Roadha Mihaaru
އިދިކޮޅު ޕާޓީތައް ބަޖެޓް ކޮމިޓީ ބޮއިކޮޓްކޮށްފި

ބަހުސްގެ ވަގުތު މަދުކުރަން އުޅުމުން އިދިކޮޅު ޕާޓީތައް ބަޖެޓް ކޮމިޓީ ބޮއިކޮޓްކޮށްފި

20 ނޮވެމްބަރ 2017

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި އޮޑިޓަ ޖެނެރަލް ދެއްވި ލަފަޔާ މެދު ބަހުސްކުރަން ވަގުތު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ މިއަދު ބޮއިކޮޓްކޮށްފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރާއި އޮޑިޓަ ޖެނެރަލް ދެއްވި ލަފަޔާ މެދު ބަހުސްކުރަން ވަގުތު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން އިދިކޮޅު ޕާޓީތަކުން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީ މިއަދު ބޮއިކޮޓްކޮށްފި އެވެ.

އެމްއެމްއޭގެ ގަވަރުނަރާއި އޮޑިޓާ ޖެނެރަލް ދެއްވި ލަފަޔާ މެދު ބަހުސްކުރަން މިއަދު ހެނދުނު އޮތް ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅު ޕާޓީތަކަށް ބަހުސްކުރަން ވަގުތު ދޭން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ހުށަހެޅުއްވީ އެ ވަގުތު ހާޒިރުވެ ތިއްބެވި ކޮންމެ މެމްބަރަކަށް ތިން މިނެޓްގެ ފުރުސަތެއް ދިނުމަށެވެ. ނަމަވެސް އެ ކޮމިޓީން ކުރިން ނިންމާފައި އޮތީ ޕީޕީއެމް އަށް 30 މިނެޓް ދިނުމަށާއި އެމްޑީޕީއަށް 20 މިނެޓް އަދި ޖުމްހޫރީ ޕާޓީ އަށް 10 މިނެޓް އަދި އެމްޑީއޭގެ ފަސް މިނެޓް ދިނުމަށެވެ.

"އަޅުގަނޑު ހުށަހަޅަން ރިޕޯޓަށް ބަހުސްކުރަން ކޮންމެ މެމްބަރަކަށް ތިން މިނެޓަށްވުރެ ދިގު ނުވާނެ ގޮތަށް ފުރުސަތު ދީގެން ކުރިޔަށް ގެންދަން،" ރިޔާޒް ވިދާޅުވި އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ރިޔާޒް ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ ޕީޕީއެމްގެ މަޑަވެލީ ދާއިރާގެ މެމްބަރު މުއާޒް މުހައްމަދު ރަޝީދެވެ. އޭނާގެ އިތުރުން ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވެސް ތާއީދުކުރެއްވި އެވެ. އެ ގޮތަށް ތާއީދު ލިބުނު ނަމަވެސް ކޮމިޓީގެ މުގައްރިރު ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން އެ ނިންމުމަށް ވޯޓަކަށް ނާއްސަވަ އެވެ.

އެކަމަކު އެ ބައްދަލުވުމުގައި ރިޔާޒް ހުށަހެޅުއްވި ގޮތާ މެދު ހިތްހަމަނުޖެހިގެން އެމްޑީޕީގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ ޕާޓީއަކަށް ދީފައިވާ ގޮތަށް ބަހުސްކުރިޔަށް ގެންދެވެން ޖެހޭނެ ކަމަށާއި ޕާޓީތަކަށް ލިބިފައިވާ ވަގުތު ބަހާނެ ގޮތެއް ނިންމާނީ އެ ޕާޓީއަކުން ކަމަށެވެ.

"އެގޮތަށް ހެދީމަ އަޅުގަނޑުމެންގެ ހައްގު އެބަ ގެއްލޭ. އަޅުގަނޑުމެންގެ އެންމެ ތިން މީހުން މި ވަގުތު މިތިބީ. ތިބޭއިރު އަޅުގަނޑުމެންނަށް ތިން މިނެޓް ދިނީމަ ޖުމްލަ ލިބޭނީ ނުވަ މިނެޓް. ދެން އެގާރަ މިނެޓް ބާކީވީ. އެހެން ކަމަކުނުދާނެ،" ޝަރީފް ވިދާޅުވި އެވެ.

