Roadha Mihaaru
ޓަވަރުއަޅާނެ ބަޔަކު އެމްޕީއެލާއި ވެމްކޯއިން ވެސް ހޯދަނީ

ޓަވަރު އަޅާނެ ބަޔަކު އެމްޕީއެލާއި ވެމްކޯއިން ވެސް ހޯދަނީ

29 ނޮވެމްބަރ 2017

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޓަވަރު އަޅާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ވެމްކޯއިން ވެސް މިއަދު އިއުލާނުކޮށްފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ޓަވަރު އަޅާނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި ވެމްކޯއިން ވެސް މިއަދު އިއުލާނުކޮށްފި އެވެ.

ހުޅުމާލޭގައި 80،000 މީހުންނަށް ބޯހިޔާވަހިކަން ދިނުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫއުގެ ދަށުން ޕޯޓްސް ލިމިޓެޑުން އަޅަން ނިންމާފައިވަނީ 14 ބުުރީގެ ތިން ޓަވަރެވެ. އަދި ވެމްކޯއިން އަޅަނީ 15 ބުރީގެ އެންމެ ޓަވަރެކެވެ.

ޕޯޓްސްގެ އިމާރާތްތައް އަޅަނީ، ޓަވަރެއް 12،000 އަކަފޫޓުގަ އެވެ. އަދި އެ ޓަވަރުތައް އެޅުމަށް ޝައުގުވެރިވާ ފަރާތްތައް، އަންނަ މަހުގެ ފަހެއްގެ ކުރިން އެކަން ހުށަހެޅުމަށް އިއުލާނުގައި ވެ އެވެ.

ވެމްކޯގެ ޓަވަރު، 10،000 އަކަފޫޓުގެ ބިމެއްގައި އަޅާއިރު އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ޑިސެމްބަރު ހަތެއްގެ ކުރިން އެކަން ހުށަހަޅަން އެ ކުންފުނިން ކޮށްފައިވާ އިއުލާނުގައި ބުނެފައި ވެ އެވެ.

ސަރުކާރުން އިއުލާނުކޮށްފައިވާ ގޮތުގައި ހުޅުމާލޭގައި 25 ބުރީގެ 62 ޓަވަރު އަޅާނެ އެވެ. އަދި އޭގެ ތެރެއިން ގިނަ ޓަވަރުތައް ހަދަން ސަރުކާރުގެ ބައެއް ކުންފުނިތަކާ ހަވާލުކުރުމުން، އެ ކުންފުނިތަކުން އަންނަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާންކުރަމުންނެވެ.

އެކަމަކު ސަރުކާރުގެ ކުންފުނިތަކުން މުޅިން ވެސް އިއުލާންކުރަނީ 15 ބުރީގެ ޓަވަރުތައް ހަދާށެވެ. އެތަންތަނުން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ފްލެޓްތައް ހާއްސަކުރެ އެވެ. އަދި ބާކީ ފްލެޓްތައް ދޫކުރާނީ އާންމުންނަށެވެ.

އެމްޕީއެލާއި ވެމްކޯގެ އިތުރުން ކަސްޓަމްސް އިން ވެސް ހަތަރު ޓަވަރު އަޅަން ވަނީ އިއުލާންކޮށްފަ އެވެ. އަދި އައިލެންޑް އޭވިއޭޝަނުން ތިން ޓަވަރު އަދި ސްޓެލްކޯ އިން ދެ ޓަވަރު އަޅާނެ ބަޔަކު ހޯދަން ވަނީ އިއުލާންކޮށްފަ އެވެ.

ބޯހިޔާވަހިކަމަށް ހައްލު ހޯދަން ހުޅުމާލޭގައި 15،000 ފްލެޓް އަޅަން ނިންމާފައިވާއިރު، މި މަޝްރޫއު 2019 އަށް ނިމޭނެ ކަމަށް ސަރުކާރުން ބުނެ އެވެ.