Roadha Mihaaru
ޓީއެފްޖީ "ރަން އިން ލާމު": މި ފަހަރު ފޮޓޯއާ މެދު ހާސްވާކަށް ނުޖެހޭނެ!

ޓީއެފްޖީ "ރަން އިން ލާމު": މި ފަހަރު ފޮޓޯއާ މެދު ހާސްވާކަށް ނުޖެހޭނެ!

24 ޖެނުއަރީ 2018

ރޭހެއްގައި ދުވެ ނިންމާލުމަށް ފަހު ކޮންމެ މީހަކު ވެސް ފުރަތަމަ ބޭނުންވާނީ ފޭސްބުކަށް ނުވަތަ އިންސްޓަގްރަމް ފޮޓޯގަނޑެއް ވައްޓާލަށެވެ. އެކަމަކު ރަނގަޅު ފޮޓޯގަނޑެއް އަތުނުޖެހިއްޖެ ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޓީއެފްޖީން ލ. އަތޮޅުގައި ހޮނިހިރު ދުވަހު ބާއްވާ "ކޮކާކޯލާ ރަން އިން ލާމު" ގެ ބައިވެރިންނަށް އެ ހާސްކަމެއް ނޯންނާނެ އެވެ. ދުވެ ނިމޭތާ އިރުކޮޅެއްގެ ތެރޭގައި އެކި އޭންގަލުން، އޭނާގެ ފޮޓޯތައް ހުންނާނީ ނެގިފަ އެވެ. އަދި އެ ފޮޓޯތައް ވެބްސައިޓެއް މެދުވެރިކޮށް ފަސޭހަކަމާ އެކު ޑައުންލޯޑްކޮށްލެވޭނެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރޭހެއްގައި ދުވެ ނިންމާލުމަށް ފަހު ކޮންމެ މީހަކު ވެސް ފުރަތަމަ ބޭނުންވާނީ ފޭސްބުކަށް ނުވަތަ އިންސްޓަގްރަމް ފޮޓޯގަނޑެއް ވައްޓާލަށެވެ. އެކަމަކު ރަނގަޅު ފޮޓޯގަނޑެއް އަތުނުޖެހިއްޖެ ނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޓީއެފްޖީން ލ. އަތޮޅުގައި ހޮނިހިރު ދުވަހު ބާއްވާ "ކޮކާކޯލާ ރަން އިން ލާމު" ގެ ބައިވެރިންނަށް އެ ހާސްކަމެއް ނޯންނާނެ އެވެ. ދުވެ ނިމޭތާ އިރުކޮޅެއްގެ ތެރޭގައި އެކި އޭންގަލުން، އޭނާގެ ފޮޓޯތައް ހުންނާނީ ނެގިފަ އެވެ. އަދި އެ ފޮޓޯތައް ވެބްސައިޓެއް މެދުވެރިކޮށް ފަސޭހަކަމާ އެކު ޑައުންލޯޑްކޮށްލެވޭނެ އެވެ.

"މިއީ އަޅުގަނޑުމެން ސްޕޯޓްސް ފޮޓޯގްރަފީ އެހެން ހަރުފަތަކަށް ގެންދިއުމަށް ފަށާ ކަމެއް،" ޓީއެފްޖީގެ ޑިރެކްޓަރު މުހައްމަދު މިސްތޯ ވިދާޅުވި އެވެ.

ދުވުންތެރިންނަށް ފޮޓޯ ނެގުމުގެ މަސައްކަތް ޓީއެފްޖީން ހަވާލުކޮށްފައިވަނީ ދިއެކްސްޕްލޯރާގެ ފޮޓޯގްރާފަރު އިބްރާހިމް އުޝާފަތު (އުޝާ) އާ އެވެ. އޭނާއާ އެކު ޒުވާން ފޮޓޯގްރާފަރުންގެ ޓީމެއް ހަރަކާތްތެރިވާނެ އެވެ. މާނައަކީ ރޭސް ފަށައިގެން ނިންމުމާ ހަމަޔަށް ކޮންމެ ބައިވެރިއެއްގެ، ހައި ކޮލިޓީ ހަޔެއްގެ ފޮޓޯ އެކި ދިމަދިމާތަކުން ނެގިފައި ހުރުމެވެ.

އެ ފޮޓޯތައް އެކަމަށް ހާއްސަ ސޮފްޓްވެއާއެއް މެދުވެރިކޮށް އަޕްލޯޑްކުރުމާ އެކު ދުވުންތެރިޔާގެ ބިބުގައި ޖަހާފައިވާ ހާއްސަ ބާކޯޑުން، އެއީ ކޮން ދުވުންތެރިޔެއްގެ ފޮޓޯއެއްކަން އެނގޭނެ އެވެ. އަދި ގޯޓުރޭސް ވެބްސައިޓަށް ވަދެ، ދުވުންތެރިޔާގެ ބިބް ނަމްބަރު ޖެހުމާ އެކު އޭނާގެ ހުރިހާ ފޮޓޯއެއް ފަސޭހަކަމާ އެކު ޑައުންލޯޑްކޮށްލެވޭނެ އެވެ.

