22 ނޮވެމްބަރ 2017
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ޚިޔާނާތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ފަޅާއެރި އެންމެ ބޮޑު ޚިޔާނާތެވެ. ލިޔެ ކިޔުމުން ފެންނަން އޮތް އަދަދަށް އެކަނި ބެލިޔަސް، އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު އަދަދު 1.22 ބިލިއަން ރުފިޔާއަށް އަރަ އެވެ. މިއީ ރާއްޖެ ފަދަ ގައުމަކާ އަޅާބަލާއިރު ނިސްބަތުން ވަރަށް ބޮޑު އަދަދެކެވެ.
އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ކުރި ތަހުގީގުތަކަށް ފަހު، އެކަމުގައި ތުހުމަތުކުރެވޭ ބައެއް މީހުންނާ ދެކޮޅަށް ދަނީ ދައުވާ ކުރަމުންނެވެ. އެކަމަކު މިއަދާ ހަމައަށް ވެސް، ގެއްލުނު އެއްވެސް ފައިސާއެއް ދައުލަތަކަށް ނުލިބެ އެވެ.
ސަރުކާރުން ފުރަތަމަ ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދެން އޮތީ އޭސީސީގެ ރިޕޯޓް ނެރުމުން ކަމަށެވެ. ޝަރުއީ މަރުހަލާގެ ތެރެއިން އެ ފައިސާ ހޯދަން ދައުވާ ކުރެވޭނީ އޭގެ ފަހުގައި ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. އެކަމަކު ފަހުން ސަރުކާރުން ބުނެފައިވާ ގޮތުގައި އޭގެ ތެރެއިން ބައެއް ފައިސާ ވަނީ އަނބުރާ ލިބުމުގެ މަގުމަތީގަ އެވެ.
"އޭސީސީގެ ރިޕޯޓް ނުނިކުތް ކަމުގައިވިޔަސް، މިހާރު ވެސް އެނގިފައި އޮތް ގޮތުން ބައެއް ފައިސާ އާއި އެސެޓްތައް ލިބުމުގެ މަގުމަތީގައި ވަނީ،" ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިދާޅުވެފައިވެ އެވެ.
އޭސީސީގެ ތަހުގީގު ނިމި، މިހާރު ވަނީ ކަމާ ބެހޭ އިދާރާތަކާ އެ ރިޕޯޓް ހިއްސާކޮށްފަ އެވެ. އެކަމަކު އެ ފައިސާ ހޯދުމުގެ ގޮތުން އެއްވެސް މަސައްކަތެއް ކުރާ ކަމެއް އެނގިފައެއް ނެތެވެ. ކޮންމެ ގޮތެއް ވިޔަސް، އެ ފައިސާ ދައުލަތަށް ލިބެން އޮންނާނެ އެއްގޮތަކީ ޝަރުއީ މަރުހަލާ އެވެ. އެ ޚިޔާނާތުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބްގެ މައްޗަށް ދައުވާތަކެއް އުފުލައި، ޝަރީއަތް ދަނީ ހިނގަމުންނެވެ. ޒިޔަތުގެ މައްޗަށް މިހާރު ދައުވާތަކުގައި އެކަނި ވެސް، ދައުލަތަށް ގެއްލުނު ކަމަށް ބުނާ އަދަދު 700 މިލިއަން ރުފިޔާއަށް ވުރެ މައްޗަށް އަރަ އެވެ.
އެކަމަކު އެ ދައުވާތައް ސާބިތުވެ ޖަލަށް ލިޔަސް އެ ފައިސާ ލިބެން އޮތީ އިތުރު މަރުހަލާތަކެއް ފުރިހަމަ ކޮށްގެންނެވެ. ސަބަބަކީ މިހާރު ގާނޫނުލް އުގޫބާތު އޮންނަ ގޮތުން، ކުށެއްގެ ސަބަބުން ލިބޭ މަދަނީ ގެއްލުމަކީ އެ ކުށުގެ އަދަބުގައި ހިމެނޭ ކަމަކަށް ނުވާތީ އެވެ. އެހެންވެ، ޒިޔަތާއި އަދީބުގެ މައްޗަށް ދައުވާތައް ސާބިތުވެ ޖަލު ހުކުމް އަޔަސް ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާ ލިބެން އޮންނާނީ މަދަނީ ވަކި ދައުވާތަކެއް ކޮށްގެންނެވެ.
