Roadha Mihaaru
އެންމެ އިސްލާހަކާ އެކު ކޮމެޓީން ބަޖެޓް ފާސްކޮށްފި

އެންމެ އިސްލާހަކާ އެކު ކޮމެޓީން ބަޖެޓް ފާސްކޮށްފި

20 ނޮވެމްބަރ 2017

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް، ބަޖެޓު ދިރާސާކުރި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރަށް ލަފާކޮށް، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 27.9 ބިލިއަން ރުފިޔާގެ ބަޖެޓް، ބަޖެޓު ދިރާސާކުރި ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން މިއަދު ފާސްކޮށްފި އެވެ.

އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރެއްވި ކޮމެޓީ ބައްދަލުވުމުގައި ބަޖެޓު ފާސް ކުރީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި އެމްޑީއޭގެ 12 މެމްބަރުންގެ އިއްތިފާގުންނެވެ. ބަޖެޓު ފާސް ކުރި އިރު، އަދަދަށް ބަދަލެއް ނުގެނައި ނަމަވެސް، ބަޖެޓު ފާސް ކުރީ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން ބަޖެޓުގައި ހިމެނި މަޝްރޫއެއް އެހެން ރަށަކަށް ބަދަލުކޮށް، ތިން ރިކޮމެންޑޭޝަނާ އެކުގަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިހާތަނަށް ހުށަހެޅި އެންމެ ބޮޑު ބަޖެޓުގައި ހަރަދު ކުރަން ހިމަނާފައި އޮތީ 24.9 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 22.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 16.3 ބިލިއަން ރުފިޔާ އާއި ޓެކްސް ނޫން ގޮތުގައި ލިބޭ 5.2 ބިލިއަން ރުފިޔާ އާއި އެހެނިހެން ފަންޑުތަކާއި ހިލޭ އެހީގެ ގޮތުގައި ލިބޭ 858 މިލިއަން ރުފިޔާ އެވެ.

ސަރުކާރުން ލަފާކުރާ ގޮތުގައި މި އަހަރު ނިމޭއިރު، ދައުލަތުގެ ދަރަނި ހުންނާނެ ކަމަށް ލަފާ ކުރެވެނީ 43 ބިލިއަން ރުފިޔާގަ އެވެ. އަދި މި ހަތަރު އަހަރު ތެރޭގައި ދަރަނި އިތުރުވީ 15 ބިލިއަން ރުފިޔާއަށެވެ. އަދި ވޭތުވެދިޔަ ހަތަރު އަހަރު ތަރައްގީގެ މަޝްރޫއުތަކަށް 18 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ.

މި އަހަރަށް ލަފާކޮށް، މަޖިލީހުން ފާސްކޮށްފައި ވަނީ 26.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެކަމަކު މިދިޔަ މަހުގެ ތެރޭގައި މަޖިލީހުން ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ފާސްކުރި އަދަދާ އެކު މި އަހަރުގެ ބަޖެޓުގެ އަދަދު ވެސް ވަނީ 27.3 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ.