Roadha Mihaaru
ވަރަށް ބޮޑަށް މޫސުން ގޯސްވެ، ލަންކާ ރެޑް އެލާޓުގައި

ވަރަށް ބޮޑަށް މޫސުން ގޯސްވެ، ލަންކާ ރެޑް އެލާޓުގައި

30 ނޮވެމްބަރ 2017

ކޮލަމްބޯ (ނޮވެމްބަރު 30) - ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރު އޭރިއާ، ޑިޕްރެޝަނަކަށް ބަދަލުވުމާ އެކު ލަންކާ އަށް އާދަޔާޚިލާފަށް މޫސުން ގޯސްވެ އިއްޔެ ހަވީރުން ފެށިގެން ރެޑް އެލާޓް ނެރެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 30) - ސްރީ ލަންކާ ކައިރީގައި އުފެދިފައިވާ ލޯ ޕްރެޝަރު އޭރިއާ، ޑިޕްރެޝަނަކަށް ބަދަލުވުމާ އެކު ލަންކާ އަށް އާދަޔާޚިލާފަށް މޫސުން ގޯސްވެ އިއްޔެ ހަވީރުން ފެށިގެން ރެޑް އެލާޓް ނެރެފި އެވެ.

ސްރީ ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ވަނީ ކުރިއަށް ދުވަސްތަކުގައި މޫސުން ވަރަށް ބޮޑަށް ގޯސްވެ ބޯކޮށް ވާރޭ ވެހި، ވައިގަދަވާނެތީ އާއްމުން ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ. ޑީއެމްސީން ރެޑް އެލާޓް ނެރެފައި ވަނީ އިއްޔެ ހަވީރު އެވެ. ވެރިރަށް ކޮލަމްބޯ ސަރަހައްދަށް ގަޑިއަކު 60 ކިލޯމީޓަރުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ލަފާކޮށްފަ އެވެ.

މޫސުން ގޯސްވެ ކަނޑުގަދަވާނެތީ މަސްވެރިން މަހަށް ނުފުރުމުން ލަންކާގެ މޫސުމާ ބެހޭ އިދާރާ އިން ވަނީ އިލްތިމާސްކޮށްފަ އެވެ. ޑީއެމްސީގެ ތަރުޖަމާނަކު ވިދާޅުވީ މޫސުމް ގޯސްވެގެން އެއްވެސް އިމާޖެންސީ ހާލަތެއް މެދުވެރިވެދާނެތީ ފުލުހުން ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމަށެވެ.

ލަންކާގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ ބިންގަނޑު ފައިބައިފާނެކަމުގެ އިންޒާރު ނޭޝަނަލް ބިލްޑިން ރީސާޗް އޮގަނައިޒޭޝަން (އެންބީއާރުއޯ) އިން ވަނީ ދީފަ އެވެ.

ލަންކާ އަށް ވަރަށް ބޮޑަށް މޫސުން ގޯސްވެފައިވާތީ އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވެ ތިބުމަށް ރާއްޖޭގެ އެމްބަސީން ވަނީ އިލްތިމާސްކޮށްފަ އެވެ.

ލަންކާ ކައިރީގައި އުފެދިފައިވާ ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ވެސް ކުރާނެ ކަމަށް ރާއްޖޭގެ މެޓް އޮފީހުން ވަނީ ބުނެފަ އެވެ. ލަންކާ ކައިރީގައި އިއްޔެ އުފެދުނު ކޮޅިގަނޑު ދަތުރު ކުރަމުން ދަނީ ރާއްޖޭގެ އެންމެ އުތުރުގެ ދެ އަތޮޅު ކަމަށްވާ ހއ. އާއި ހދ. އަތޮޅުގެ އުތުރުން ހުޅަނގު އުތުރަށް ކަމަށް މެޓުން ބުނެފައިވެ އެވެ. ކޮޅިގަނޑުގެ އަސަރު ރާއްޖެ އަށް ކޮށް ކަނޑު ގަދަވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުން އަދި ޚާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.