ކުރުކޮށް ބުނާ ނަމަ، ޚިޔާނާތުގެ ތުހުމަތުކުރެވޭ ފަރާތްތަކާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަކުން އަދި މިކަން ނިމޭކަށް ނެތެވެ. މިކަމުން ލިބުނު ގެއްލުން ފޫބެއްދެން އޮތީ މަދަނީ ގޮތުން ދައުވާ ކޮށްގެން އެ ފައިސާ ހޯދައިގެންނެވެ. މަދަނީ ގޮތުން ދައުވާ ކޮށްގެން އެ ފައިސާ ހޯދާނެ ކަމުގެ ޔަގީން ކަން އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ކުރިން އޮތީ ދެއްވައިފަ އެވެ. އެކަމަކު ބޮޑު އެ ޚިޔާނާތް ފަޅާއެރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ވީއިރު ވެސް އެއިން އެއްވެސް ފައިސާއެއް އަނބުރާ ހޯދަން އެޓާނީ ޖެނެރަލް އޮފީހުން މިހާތަނަށް ދައުވާއެއް ކޮށްފައެއް ނެތެވެ. ކުރިއަށް ދަނީ ޖިނާއީ ދައުވާތައް އެކަންޏެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރެއިިން މިހާތަނަށް ޝަރީއަތަށް ސާބިތުވީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އަށް ޚިޔާނާތްތެރިވުމުގެ ދައުވާ އެކަންޏެވެ. އެ ދައުވާ ސާބިތުވެ، އަދީބާއި ޒިޔަތު އަދި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ޖަލު ހުކުމް އަޔަސް އެ ފައިސާ ދައްކަން އެ ބޭފުޅުންގެ މައްޗަށް މިހާތަނަށް ހުކުމެއް އައިސްފައެއް ނެތެވެ.
އަދީބު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ދައުލަތުން ދެކޮޅުހަދައި، ދައްކާ ސަބަބަކީ ވެސް އަދީބު ޚިޔާނާތްތެރިވި ކަމަށް ބުނާ ފައިސާ ދައުލަތަށް ނުލިބި އޮތުމެވެ. އެކަމަކު ހަގީގަތަކީ ޚިޔާނާތުގެ އެއްވެސް ފައިސާއެއް ދައްކަން ގާނޫނީ ގޮތުން މިހާތަނަށް އަދީބުގެ މައްޗަށް ނުުވަތަ އެކަމުގައި ބައިވެރިވި އެހެން މީހެއްގެ މައްޗަށް ލާޒިމްވެފައި ނެތުމެވެ. އެފަދަ ހުކުމެއް ވެސް ނެތެވެ. މިހާތަނަށް ސާބިތުވި ފަސް މިލިއަން ޑޮލަރުގެ މައްސަލާގައި ވެސް އެ ފައިސާ ހޯދަން މަދަނީ ދައުވާއެއް އަދި ނުކުރެ އެވެ.
މަދަނީ ދައުވާ ކޮށްގެން އެ ފައިސާ ދައްކަން ޖެހޭކަން ސާބިތުވެއްޖެ ނަމަ، ފައިސާ ދައްކަން އެކަށީގެންވާ މުއްދަތު ދިނުމަށް ފަހު ދަރަނި ދައްކަން ޖެހޭ މީހާގެ މިލްކިއްޔާތު ވިއްކާލައިގެން ވެސް ފައިސާއެއް ހޯދޭނެ އެވެ. އެކަމަކު މި ހިސާބަކަށް މިކަން ގެންދެވެން އޮންނާނީ ވެސް އެ ފައިސާ ހޯދަން ދައުލަތުން ދައުވާ ކުރުމުންނެވެ.
