Roadha Mihaaru
ނ. ބ، އަދި ހިންނަވަރަށް ރައީސް ފުރާވަޑައިގެންފި

އުތުރުގެ ތިން އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް ޔާމީން ފުރާވަޑައިގެންފި

24 ޑިސެމްބަރ 2017

ނ. އާއި ބ. އަތޮޅުގެ ބައެއް ރަށްރަށް އަދި ޅ. ހިންނަވަރަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން މިއަދު ފުރާވަޑައިގެންފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނ. އާއި ބ. އަތޮޅުގެ ބައެއް ރަށްރަށް އަދި ޅ. ހިންނަވަރަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް އަބްދުﷲ ޔާމީން މިއަދު ފުރާވަޑައިގެންފި އެވެ.

ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ނ. އަތޮޅުން ވަޑައިގަންނަވަނީ މާޅެންދު އާއި ހެނބަދު އާއި ހޮޅުދޫ އަދި ވެލިދު އަށެވެ. ބ. އަތޮޅުން އެމަނިކުފާނު ވަޑައިގަންނަވާނީ ކެންދު އާއި އޭދަފުށި އަދި ތުޅާދު އަށް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި ރައީސް ޔާމީންގެ މި ދަތުރުފުޅުގެ ބޭނުމަކީ އެ ރަށްރަށުގެ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމެވެ.

އެގޮތުން މާޅެންދު އަށް ރައީސް ވަޑައިގެން، އެ ރަށުގެ ބަނދަރާއި މިސްކިތް ހުޅުއްވައި ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

މީގެ އިތުރުން ހެނބަދޫގެ ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވުމާއި ހޮޅުދު އާއި ވެލިދޫގެ ބަނދަރު ރަސްމީކޮށް ހުޅުއްވައި ދެއްވުން ވެސް އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

ރައީސް ޔާމީން ކެންދު އަށް ވަޑައިގެން، އެ ރަށުގެ ބަނދަރު ހުޅުއްވައި ދެއްވައި، ބޯފެނުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވާނެ އެވެ. މީގެ އިތުރުން އޭދަފުށީގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި ތުޅާދޫގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ނިމުން ފާހަގަކުރުމުގައި ވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ހިންނަވަރަށް ރައީސް ޔާމީން ވަޑައިގަންނަވަނީ، އެ ރަށުގައި ގާއިމްކޮށްފައިވާ ބޯފެނުގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށެވެ.