ. އެއީ އޭޕްރިލް 20 ގައި މަހު ހުޅުމާލޭގައި ބާއްވާ ލޯންގް ރަން އެވެ.