Roadha Mihaaru
ހުޅުމާލޭގެ ފޭސް1ގެ ސްކޫލް އަންނަ އަހަރު ނިމޭނެ

ހުޅުމާލޭ ފޭސް 1 ގައި އިމާރާތްކުރާ ސްކޫލްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ: އެޗްޑީސީ

27 ޑިސެމްބަރ 2017

ހުޅުމާލޭގެ ފޭސް 1 ގައި އިމާރާތް ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގެ ފޭސް 1 ގައި އިމާރާތް ކުރަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ މަސައްކަތް އަންނަ އަހަރުގެ މެދުތެރޭގައި ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ އެ ސްކޫލުގެ އިމާރާތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ހަލުއިކަމާއެކު އެތަނުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.

މުޅިން އާ ކޮންސެޕްޓަކަށް އެ ސްކޫލު އިމާރާތް ކުރަން މިދިޔަ ޖެނުއަރީ މަހު ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އެ މަސައްކަތް 14 މަސް ތެރޭގައިި ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 132 މިލިއަން ރުފިޔާ އަށެވެ.

ހުޅުމާލޭގައި މިހާރު އަޅަމުން އަންނަ ފްލެޓްތަކުގައި އަންނަ އަހަރު 9،000 އަށް ވުރެ ގިނަ މީހުން ދިރިއުޅެން ފަށާނެ ކަމަށް ބެލެވެ އެވެ. އެހެންވެ ހުޅުމާލޭގެ ސްކޫލުތަކަށް ވެސް ބާރުބޮޑުވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް އިބްރާހިމް އިސްމާއިލް ވިދާޅުވީ، އަހަރުގެ މެދުތެރޭގައި ސްކޫލެއްގައި ކިޔަވަން ފަށަން ދަތިތަކެއް ދިމާވާނެ ކަމަށެވެ. ނަމަވެސް ހުޅުމާލޭގެ ސްކޫލުތަކަށް އޮތް ޑިމާންޑުތަކަށް ބެލުމަށް ފަހު، ފޭސް 1 ގެ އާ ސްކޫލްގައި ކިޔަވަން ފެށުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

"ކިޔެވުން ފަށާނެ ކަމެއް އަދި ނޫން ކަމެއް އަޅުގަނޑުމެން ނުނިންމަން. އަލަށް އާބާދުވާ މީހުންނާއެކު ސްކޫލުތަކަށް ޖާގައިގެ ދަތިކަން ދިމާވާނަމަ ޖެހޭނީ ފަށަން. އެކަމަކު އަހަރުގެ މެދުތެރެ ވުމުން ދަތިތަކެއް ހުންނާނެ،" އިބްރާހިމް އިސްމާއިލް ވިދާޅުވި އެވެ.

ހުޅުމާލޭގައި އަމިއްލަ މީހަކު އަޅައިދިން ސްކޫލުގެ މަސައްކަތްތައް ވެސް ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާ ވަރަށް އަވަހަށް ހަވާލުކުރާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ޗައިނާ ފްލެޓުތައް ކުރިމަތީގައި ހުންނަ އެ ސްކޫލުގައި 10 ކްލާސްރޫމް ހުރެ އެވެ.

ހުޅުމާލޭގައި މިހާރު ވެސް ސަރުކާރުގެ ޕްރީ ސްކޫލަކާއި އަމިއްލަ ބައެއްގެ ޕްރީ ސްކޫލެއް ހިންގަ އެވެ. މީގެ އިތުރުން ގާޒީ ސްކޫލާއި ރެހެންދި އަދި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލު ހުޅުމާލޭގައި ހިންގަ އެވެ.