Roadha Mihaaru
ތުއްތު ކުއްޖާގެ ފުރާނަ ސަލާމަތްކޮށްދިން ޑްރައިވަރު

ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތްކުރަން އެމްބިއުލެންސް ޑްރައިވަރެއްގެ މަސައްކަތް

21 ނޮވެމްބަރ 2017

މިދިޔަ ބުދަ ދުވަހު އިންޑިޔާގެ ކެރަލާގައި ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރަން އެމްބިއުލެންސް ޑްރައިވަރަކު ކުރި ހިތްވަރު ފެނިފައި ވަރަށް ގިނަ ބައެއްގެ ހިތަށް އަސަރުކުރި އެވެ.

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

މިދިޔަ ބުދަ ދުވަހު އިންޑިޔާގެ ކެރަލާގައި ތުއްތު ކުއްޖެއްގެ ފުރާނަ ސަލާމަތް ކުރަން އެމްބިއުލެންސް ޑްރައިވަރަކު ކުރި ހިތްވަރު ފެނިފައި ވަރަށް ގިނަ ބައެއްގެ ހިތަށް އަސަރުކުރި އެވެ.

އެ ރޭ އެއް މަހުގެ ތުއްތު ކުއްޖެއްގެ ހާލު ބޮޑުވެގެން ހޮސްޕިޓަލަކަށް ގެންދަން ޖެހުނެވެ. ކުއްޖާ އޮތް ކަންނޫރު ކިޔާ އަވަށުން ކެރަލާގެ ތުރިވަންތަޕޫރަމްގެ ހޮސްޕިޓަލަށް ކުއްޖާ ގެންދަން ޖެހުނީ 516 ކިލޯމީޓަރުގެ ދިގު ދަތުރެއް ކޮށްފަ އެވެ.

ގޫގުލް މެޕްސް ބުނާ ގޮތުން ޓްރެފިކް މަދު އިރެއްގައި ނަމަ މި ދަތުރު ކުރެވޭނީ 13 ގަޑިއިރުންނެވެ. ކެެރަލާގެ މަގުތައް ހަނިވުމާއި ބައިބޯކަމުން މަދުވެގެން 14 ގަޑިއިރުން ނޫނީ މި ދަތުރު ނުކުރެވޭނެކަމަށް ބެލެވުނެވެ. ނަމަވެސް ކުއްޖާ ގޮވައިގެން ދަތުރުކުރި އެމްބިއުލަންސް މި ދިގު ރާސްތާ ކަޑައްތު ކޮށްފައިވަނީ ހަތް ގަޑިއިރުގެ ތެރޭގަ އެވެ. އެއީ އެމްބިއުލަންސްގައި ތިބި މީހުންނާއި އިމަޖެންސީ ވެހިކަލް ނެގި 15 މިނިޓްގެ ބްރޭކް ލައިގެންނެވެ. މުޅިއެކު ދަތުރަށް ހޭދަވީ ހަ ގަޑިއިރާއި 45 މިނިޓެވެ. އެއީ އެވްރެޖްކޮށް ގަޑިއަކަށް 76.4 ކިލޯމީޓަރެވެ.

އެމްބިއުލަންސް ދުއްވަން އިނީ ތަމީމް ކިޔާ މީހެކެވެ. ބުދަ ދުވަހުގެ ރޭ ކަންނޫރުގައި ހުންނަ ޕަރިޔާރަމް މެޑިކަލް ކޮލެޖުން ތަމީމަށް ގުޅައިގެން ގެންދިޔަ އެެވެ. އަދި އޭނާއާ ވަރަށް ބޮޑު ކަމެއް ކުރަން ހަވާލުކުރި އެވެ. އެއީ 31 ދުވަސް ވީ ފާތިމަތު ލާބިއާ ތުރިވަންތަޕޫރަމްގައި ހުންނަ ސްރީ ޗިތުރާ މިޝަން ހޮސްޕިޓަލަށް ގެންގޮސްދިނުމެވެ.

ވީ އެންމެ އަވަހަކަށް ފާތިމާ އިމަޖެންސީކޮށް ހިތުގެ އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެއީ އެ ހަފުތާގައި ކުއްލިއަކަށް އޭނާއަށް ނޭވާލާން ދަތިވެގެން ކުރަން ޖެހޭ އޮޕަރޭޝަނެކެވެ. މި ތުއްތު ކުއްޖާ ވައިގެ މަގުން އުފުލޭކަށް ނެތެވެ. އެއީ އެންމެ ކައިރީގައި އޮތް މެންގަލޯ ނުވަތަ ކަލިކަޓް އެއާޕޯޓާ ހޮސްޕިޓަލާ ދޭތެރޭ ވެސް ތިން ގަޑިއިރުގެ ރާސްތާއެއް އޮތީމަ އެވެ. ތިން ގަޑިއިރު ތެރޭ އެއާޕޯޓަށް ގެންދެވުނަސް ފަސް ގަޑިއިރެއްހާއިރު ތެރޭ ނޫނީ އެ ކުއްޖާ ގެންދަންވާ ހޮސްޕިޓަލާ ހަމައަކަށް ނުގެންދެވޭނެ އެވެ.

އެހެންކަމުން މި ތުއްތުކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވުނު ހުރިހާ ކަމެއް ކުރަން ތަމީމް ތައްޔާރުވި އެވެ. އޭނާއަށް އެހީތެރިވުމުގައި ކެރަލާ ފުލުހުން ވެސް މަސައްކަތް ފެށި އެވެ. އެންމެ ކުރިން އެމްބިއުލަންސް ދަތުރުކުރާނެ މަގުތައް ރޭވި އެވެ. އެއަށް ފަހު ޓްރެފިކް ދުރުކުރުމަށް ޚާއްސަ ޓީމުތަކެއް ކަނޑައަޅައި އެ މީހުން މަގުތަކުގެ އެކި ހިސާބުތަކުގައި ރުކުރުވާލި އެވެ. އެއް ވެހިކަލް އެމްބިއުލަންސްގެ ކުރީގައި އޮތް މަގުން ތަން ހަދަމުން ދިޔައިރު ފަހަތުގައި ވެސް އެއް ވެހިކަލް އޮތެވެ. ހަމައެކަނި ފުލުހުންނެއް ނޫނެވެ. ޗައިލްޑް ޕްރޮޓެކްޝަން ޓީމް ކެރަލާގެ މެމްބަރުން ވެސް ނުކުމެ އެމްބިއުލަންސް ދަތުރުކުރަން ފަސޭހަ ކޮށްދިނުމުގައި އަތާ އަތް ގުޅާލި އެވެ.

އެމްބިއުލަންސް ދަތުރަށް ފެށީ ބުދަ ދުވަހުގެ ރޭ 8.23 ގައެވެ. އެމްބިއުލަންސްގެ ސައިރަން އޮން ކޮށްލުމާ އެކު 516 ކިލޯމީޓަރުގެ ދަތުރު ތަމީމް ފެށި އެވެ. ސޯޝަލް މީޑިއާގައި ވެސް މި އެމްބިއުލަންސްގެ ދަތުރުގެ ވާހަކަ އާންމުވެ މަގުތަކުގެ އެއް ފަރާތަށް މީހުން ޖަމާވެ އެމްބިއުލަންސް ދަތުރުކުރަމުން ދާތަން ބަލަން ތިއްބެވެ. ޓުވިޓާގައި ވެސް މި އެމްބިއުލަންސްގެ ފޮޓޯތަކާއި ވީޑިއޯތައް ވައިރަލް ވިއެވެ.

އެމްބިއުލަންސް ފުރަތަމަ ހުއްޓީ ޕެޓްރޯލް ސްޓޭޝަނަކަށެވެ. އޭރު ރޭގަނޑު 11.00 އެވެ. އެއަަށް ފަހު އަނެއްކާވެސް ދަތުރު ފަށައިގެން ދަންވަރު 3.23 ގައި އެމްބިއުލަންސް ވަނީ ހޮސްޕިޓަލަށް ވަދެފަ އެވެ. އޭރު ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުތައް ތުއްތު ކުއްޖާގެ އިންތިޒާރުގައި ތިއްބެވެ.

އިންޑިއާ ޓުޑޭ އާ ވާހަކަ ދައްކަމުން ތަމީމް ބުނީ އޭނާ އަދިވެސް ޝޮކުން އަރައި ނުގަނެވޭ ކަމަށެވެ. މިފަދަ ދަތުރެއް އޭނާއަށް ކުރެވިއްޖެކަމަށް ގަބޫލުކުރަން ވެސް ދަތިކަމަށް އޭނާ ބުންޏެވެ. ތަމީމް ބުނި ގޮތުގައި އޭނާއަށް އެ ތުއްތު ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްދެވުނީ ކެރަލާ ފުލުހުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބިގެން ކަމަށެވެ.

ތަމީމް އާއި ކެރަލާ ފުލުހުން އަދި އެހެނިހެން ޖަމާއަތްތަކުގެ ބޮޑު އެހީތެރިކަމެއް ލިބުނު މި ދަތުރަށް ފަހު ތުއްތު ފާތިމާ ހޮސްޕިޓަލާ ހަމައަށް ކާމިޔާބުކަމާ އެކު ގެންދެވުނު ނަމަވެސް އޭނާ އަދިވެސް އޮތީ ފުރާނައަށް ނުރައްކާ ހާލަތެއްގައި ކަމަށް ވެއެވެ.