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަޖިލީހުގެ ބަޖެޓް ކޮމިޓީގައި ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް މިއަދު ވާހަކަދައްކަވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ޝަރީފްގެ ވާހަކަ އަށް ތާއީދުކުރައްވައި ޖުމްހޫރީ ޕާޓީގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ކޮމިޓީގައި ޕާޓީތަކަށް ވަގުތު ދޭންވީ ގޮތް ކޮންމެ ދުވަހަކު ކަނޑައަޅަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

"ފުރަތަމަ ދުވަހު ވަކި ގޮތަކަށް ނިންމާފައި އެބައޮތް. އެއީ ޕީޕީއެމަށް 30 މިނެޓް އަދި އެމްޑީޕީ އަށް 20 މިނެޓް އަދި ޖުމްހޫރީ ޕާޓީ އަށް ދިހަ މިނެޓް. އަޅުގަނޑުމެންނަށް ރަނގަޅަށް އެބަ އެނގޭ ރިޔާޒް ރަޝީދު ބޭނުންވާ ގޮތް. ޕާޓީތަކުން މަދު މެމްބަރުންކޮޅެއް ތިބީމަ ކުރިން ދީފައިވާ ވަގުތު ބޭނުންނުކުރެވޭ ގޮތް ހެދުން،" އޭނާ ވިދާޅުވި އެވެ.

ރިޕޯޓާ މެދު ބަހުސްކުރަން މެމްބަރުންނަށް ވަގުތު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ޝަރީފް ވިދާޅުވީ ވެރިކަން ކުރާ ކޯލިޝަންގެ މެޖޯރިޓީ ކޮމިޓީގައި އޮތުމަކީ މައިނޯރިޓީގެ ހައްގު ނަގާލަން ލިބޭ ފުރުސަތަކަށް ވެގެންނުވާނެ ކަމަށެވެ. އަދި އެގޮތަށް ނުހެދުމަށް އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވި ނަމަވެސް އެ ގޮތަށް ކުރިޔަށް ގެންދަން ޕީޕީއެމްގެ މެމްބަރުން ދެކޮޅު ހެދި އެވެ.

ޝަރީފް ވިދާޅުވީ އެ ޕާޓީ އަށް ދޭން ޖެހޭ ވަގުތު ނުދޭ ނަމަ އެތަނުގައި ނުތިއްބަވާނެ ކަމަށެވެ.

އިދިކޮޅު މެމްބަރުން ކޮމިޓީ ދޫކޮށް ވަޑައިގެންނެވި ނަމަވެސް ކޮމިޓީގެ އުސޫލް ބަދަލުނުކުރައްވާނެ ކަމަށް ރިޔާޒް ވިދާޅުވުމުން ޝަރީފް ވަނީ އޭނާ އަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. ޝަރީފް ވިދާޅުވީ މީގެ ކުރިން މަޖިލީހުގެ ތަޅުމުގައި ޗެމްބަރު ކައިރި އަށް ވަޑައިނުގެންނެވިއަސް ދެން އެ ތަނަށް ދާނެ ކަމަށާއި އޭގެ ސަބަބުން ބަދަލުތަކެއް ވެސް ފެންނާނެ ކަމަށެވެ. އަދި ކޮމިޓީގައި އަޑުގަދަކުރެއްވުމަށް ޝަރީފް ކޮމިޓީ ދޫކުރައްވައި ވަޑައިގެންނެވުމުން އިދިކޮޅު އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ވަނީ ކޮމިޓީ ދޫކުރައްވައި ވަޑައިގެންފަ އެވެ. އޭގެ ފަހުން ކޮމިޓީ ކުރިޔަށް ގެންދިޔައީ ޕީޕީއެމާއި އެމްޑީއޭގެ މެމްބަރުންނާ އެކުގަ އެވެ.