Roadha Mihaaru
ގައިސަރަށް، ޓޫރިޒަމް ދާއިރާގެ ޝަރަފްވެރި އެވޯޑެއް

ގައިސަރަށް، ޓޫރިޒަމް ދާއިރާގެ ޝަރަފްވެރި އެވޯޑެއް

03 ޑިސެމްބަރ 2017

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ މަގާމު، ވިލާ ހޮޓެލް އެންޑް ރިސޯޓް ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް ލިބިވަޑައިގެންފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ މަގާމު، ވިލާ ހޮޓެލް އެންޑް ރިސޯޓް ގުރޫޕް ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް ލިބިވަޑައިގެންފި އެވެ.

ސްވިޒަލޭންޑްގައި ރޭ ބޭއްވި ހަފްލާއެއްގައި، ޓޫރިޒަމް ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރައްވާފައިވާ، ގައިސަރަށް އެވޯޑު ލިބިވަޑައިގަތީ ދުނިޔޭގެ އެކި ބައްރުތަކުގައި މަސައްކަތް ކުރާ މަޝްހޫރު ހޮޓެލް ބްރޭންޑްތަކުގެ ޖެނެރަލް މެނޭޖަރުންނާ ވާދަކުރައްވައިގެންނެވެ.

މިއީ ޓޫރިޒަމް ދާއިރާގައި ދިވެއްސަކަށް މިހާ ޝަރަފްވެރި އެވޯޑެއް ލިބުނު ފުރަތަމަ ފަހަރެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ކޮއްކޮ ގައިސަރު ވިދާޅުވި މިއީ ރާއްޖެ އަށާއި ޓޫރިޒަމް އިންޑަސްޓްރީ އަށް ލިބުނު ރީތި ނަމެއް ކަމަށެވެ. އަދި ގިނަ އަދަދެއްގެ ޖެނެރަލް މެނޭޖަރުންނާ ވާދަކޮށްގެން، އެވޯޑެއް ލިބުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ގިނަ މަސައްކަތްތަކެއް ޓޫރިޒަމް ދާއިރާގައި ކުރެވިފައި ވަނީ. އެހެންވީމަ، އެ މަސައްކަތުގެ އަގުވަޒަންކޮށް، އެވޯޑެއް ލިބުމަކީ ފަހުރުވެރިވާ ކަމެއް. މިއީ ރާއްޖެއަށް ލިބުނު ރީތި ނަމެއް،" ތުނޑިފުށި ބީޗު ރިސޯޓުގައި ރިސެޕްޝަނިސްޓެއްގެ ވަޒީފާއިން ޓޫރިޒަމް ދާއިރާ އަށް ނުކުންނެވި ގައިސަރު ވިދާޅުވި އެވެ.

ޕެރަޑައިސް ރިސޯޓުގައި ޖެނެރަލް މެނޭޖަރުކަން ކުރެއްވި ގައިސަރު ވިދާޅުވީ އެއީ ޓޫރިޒަމް ދާއިރާ އިން ދޭ އެވޯޑުތަކުގެ ތެރެއިން އެންމެ މަތީ އެއް އެވޯޑު ކަމަށެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ހޮޓެލްތަކުގެ 600 މީހުން، އެވޯޑް ހަފުލާއަށް ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައިސަރު ވިދާޅުވި ގޮތުގައި އެހާ ބޮޑު ޝަރަފެއް އޭނާ އަށް ލިބިވަޑައިގަތުމުގައި ވިލާ ގްރޫޕްގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހިއްސާ ވަރަށް ބޮޑެވެ. އެގޮތުން މިހާ ހިސާބަށް އާދެވުނީ ގާސިމްގެ އެހީތެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާއާ އެކު މަސައްކަތް ކުރާ މުވައްޒަފުންގެ އެހީތެރިކަން ވެސް ގައިސަރު ވަނީ ފާހަގަކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާސިމަކީ ދިވެހިންނަށް އެކި ފުރުސަތު ހޯއްދަވައި ދެއްވުމުގައި ލާމަސީލު މިސާލެކެވެ. އަދި އެފަދަ ދެވަނަ ބޭފުޅެއް ރާއްޖޭގައި ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިންނަށް ފުރުސަތުތައް ދިނުމުގައި ގާސިމް ވަރުގެ ލާމަސީލު މިސާލެއް ނުހުންނަނާނެ. ވިސްނުން ތޫނު، ދިވެހިންނަށް އިތުބާރު ކުރައްވާ ބޭފުޅެއް އެއީ،" ހޮޓެލް އޮޕަރޭޝަންސް އެންޑް މެނޭޖުމަންޓް ދާއިރާ އިން ޑިޕްލޮމާ އާއި ޑިގްރީ ހާސިލްކުރައްވާފައިވާ ގައިސަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޓޫރިޒަމްގެ އެކި ދާއިރާތަކުގައި އުޅޭ ގިނަ އަދަދެއްގެ ބަޔަކަށް ފުރިހަމަ ތަމްރީން ދީފައިވުމެވެ.

"އެންމެ ބޮޑަށް ދެކޭ ހުވަފެނަކީ މި އިންޑަސްޓްރީގެ މެނޭޖީރިއަލް ލެވެލްގައި ގިނަ އަދަދަކަށް ދިވެހިންގެ ބައިވެރިވުން ފެނި، ދިވެހިންނަކީ އެހާ ގާބިލް ބައެއް ކަމުގައި ވުން. ދިވެހިންގެ އެ ހުނަރު އެބަހުރި،" ފުވައްމުލަކަށް އުފަން ގައިސަރު ވިދާޅުވި އެވެ.

ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގައި ޕެރަޑައިސް އަށް ވަނީ އިންޑިޔާ ކަނޑުގެ އެންމެ ފުރިހަމަ ލަގްޒަރީ ބީޗް ރިސޯޓުގެ އެވޯޑާއި ގްލޯބަލް ކެޓަގަރީ އިން ލަގްޒަރީ މޫދު ވިލާ އެވޯޑު ވެސް ލިބިފަ އެވެ.

ގައިސަރު ޕެރަޑައިސްގެ ޖެނެރަލް މެނޭޖަރުކަން ކުރެއްވީ 2011 ވަނަ އަހަރުން ފެށިގެންނެވެ. އޭނާ ވިލާ ހޮޓެލް އެންޑް ރިސޯޓްގެ ގުރޫޕް ޖެނެރަލް މެނޭޖަރުކަމާ ކަމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ މަހު އެވެ.

ގައިސަރު ވަނީ އޭގެ ކުރިން ރޯޔަލް އައިލެންޑް ރިސޯޓު އެންޑް ސްޕާގައި ރެސިޑެންޓް މެނޭޖަރު ކަން ވެސް ކުރައްވައިފަ އެވެ.

މިދިޔަ އަހަރު ގައިސަރަށް ވަނީ ވޯލްޑް ލަގްޒަރީ ހޮޓެލް އެވޯޑްސްގެ އިންޑިއަން އޯޝަން ބައިގެ އެންމެ މޮޅު ޖެނެރަލް މެނޭޖަރުގެ އެވޯޑު ވެސް ލިބިވަޑައިގެންފަ އެވެ. އަދި މަޓާޓޯއިން ދޭ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ ޕީޕަލްސް އެޑިޝަންގެ އެވޯޑު ވެސް ގައިސަރަށް ލިބިވަޑައިގެންނެވި އެވެ.