މިސްތޯ ވިދާޅުވީ ކޮންމެ މީހަކު ވެސް ރޭހެއްގައި ދުވާނީ ވަރަށް ބޮޑަށް ތައްޔާރުވެ ވަރަށް ބޮޑު ގުރުބާނީތަކަކަށް ފަހު ކަމަށާއި އެހެންކަމުން އެ ރޭހެއްގައި އެ މީހަކު ލާ ހިތްވަރާއި ކުރާ މަސައްކަތް ހަނދާނެއްގެ ގޮތުގައި ރައްކާކުރެވޭނެ މަގު ތަނަވަސްކޮށްދޭން ބޭނުންވާ ކަމަށެވެ.

"އަޅުގަނޑުމެން ފޮޓޯގްރާފަރުން ލައްވާ ހަމައެކަނި ފޮޓޯއެއް ނަގައިދެނީކީ ނޫން. އެ މީހަކަށް މުޅި އުމުރަށް ރައްކާކުރެވޭނެ މެމޮރީއެއް ހޯދައިދޭން ބޭނުންވަނީ،" މިސްތޯ ވިދާޅުވި އެވެ. "މިއީ އެކަމަށް ފަށާ ކަމެއް. އަދި މީގެ ސަބަބުން ސްޕޯޓްސް ފޮޓޯގްރަފީ މުޅިން އެހެން ލެވެލަކަށް ގެންދެވޭނެ."

ޓީއެފްޖީއާ އެކު މަސައްކަތްކުރާ ފޮޓޯގްރާފަރު އުޝާ ބުނީ އޭނާގެ ފޮޓޯތަކުން ދައްކުވައިދޭނީ ހަމައެކަނި ދުވާ މަންޒަރު ނޫން ކަމަށެވެ.

"ބައެއް ފޮޓޯތަކުން މިހާރު ފެންނަނީ ހަމައެކަނި މީހާ ދުވާ މަންޒަރު. އެކަމަކު އަޅުގަނޑުމެން ފޯކަސްކުރާނަން އެ މީހާ ދުވާއިރު އެކުރާ މަސައްކަތާއި އެ ލާ ހިތްވަރާއި އޭނާގެ އިމޯޝަންސްތައް ވެސް ވީހާ ވެސް ބޮޑަށް ފެންނާނެ ގޮތަކަށް ފޮޓޯ ނަގަން. އަދި ވަށައިގެން ފެންނަ އެންވާރަމަންޓުގެ އަސަރު ވެސް ފެންނަ ގޮތަށް، ފޮޓޯތައް ކެޕްޗާކުރާނީ. ހަމައެކަނި ދުވާ ތަނެއް ވެސް ނޫން. ދުވެ ނިންމުމަށް ފަހު މެޑަލް އަޅުވާތަނާއި އެ ވަގުތު އެ މީހާގެ މޫނުމަތިން ފެންނަ އުފާވެރިކަމުގެ ކުލަތައް ވެސް ފޮޓޯތަކުގައި ޖެހިގެންދާނެ،" 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން މެޑަލް ހޯދި ދުވުންތެރިޔާ ހަސަން ސާއިދުގެ ފޮޓޯތައް ނަގައި މައުރަޒެއްގެ ގޮތުގައި ދުނިޔެއަށް ދައްކާލި ފޮޓޯގްރާފަރު ބުންޏެވެ.

ފޮޓޯގްރާފަރު އުޝާ.

ފޮޓޯގްރާފަރު އުޝާ.

ސްވިޒަލެންޑުގައި ދިރިއުޅޭ އުޝާ ބުނީ މިފަދަ ޕްރޮޖެކްޓެއްގައި ބައިވެރިވުމަކީ އޭނާ އަށް ވެސް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ޓީއެފްޖީން ލ. އަތޮޅުގައި ބާއްވާ މި ރޭހުގައި 300 ދުވުންތެރިން ބައިވެރިވާނެ އެވެ. ރޭހުގައި ހިމެނެނީ ފަސް ކިލޯމީޓަރުގެ ދުވުމާއި 10 ކިލޯމީޓަރުގެ ދުވުމުގެ އިތުރުން ހާފް މެރެތަން އާއި މެރެތަން އެވެ. މި ރޭހުގައި ވެސް ޓީއެފްޖީގެ އެހެން ހުރިހާ ރޭހެއްގެ ސިފަތައް ހުންނާނެ އެވެ. އެގޮތުން ޓައިމިން ބަލާނީ ބައިނަލްއަގްވާމީ މިންގަނޑަށް، ޓައިމިން ޗިޕް ބޭނުންކޮށްގެންނެވެ. އަދި ރޭސް ނިންމާ ކޮންމެ ބައިވެރިޔަކަށް މެޑެއްޔެއް ދޭނެ އެވެ.