Roadha Mihaaru

ގައްދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އުމުރުން ދުވަސްވީ މީހަކު ގދ. ގައްދޫ ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ގައްދޫގައި މީހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ
އާމިނަތު ޝިފްލީން
އާމިނަތު ޝިފްލީން

03 ޖެނުއަރީ 2018

އުމުރުން ދުވަސްވީ މީހަކު ގދ. ގައްދޫ ފަޅުތެރޭގައި މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.

ގައްދޫ ކައުންސިލްގެ މެމްބަރު އާމިރު އަބްދުﷲ ވިދާޅުވީ މެންދުރު 1:30 ހާއިރު، އެ ރަށު ފެހިގޭ ހުސެއިން މަނިކު މަރުވެފައި އޮއްވާ ފެނުނީ ގއ. އަތޮޅު ގަމުން ގައްދުއަށް ދިޔަ ބަޔަކަށް ކަމަށެވެ. ކިރިޔާ ހިނގައި އުޅެވޭ ވަރުގެ އެ މީހާގެ އުމުރުން 80-90 އަހަރު ވެދާނެ ކަމަށް ކައުންސިލުން ލަފާ ކުރެ އެވެ.

އާމިރު ވިދާޅުވި ގޮތުގައި ހުސެން މަނިކު ފެނުނީ ގައްދޫގެ ދެކުނު ފަރާތުން ރިވެޓްމެންޓް ޖަހާފައިވާ ސަރަހައްދުގެ ފަޅުތެރޭންނެވެ. އޭނާ ލަފާ ކުރާގޮތުން އެ ސަރަހައްދުގައި ހުސެން މަނިކު ހިނގާލަން ނުކުމެ އުޅެނިކޮށް މޫދަށް ވެއްޓި މަރުވީ އެވެ. އެކަމަކު އެކަން ހިނގި ގޮތް އަދި ޔަގީން ނުވާ ކަމަށް އާމިރު ވިދާޅުވި އެވެ.

"ހުސެން މަނިކު ނަމާދަށް ދާނީ އެ ސަރަހައްދުގައި ހުންނަ މިސްކިތަކަށް. އެހެންވެ، އަޅުގަނޑުމެންނަށް ލަފާކުރެވެނީ ނަމާދުން ފައިބައިގެން އަތިރިމައްޗަށް ނުކުމެ އުޅެނިކޮށް މޫދަށް ވެއްޓުނީ ކަމަށް،" ކައުންސިލްގެ މެމްބަރު ވިދާޅުވި އެވެ.

މިދިޔަ މަހުގެ މެދުތެރޭގައި ވެސް ހއ. ދިއްދޫގައި އުމުރުން ދުވަސްވީ އަންހެނަކު އެ ރަށު ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ވަނީ ފެނިފަ އެވެ.