25 ޖެނުއަރީ 2018
ދިވެހިންނަށް މިއަދު ކުރިމަތިވެފައި ވަނީ އުނދަގޫ ހާލަތެއް ކަމަށާއި ކޮންމެ މީހަކު ވެސް ކުރަން ޖެހިފައި އޮތް ކަމަކީ އަނިޔާވެރި ވެރިއެއްގެ ކަސްތޮޅުން ފުރާނަ އާއި މުދާ ސަލާމަތް ކުރެވޭތޯ ބެލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
ދިވެހިންނަށް މިއަދު ކުރިމަތިވެފައި ވަނީ އުނދަގޫ ހާލަތެއް ކަމަށާއި ކޮންމެ މީހަކު ވެސް ކުރަން ޖެހިފައި އޮތް ކަމަކީ އަނިޔާވެރި ވެރިއެއްގެ ކަސްތޮޅުން ފުރާނަ އާއި މުދާ ސަލާމަތް ކުރެވޭތޯ ބެލުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިރޭ ވިދާޅުވެއްޖެ އެވެ.
މޭ 1، 2015 ގައި އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު މުޒާރާއާ ގުޅިގެން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އިއްވި 12 އަހަރުގެ ޖަލު ހުކުމުގައި އޭނާ ހުންނަވާތާ 1،000 ދުވަސް ފުރުން ފާހަގަ ކުރުމަށް ގުޅިފައިވާ ޕާޓީތަކުން ކުރިއަށް ގެންދާ ޖަލްސާގައި ގާސިމް ވިދާޅުވީ، ދިވެހިން މިއަދު ތަޖުރިބާ ކުރަން ޖެހިފައި ވަނީ މިއިން ޒަމާނެއްގައި ވެސް ދެކެފައި ނުވާ ފަދަ އަނިޔާވެރިކަމަކާއި ފިއްތުންތަކެއް ކަމަށެވެ.
"ގައުމުގެ މުއައްސަސާތަކުން ހައްގު ބަސް ބުނުމާއި ހައްގުތައް ކަށަވަރުކޮށް ދިނުމަށް މަސައްކަތްތަކެއް ކުރަން މި ވަނީ ޖެހިފައި،" ޖަރުމަނުގައި މިހާރު ހުންނެވި ގާސިމް ފޮނުއްވި ހިތާބުގައި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ގައުމަށް ވުރެ އަމިއްލަ މަސްލަހަތު އިސްކޮށްގެން ތިބި ބަޔަކު ވެރިކަމުގައި މިއަދު ތިބުމަކީ ރައްޔިތުންނަށް ޖެހިފައިވާ ނިކަމެތި ކަމެކެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި ދިވެހިން މިއަދު ކުރިމަތިލާން ޖެހިފައިވާ އަނިޔާވެރިކަމާއި ބޭއިންސާފާއި ފަސާދައިގެ އަމަލުތަކުން މިންޖުވެވެން އޮތީ ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު މާތް ﷲ ގަންދީ ކޮށްފައިވާ ހުވަޔާ އެއްގޮތަށް ފަނޑިޔާރުންނާއި ފުލުހުންނާއި ސިފައިން އެ ބޭފުޅުންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކޮށްގެން،" ރިޝްވަތުގެ ތުހުމަތުގައި ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި އެ ހަރަކާތުގެ އިސް ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
އޭނާ ވިދާޅުވީ އެ ބޭބޭފުޅުންގެ އިޚުލާސްތެރި މަސައްކަތުން ނޫނީ ގައުމަށް ދިމާވެފައިވާ ހިތްދަތި ހާލުން މި ވަގުތު މިންޖުވެވެން ނެތް ކަމަށާއި ވަކި ފަރާތެއްގެ ނުފޫޒުގެ ދަށު ނުވެ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ.
"ކުރިމަތިކޮށްފާނެ ދައްޗަކަށް ބިރުވެތި ނުވެ ހަވާލުވެފައިވާ ޒިންމާ އާއި މަސްއޫލިއްޔަތު އަދާކުރުމަށް ގާނޫނު ތަންފީޒު ކުރާ ފަރާތްތަކަށް އަޅުގަނޑު އިޚުލާސްތެރިކަމާއެކު ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް މިހާތަނަށް ބޭއްވި އެންމެ ބޮޑު މުޒާހަރާގެ މޭސްތިރި، އިމްރާނަށް ލިބެމުންދާ އަނިޔާތަކަށް އިޝާރާތް ކުރައްވައި ގާސިމް ވިދާޅުވީ އިމްރާނަށް އިއްވާފައިވާ ޖަލު ހުކުމަކީ ސަރުކާރުގެ ބައެއް އިސް ވެރިންގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން ހިންގާފައިވާ ބޮޑު ޖަރީމާއެއްކަން މިއަދު ހާމަވަމުން އަންނަ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.---ފޮޓޯ: ނިޝާން އަލީ/މިހާރު
"އެހެންކަމުން އެ މަނިކުފާނުގެ މައްޗަށް ކުރެވުނު ހުކުމް ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކުރުމަށް ކުރެވުނު އިލްތިމާސްގެ މައްސަލަ މައުޟޫޢީ ގޮތުން އަލުން ބައްލަވައި އަދުލުވެރި ނިންމެވުމެއް ނިންމަވައި ދެއްވުމަށް ސުޕްރީމް ކޯޓާއި ކަމާ ބެހޭ ފަރާތްތަކަަށް ފަށްފަށުން އާދޭސް ދަންނަވަން،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބޭއިންސާފު އަނިޔާތަކެއް ލިބެމުންދާ އިރު ވެސް އިމްރާން ސާބިތުކަމާއެކު ހައްގުގެ މަގުގައި ހުންނެވީތީ އެކަމަށް ޝުކުރު ވެސް އަދާ ކުރައްވާ ކަމަށެވެ.
"މިއަދު ދިވެހިން އެ މަނިކުފާނަށްޓަކައި ފަޚުރުވެރި ވަނީ ހަރުދަނާކަމާއެކު، ބަދަލު ނުވާ ސިޔާސަތެއްގައި އެ މަނިކުފާނު ގައުމަށް އިޚުލާސްތެރިކަމާ އެކު ދެމިހުންނަވާތީ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މޭޑޭގެ މުޒާހަރާއާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ އެހެން ވެރިންނާއި އާންމު ރައްޔިތުންގެ ތެރެއިން ވެސް ބަޔަކު ބޮޑެތި ވޭންތަކެއް ދަނީ އުފުލަމުންނެވެ.
ގާސިމް: މިހާރު އުޅުއްވަން ޖެހިވަޑައިގެންފައި ވަނީ ގައުމުން ބޭރުގައި.
"އެއް ބަޔަކު ހުކުމެއް ވެސް ނުކޮށް ޖަލުގެ ކުޑަގޮޅީގެ ތޭރިތަކުގެ ތެރޭގައިވާ ހިނދު، އަނެއް ބަޔަކު އެ މީހުންގެ އުފަން ގައުމު ދޫކޮށް އަމިއްލަ އަށް އަރުވާލެވިގެން ބޭރުގެ އެކި ގައުމުތަކުގައި ދަތި އުނދަގޫ ހާލަތުގައި ތިބެން ޖެހިފައިވާކަމީ ނުހަނު ހިތްދަތި ކަމެއް،" ކުނޫޒްގައި ކުރިއަށް ގެންދާ ޖަލްސާގައި ގާސިމް ވިދާޅުވި އެވެ.
އޭގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ޖޭޕީގެ ނައިބް ލީޑަރު އިބްރާހީމްގެ އިތުރުން ސިޔާސީ އެހެން އިސްބޭފުޅުންތަކެއް ހިމެނޭކަން ފާހަގަ ކުރެއްވި އެވެ. އަދި މޭޑޭގެ މުޒާހަރާއާ ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައި އެ ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ޖަލުގައި މިދިޔަ އަހަރު މަރުވި އަބްދުﷲ ރަޝީދުގެ ހަނދާންތައް ވެސް ގާސިމް މިރޭ އާކުރެއްވި އެވެ.
"މޭޑޭގެ ބޮޑު އެއްވުމުގައި ބައިވެރިވި އެންމެހާ ދިވެހި ރައްޔިތުންނަށް މިއަދު ޝުކުރު ދެންނެވުމަކީ ނުކޮށް ދޫކޮށްލެވޭ ވަރުގެ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އެ އެއްވުމުގައި ބައިވެރިވުމުގެ ސަބަބުން ނުގައްގުން އަނިޔާ ލިބެމުންދާ ދިވެހި ރައްޔިތުންނާއި އެ މީހުންގެ އާއިލާތަކަށް ނުހަނު ހަމްދަރުދީ ފޮނުވައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް ދުއާ ދަންނަވަން."
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ޕީޕީއެމްގެ ދައުވަތު
ލީޑަރުންގެ އެއްބަސްވުން "ސިއްރު"؟!
ކެންޑިޑޭޓަކު ހޮވުމުގެ މަޝްވަރާއަށް މަންދޫބުން ނަގައިފި
އިންސާފުވެރި ޕްރައިމަރީއަކަށް ދެވޭނީ ކިހިނެއް؟
އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅު އެއްބަސްވުމަކަށް
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ރިޔާސީ އިންތިހާބުގެ ހިސާބުތަކާއި ސިޔާސީ ބޮޑު މަންޒަރު!
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
މުހިއްމު ބިލްތަކަށް ވޯޓަށް ނާހައި މެމްބަރުން ޗުއްޓީއަށް
އެމްޑީޕީ އާ ހެދި ކޯލިޝަންގައި ފުރަތަމަ ރެނދު އަޅައިފި