ދައުލަތަށް ގެއްލިފައި ހުރި ފައިސާ އަނބުރާ ހޯދަން ދާދި ފަހުން ވަނީ އެސެޓް ރިކަވަރީ ކޮމިޝަނެއް ވެސް އުފައްދައިފަ އެވެ. ދައުލަތަށް ގެއްލިފައި ހުރި ފައިސާގެ މައްސަލަތައް ބަލައި، އިސްތިސްނާއެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތު: ހިޔާނާތުގެ 30 ދައުވާއެއް އޭނާގެ މައްޗަށް ވަނީ އުފުލާފައި-- ފޮޓޯ/މިހާރު
ގެއްލުނު ފައިސާ ހޯދަން އުނދަގޫ ނަމަ ދެން އޮތް ގޮތަކީ އެ މުއާމަލާތްތަކުގައި އެކި ފަރާތްތަކަށް ދޫކުރި ރަށްތަކާއި ފަޅުތައް ދައުލަތަށް އަނބުރާ ނެގުމަށް ފަހު، އެހެން ބަޔަކަށް ކުއްޔަށް ދީގެން އާމްދަނީ ހޯދުމެވެ. އެކަމަކު މިއީ ކުރަން ވަރަށް އުނދަގޫ ކަމެކެވެ. އަދި މިކަމުން ކުރިމަތިވެދާނެ މައްސަލަތަކަށް ބަލައި، މިކަން މިގޮތަށް ކުރަން ސަރުކާރު ވެސް ބޭނުމެއް ނުވެ އެވެ. އޭގެ ސަބަބުތަކެއް ވެސް އެބަ ހުއްޓެވެ.
ރަށްތަކާއި ފަޅުތައް ލިބުނު ފަރާތްތަކުން އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އެ ފަރާތްތަކުން ދެއްކިކަން އެނގެ އެވެ. އެ ފައިސާ އަށް ޚިޔާނާތްތެރިވީ ފައިސާގެ ޗެކްތަކާ ހަވާލުވި މީހުންގެ ތެރެއިން ބައެކެވެ. ޒިޔަތުގެ ޝަރީއަތުގައި އާންމުވި މައުލޫމާތުތަކަށް ބަލާއިރު، އެ މުއާމަލާތްތަކުގައި ދޫކުރި ރަށްތަކާއި ފަޅުތަކަށް ފައިސާ ދައްކަން އެކި ފަރާތްތަކުން ދިން ޗެކްތައް އެޑްރެސް ކޮށްފައި ހުރީ ވެސް ސީދާ އެމްއެމްޕީއާރުސީއަށެވެ. އެހެންވެ، އެއްގޮތުން ބަލާ ނަމަ ފައިސާ ދިން މީހުންގެ މައްސަލައެއް ނެތެވެ. އެ މީހުން އަމަލުކުރީ ރަށްތައް ދޫކުރުމާ އޭރު ހަވާލުވެ އޮތް އެމްއެމްޕީއާރުސީން އެ މީހުންނަށް އެންގި ގޮތަށެވެ.
އެ މުއާމަލާތްތަކުގެ ތެރެއިން އެމްއެމްޕީއާރުސީން އޭރު ދޫކުރި ރަށަކާއި ފަޅެއްގެ އިކުއިޒިޝަން ކޮސްޓް ދައުލަތަށް ނުލިބި އޮތުމުން ކަމަށް ބުނެ، އެ ދެ ތަން މިދިޔަ އަހަރު ސަރުކާރުން އަތުލި އެވެ. މިއީ އެ މުއާމަލާތްތަކުގައި އެމްއެމްޕީއާރުސީން ދޫކުރި ތަންތަނުގެ ތެރެއިން އަތުލި ފުރަތަމަ ދެ ތަނެވެ. ނަމަވެސް އެ ދެ މައްސަލަ ވެސް ނިމުނީ ދައުލަތާ ދެކޮޅަށެވެ. ކޯޓުން ނިންމީ އެ ދެ ތަނުގެ އެއްބަސްވުން ބާތިލް ނުކުރެވޭނެ ކަމަށާއި އެހެންވެ، އެ ތަންތަން އަނބުރާ ހަވާލުވާ ކުރަން ޖެހޭނެ ކަމަށެވެ.
ކޯޓުގެ ހުކުމުގައި ވެސް އޮތީ ކުރިން މިދެންނެވި ސަބަބެވެ. ތަން ކުއްޔަށް ހިފި ފަރާތުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ހަވާލުކޮށް، އެ ފަރާތްތަކުން އަދާކުރަން ޖެހޭ ޒިންމާ އަދާކޮށްފައި އޮތްކަން ސާބިތުވާއިރު، އެ ފައިސާއާ ހަވާލުވި ފަރާތުން އެއަށް ޚިޔާނާތްތެރިވުމަކީ ފައިސާ ދެއްކި ފަރާތުން ޒިންމާ ނަގަން ޖެހޭ ކަމެއް ނޫން ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.
"ފައިސާ ބަލައިގަނެ އެގޮތުގެ މައްޗަށް ދޫކުރާ ލިޔުން ނުވަތަ ރަސީދު ލިބުމަށް ފަހުގައި ފައިސާ ދެއްކި މީހަކީ ނުވަތަ ބަޔަކީ މައުސޫމް މީހެއް ނުވަތަ ބައެއް ކަމާއި، އަދި ފައިސާގެ މައްޗަށް އޮތް އޭނާގެ ޒިންމާ ކެނޑި ފައިސާ ބަލައިގަތް މުވައްޒަފެއްގެ ބޮލުގައި އެޅުނީ ކަމާއި، އަދި ފައިސާއާ ހަވާލުވި މުވައްޒަފު އަމަލުކުރާ ގޮތެއް ނަތީޖާއަކީ މައުސޫމް މީހާ އުފުލަން ޖެހޭ ތަކުލީފެއް ނޫން" ކަމަށް އޭގެ ތެރެއިން އެއް މައްސަލާގައި ސިިވިލް ކޯޓުން ކުރި ހުކުމުގައިވެ އެވެ.
މިކަން މިގޮތަށް ކޮށްފި ނަމަ ދިމާވެދާނެ އިތުރު މައްސަލައެއް ވެސް އެބަ އޮތެވެ. އެގޮތަށް ދޫކުރި ގިނަ ތަންތަން މިހާރު ދަނީ ތަރައްގީ ކުރަމުންނެވެ. ނުވަތަ މިހާރު އޮންނާނީ ތިން ވަނަ ފަރާތަކަށް ކުއްޔަށް ދީފަ އެވެ. އެހެންވެ، މިހާރު ކުއްލި ގޮތަކަށް އެތަންތަން އަތުލައިފި ނަމަ އެކަން ވެގެންދާނީ އެ ޚިޔާނާތުގައި ބައިވެރިނުވާ ފަރާތްތަކެއްގެ ހައްގު ގެއްލިގެން ދާނެ ކަމަކަށެވެ. އެހެންވެއްޖެ ނަމަ އެ ގެއްލުންތަކުގެ ބަދަލު ދައުލަތުން ދައްކަން ޖެހިދާނެ ކަމުގެ ބިރު ވެސް އެބަ އޮތެވެ.
ގިނަ ބަޔަކު ސިއްސުވާލި އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން، އެކަމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބު ދިނުމަކުން ނިމުނީކީއެއް ނޫނެވެ. އެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު ފައިސާ އަވަސް މުއްދަތެއްގެ ތެރޭގައި ހޯދެން ވެސް އެބަ ޖެހެ އެވެ.
ޒިޔަތާ އެކު ހެދި ޕްލީބާގެއިން އެއްބަސްވުން އުވާލައިފި
ވެރިން މުޖުރިމެއްގެ އަތްދަށުވުމުން ހައިރާންވޭ: ޖަމީލު
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
"ނޮޓް ނެގޯޝިއަބްލް" ހަ ޗެކެއް ބީއެމްއެލުން ޖަމާކުރި
"ޚިޔާނާތުގެ ތުހުމަތު ތަހުގީގުގައި ޒިޔަތަށް ނުކުރޭ"
ޚިޔާނާތުގެ ފައިސާ ހޯދަނީ ކޮން ގޮތަކުން؟
ޒިޔަތުގެ މައްޗަށް އިތުރު 12 އަހަރުގެ ޖަލު ހުކުމެއް
އާތިފަށް ކުރާ ދައުވާ ކުރިއަށް ގެންދެވޭނެ: ކޯޓު
މަހްލޫފްގެ ޝަރީއަތް އަންނަ ބުދަ ދުވަހު ފަށަނީ
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި