Roadha Mihaaru
މުންޑޫ ކައުންސިލް ނައިބު ރައީސްގެ ބަންދަށް 7 ދުވަސް

މުންޑޫ ކައުންސިލްގެ ނައިބު ރައީސްގެ ބަންދަށް ހަތް ދުވަސް

09 ޖެނުއަރީ 2018

އަންހެނެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ނާސިފުގެ ބަންދަށް އިއްޔެ ކޯޓުން ހަތް ދުވަސް ދީފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އަންހެނެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ލ. މުންޑޫ ކައުންސިލްގެ ނައިބު ރައީސް އާދަމް ނާސިފުގެ ބަންދަށް އިއްޔެ ކޯޓުން ހަތް ދުވަސް ދީފި އެވެ.

އެ ރަށުގައި މިދިޔަ އާދިއްތަ ދުވަހު މާރާމާރީއެއް ހިންގިކަމުގެ ތުހުމަތުގައި ދެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ ޖުމްހޫރީ ޕާޓީގެ މެމްބަރު ނާސިފު، 30، ގެ އިތުރުން 19 އަހަރުގެ ޒުވާނެކެވެ. އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.

އެ އަތޮޅު ފޮނަދޫ ކޯޓުން ނާސިފުގެ ބަންދަށް ހަތް ދުވަސް އަދި 19 އަހަރުގެ ޒުވާނާގެ ބަންދަށް ފަސް ވަނީ ދީފަ އެވެ.

މުންޑޫ ކައުންސިލް މެމްބަރަކު އިއްޔެ ވިދާޅުވީ، މާރާމާރީގައި އަނިޔާވި އަންހެން މީހާ އެ އިދާރާގެ ތެރެއަށް ވަޅިއެއް ހިފައިގެން ވަން ކަމަށެވެ. އަދި އޭނާއާ ނާސިފާ ދެމެދު ޒުވާބުތަކެއް ހިނގި ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ. ނަމަވެސް އެކަން އެ އަންހެން މީހާ ދޮގުކުރެ އެވެ. އޭނާ ބުނީ އަތުގައި ވަޅިއެއް ވެސް ނޯންނާނެ ކަމަށާއި ކައުންސިލް އިދާރާއަށް ދިޔައީ ނާސިފާ ވާހަކައެއް ދައްކަން ކަމަށެވެ.

"ވާހަކަދެއްކީ ރީތިކޮށް. އެކަމަކު ވާހަކަ ދައްކާ ހުއްޓައި މޫނު މައްޗަށް ދޮރު ޖަހައި ތަޅުލީ. އަދި ބުނި މިއީ ތިމަންނަގެ ތަނެކޭ،" އޭނާ ބުންޏެވެ.

އަންހެން މީހާ ބުނީ ޒުވާބު ކުރަން އެއްވެސް ތަނަކަށް ނުދާ ކަމަށެވެ. އަދި ހިތްހަމަނުޖެހުނީ، އެ ރަށު ކޯޓަށް ލާފައިވާ ހަރަދާ ގުޅޭ ސިޓީއެއް ގަސްތުގައި ގެއްލުވާލައި، ގެއްލުނު ކަމަށް ބުނުމުން ކަމަށް ވެސް އޭނާ ބުންޏެވެ. އޭނާ ބުނީ ކޯޓުގެ އެޑްމިނިސްޓްރޭޓަރަކީ ނާސިފުގެ އަންހެނުން ކަމަށާއި ޒުވާބު ކުރީ އޭނާ ކަމަށެވެ.