Roadha Mihaaru
އިހަަވަންދޫ ކައުންސިލްގެ އެހީތެރިކަމެއް ނުލިބޭ: ޝައިނީ

މަސްވެރިންގެ ދުވަސް އިހަވަންދޫގައި ފާހަގަކުރީ ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނެތި: ޝައިނީ

17 ޑިސެމްބަރ 2017

މި އަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި އިއްޔެ ފާހަގަ ކުރީ އެ ރަށު ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނެތި، ރައްޔިތުންގެ ތެރެއިން ބަޔަކު އަމިއްލައަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މި އަހަރުގެ މަސްވެރިންގެ ދުވަސް ހއ. އިހަވަންދޫގައި އިއްޔެ ފާހަގަ ކުރީ އެ ރަށު ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނެތި، ރައްޔިތުންގެ ތެރެއިން ބަޔަކު އަމިއްލައަށް ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ރޭ ވިދާޅުވެއްޖެ އެވެ.

މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް އިހަވަންދޫގައި ބޭއްވި ޖަލްސާގައި ޝައިނީ ވިދާޅުވީ، އެ ރަށުގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރީ ކުރީގެ ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލަކާ އެއްގޮތަށް ކަމަށެވެ. ފަހުން ކައުންސިލް ބަދަލުވި ނަމަވެސް މަސްވެރިންގެ ދުވަސް ފާހަގަ ކުރަން ނިންމީ، ޕްރޮޕޯސަލްއާ އެއްގޮތަށް އަމަލުކުރާނެ ކަމުގެ ޔަގީންކަން ފަހުން އައި އިދިކޮޅު އެމްޑީޕީގެ ކައުންސިލުން ދިނުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ކަންތައްތައް ވެގެން ދިޔައީ ކުރިން ވެސް ހީކުރި ގޮތަށް ކަމަށާއި އިހަވަންދޫ މަސްވެރިންނަށް ލިބެން އޮތް ރީތިކަމަކާއި ފަޚުރެއް، ކައުންސިލުން ހަޑިކޮށްލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ކައުންސިލްގެ އެއްވެސް އެހީތެރިކަމެއް ނެތި، ދުވަހުގެ އިންތިޒާމުތައް ހަމަޖައްސައިދިނީތީ، ވެރިކަން ކުރާ ޕީޕީއެމްގެ އިހަވަންދޫގެ މެމްބަރުންނަށް ޚާއްސަކޮށް ޝުކުރެއް ޝައިނީ އަދާކުރެއްވި އެވެ.

ފިޝަރީޒް މިނިސްޓަރު ޝައިނީ އިއްޔެ އިހަވަންދުއަށް ވަޑައިގަތުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަނީ

ފިޝަރީޒް މިނިސްޓަރު ޝައިނީ އިއްޔެ އިހަވަންދުއަށް ވަޑައިގަތުމުން އެ ރަށުން އޭނާއަށް މަރުހަބާ ކިޔަނީ

އެކަމަކު އޭނާގެ މި ތުހުމަތުތައް އިހަވަންދޫ ކައުންސިލުން ދޮގުކުރެ އެވެ.

އެ ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މަސްވެރިންގެ ދުވަހަށް އިހަވަންދޫ ޒީނަތްތެރިކޮށް އެހެން އިންތިޒާމުތައް ވެސް ހަމަޖެއްސީ ކައުންސިލުން އިސްނަގައިގެން، ރަށުގެ އެންމެން ނުކުމެ ކަމަށެވެ. އެކަމަކު ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން ކުރަމުން އައި އެ މަސައްކަތް ފެއިލްވީ ޕީޕީއެމްގެ ބަޔަކު ނުކުމެ، ރަށުތެރޭގައި ފިޔާތޮށި ކުލައިގެ ފޮތި ދަމަން ފެށުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުވަހާ ގުޅޭ އިންތިޒާމްތައް ހަމަޖެއްސުމަށް ހުރިހާ ޕާޓީއެއްގެ މީހުން ވެސް ނުކުތް. އެންމެ އެކުގައި ގައުމީ ކަމެއްގެ ގޮތުގައި ދެކިގެން އެކަން ކުރަމުން އައީ. އެކަމަކު ބަޔަކު ނިކުމެ ފިޔާތޮށިކުލައިގެ ފޮތި ދަމަން ފެށުމުން ދެން ތިބި މީހުން ރުޅި އައިސްގެން މަސައްކަތް ހުއްޓާލީ. އަޅުގަނޑުމެން ތަކުރާރުކޮށް ދެންނެވިން މަސްލަހަތު ގެއްލޭ ފަދަ ކަމެއް އެއްވެސް ބަޔަކު ނުކުރަން،" ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިނިސްޓަރު ޝައިނީ ރަށަށް ވަޑައިގަތުމުން މަރުހަބާ ކިޔުމަށް މާބޮނޑި ހަވާލުކުރުމާއި ކުރުނބާ ދިނުމާއި ކެއުންބުއިމުގެ ކަންކަން ވެސް ކައުންސިލުން ހަމަޖެއްސި އެވެ. އެކަމަކު އިހަވަންދޫގައި ތިބި ޕީޕީއެމް މެމްބަރުން އެ ހުރިހާ ކަމެއް ފަހުން އަމިއްލައަށް ހަމަޖެއްސުމުން، މިނިސްޓަރުންގެ ޓީމު ވަޑައިގަތީ އެ މެމްބަރުންނާ އެކު ކަމަށް ވިދާޅުވި އެވެ.

މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ތައްޔާރުކުރި ގިޑިގެއެއް: މިއީ ސަރުކާރު ފަލީހަތްވާ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށް ބުނެ ނަގަން ވަނީ އަންގާފައި

މަސްވެރިންގެ ދުވަހަށް އިހަވަންދޫގައި ތައްޔާރުކުރި ގިޑިގެއެއް: މިއީ ސަރުކާރު ފަލީހަތްވާ ގޮތަށް ހަދާފައިވާ އެއްޗެއް ކަމަށް ބުނެ ނަގަން ވަނީ އަންގާފައި

ޝައިނީ ވަނީ އިހަވަންދު އަށް ވަޑައިގެން، ރަށުގެ ކައުންސިލާ ބައްދަލ ކުރައްވައި ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ. އަދި "ކަންތައްތައް ވަރަށް ދެރަކޮށް ދާ ކަމަށާއި އެގޮތަށް ކަންކަން ކުރިއަށް ދާނަމަ އެހެން އޮޕްޝަނެއް ހޯދަން ޖެހިދާނެ" ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިނިސްޓަރާއި ސަރުކާރުގެ ވަފުދަށް ކެއުން ތައްޔާރުކޮށްދޭނެ ބައެއް ހޯދުމަށް ދެ ފަހަރަށް އިއުލާން ކުރުމުން ވެސް އެއްވެސް ބަޔަކު ކުރިމަތި ނުލުމުން އެކަން ހަމަޖެއްސީ ކައުންސިލުން އަމިއްލަ އަށް ހެޔޮއެދޭ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އެކަމަކު އެ މީހުން މިއަދު ކެއުން ތައްޔާރުކޮށްގެން ގިނައިރުތަކެއް ވާންދެން މިނިސްޓަރާއި ޓީމުގެ އިންތިޒާރުގައި ތިބި ނަމަވެސް ވަޑައިނުގެންނެވި ކަމަށް ވިދާޅުވި އެވެ. މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް އިހަވަންދޫގައި ގިޑިގެތައް ތައްޔާރުކޮށްފައި ހުރީ ސަރުކާރު ބަދުނާމުކުރާ ގޮތަށް ކަމަށް ބުނެ، އެ ތަކެތި ނަގަން ވެސް ކައުންސިލަށް ވަނީ އަންގާފަ އެވެ.

ފިޝަރީޒް މިނިސްޓްރީން ބުރާސްފަތި ދުވަހު ހެނދުނު ނަގަން އަންގާފައިވަނީ ދޯންޏެއް އަޑިއަށް ގޮސް ދޯނީގެ ހަމައެކަނި ދިރުނބާ ފެނުން މައްޗަށް ހުރި ގޮތަށް ހަދާފައި ހުރި ގިޑިގެއަކާއި މަހުގެ ކަށިފޮއްޗެއް ގޮތަށް ހަދާފައި ހުރި ގިޑިގެއެކެވެ. އެ ތަކެތި ނަގަން އަންގާފައިވަނީ، އެއިން ސަރުކާރުން މަސްވެރިން އިނދަޖައްސައި، ދޯންޏެއް ކަނޑުފައްތާފައި ހުރި މަންޒަރާއި މަސްވެރިކަމުން ލިބޭ ހުރިހާ ނަފާ ސަރުކާރުން ނަގާ ކަމަށް ދޭހަވާ ކަމަށް ބުނެ އެވެ.

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރޭ އެ ރަށުގައި ބޭއްވި ޖަލްސާއާ ދިމާކޮށް ބައެއް މަސްވެރިން ނުކުމެ މުޒާހަރާ ވެސް ކޮށްފައި ވެ އެވެ.