މީގެ 29 އަހަރު ކުރިން މާލެ އަށް އެރި ބޮޑު ރާޅު، އޭރު މާލޭގައި އުޅުނު އެއްވެސް މީހަކު ހަނދާނެއް ނުނެތޭނެ އެވެ. ފުލުފުލުގައި މާލެ އަށް އެރި އެ ރާޅުތައް ރަށު ތެރޭގެ ބޮޑު ސަރަހައްދަކަށް ފެތުރި އެތައް ގެއަކަށް ގެއްލުން ލިބުނެވެ. އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ޖަޕާން ސަރުކާރުން މާލެ ވަށައި ލީ ކަނޑު ތޮއްޓަކީ އޭގެ ދެ ވަނައެއް ނެތް ފަދަ ބޮޑު ހިމާޔަތެކެވެ.
26 މެއި 2016
މީގެ 29 އަހަރު ކުރިން މާލެ އަށް އެރި ބޮޑު ރާޅު، އޭރު މާލޭގައި އުޅުނު އެއްވެސް މީހަކު ހަނދާނެއް ނުނެތޭނެ އެވެ. ފުލުފުލުގައި މާލެ އަށް އެރި އެ ރާޅުތައް ރަށު ތެރޭގެ ބޮޑު ސަރަހައްދަކަށް ފެތުރި އެތައް ގެއަކަށް ގެއްލުން ލިބުނެވެ. އެފަދަ ކާރިސާތަކުން ސަލާމަތްވުމަށް ޖަޕާން ސަރުކާރުން މާލެ ވަށައި ލީ ކަނޑު ތޮއްޓަކީ އޭގެ ދެ ވަނައެއް ނެތް ފަދަ ބޮޑު ހިމާޔަތެކެވެ.
ސަރުކާރުގެ ބޮޑެތި ބައެއް މަޝްރޫއުތައް ހިންގުމަށްޓަކައި، މާލޭގެ ކަނޑުތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ބައެއް ސަރަހައްދުތައް އަލުން އަންނަނީ ތަރައްގީ ކުރަމުންނެވެ. ރަސްފަންނު ހެދީ އެ ސަރަހައްދުގެ ކަނޑު ތޮށީގައިވާ ގެރިގާތައް ނަގައި، އޭގެ ބަދަލުގައި ބޮޑު ހިލަ ޖަހައިގެން ކުރިއަށް ވުރެ ބޭރަށް ތޮށި ލައިގެންނެވެ. އަދި ކަޅުތުއްކަލާކޮއްޓާ ދިމާލުން އިންޑަސްޓްރިއަލް ވިލެޖެއް ހަދަން އެ ސަރަހައްދު ހިއްކައި، ކަނޑުތޮށި ބޭރަށް ޖެއްސުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.
މާލޭގެ އިންޑަސްޓްރިއަލް ވިލެޖް ހަދާ ސަރަހައްދު: ކަނޑު ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައި. -- މިހާރު ފޮޓޯ: ނިޝާން އަލީ
އެކަމަކު މާލޭގެ ހިމާޔަތަށް ލީ ތޮށިގަނޑު ރޫޅާލައި އެކި ބައިތައް ނެގުމުން ކުރިމަގުގައި ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް، ކަމާ ބެހޭ ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
ތިމާވެއްޓާ ބެހޭ އަދި ބިން ހިއްކައިގެން ކުރާ މި ފަދަ މަސައްކަތްތަކާ ގުޅޭ ބައެއް މާހިރުން ބުނާ ގޮތުގައި މި ފަހުން ކުރި ވިއްސާރައިގައި ރަސްފަންނަށް އުދަ އަރައި، ގެއްލުންތަކެއް ލިބުނީ ވެސް އެ ސަރަހައްދުގެ ކަނޑުތޮއްޓަށް ގެނައި ބަދަލުތަކާ ގުޅިގެންނެވެ.
ތިމާވެއްޓާ ބެހޭ ތަޖުރިބާކާރު މުހައްމަދު ޒާހިރު (މީމުޒަވިޔަނި) ވިދާޅުވީ ވަރަށް ގިނަ ދިރާސާތަކެއް ހެދުމަށް ފަހު ޖަޕާނުން ލާފައިވާ ކަނޑު ތޮއްޓަށް ދޭތެރެދޭތެރެ އިން ގެންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު މާލެ އަށް ކުރާނެ ކަމަށެވެ. އެ ފަދަ ބަދަލުތައް ގެންނަން ޖެހޭނީ އެކަން ކުރި ކުންފުންޏާ ނުވަތަ އިންޖިނިއަރުންނާ މަޝްވަރާކުރުމަށް ފަހު، އެ މީހުން މާލެ އައިސް އިތުރު ރިވައިސްތައް ހެދުމަށް ފަހު ކަމަށް ޒާހިރު ވިދާޅުވި އެވެ.
މީމުޒަވިޔަނި "މިހާރުު" އާ ވާހަކަ ދައްކަވަނީ: ކަނޑު ތޮއްޓަށް ގެންނަ ބަދަލުތަކާ މެދު ކަންބޮޑުވުން ފާޅުކުރެއްވި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ ކަނޑު ތޮށީގައި ޓެޓްރާޕޮޑް ނުވަތަ ގެރިގާތައް އަތުރާފައިވަނީ ވަކި ބަރުދަނަކަށް، ވަކި ގޮތަކަށް ކަމަށާއި އެ ގާތަށް ނަގައި، ބަދަލުތައް ގެންނަ އިރު އެކަމަށް އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ ކަމަށެވެ.
"އަޅުގަނޑު ހަނދާން އެބަހުރި ޖަޕާނު މީހުން އެ މަސައްކަތް ކުރި އިރު ރަބަރުން އެފަދަ އެއްޗެހި ހަދައިގެން ގެނެސް، ކިހިނެއް އެ ތަކެތި ބޭއްވީމަތޯ އޭގެ އިމްޕެކްޓް ބޮޑުވަނީ އަދި ކުޑަވަނީ ބަލާފައިވަނީ. ގާތަށް އެޅި އިރު އޭގެ ސައިޒާއި ބަރުމިނަށް ވެސް ބަލާފައިވަނީ،" ޒާހިރު ވިދާޅުވި އެވެ.
ކަނޑު ތޮށީގެ ގެ ގާތަށް ނަގައި އެތަނަށް ގެންނަ ބަދަލުތަކުގެ އަސަރު މިހާރު ކުރަމުން ދާކަމަށް އޭނާ ލަފާކުރައްވަ އެވެ.
އިންޑަސްޓްރިއަލް ވިލެޖް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރިއަށް ގެންދަނީ: މާލޭގެ ސިނާއީ މަސައްކަތްތައް ބަދަލުކުރާނީ އެތަނަށް. -- ފޮޓޯ: ހައުސިން މިނިސްޓްރީ
ޒާހިރުގެ މި ވާހަކަ އަށް ކުރީގެ ހައުސިން މިނިސްޓަރު އަދި މި ދާއިރާ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ މުހައްމަދު އަސްލަމް ވެސް އެއްބަސްވެވަޑައިގަނެ އެވެ.
އޭނާ ވިދާޅުވީ ގިނަ އަހަރުތަކެއް ވަންދެން މާލެ ހިމާޔަތްކޮށްދެމުން އައި ތޮއްޓަށް ބަދަލުތައް ގެނެސް، ގާތަށް ނަގާއިރު ދިރާސާތައް ކުރަން ޖެހޭނެ ކަމަށާއި ނޫން ނަމަ އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
"މި ޒާތުގެ މަސައްކަތްތަކަކީ އެއްގޮތަކަށް ވެސް ކުޅޭކުޅޭ ޒާތުގެ ކަންތައްތަކެއް ނޫން. ރިސްކު ނަގަން ޖެހޭނެ. އެކަމަކު މި ފަދަ ކަންކަމަށް ރިސްކެއް ނަގަން ޖެހޭނީ ބޮޑެތި ދިރާސާތަކަށް ފަހު. އަޅުގަނޑުގެ ސުވާލަކީ މި މަސައްކަތްތައް ކުރަނީ ކިހާ ވަރަކަށް ބަލާފައިތޯއޭ،" އަސްލަމް ވިދާޅުވި އެވެ.
އިންޑަސްޓްރިއަލް ވިލެޖްގެ މަސައްކަތް ކުރިއަށް ދަނީ: އެތަން ހަދަނީ ކަނޑު ތޮށި ބޭރަށް ޖައްސައިގެން. -- ފޮޓޯ: ހައުސިން މިނިސްޓްރީ
އޭނާ ވިދާޅުވީ ހުޅަނގު ފަރާތުގެ ކަނޑު ތޮއްޓަށް ބަދަލުތަކެއް ގެނެސްގެން ރަސްފަންނު ހެދީ އެތަނުގެ މަރާމާތަށް ކިހާ މިންވަރެއްގެ ބަޖެޓެއްކޮށްގެންތޯ އާއި އެ މަރާމާތަށް އަހަރަކު ކިހާ ފައިސާއެއް ހަރަދުވާނެތޯ ބަލަން ޖެހޭ ކަމަށެވެ.
"މި ފަދަ ކަމެއް ކުރާއިރު ބަލަން ޖެހޭނެ ކިހާ ވަރަކަށް އެތަން ގަދަވާނެތޯ އާއި ކިތައް ދުވަހު އޭގެ އަސަރު ކުރާނެތޯ. އެވަރު ނުބަލާކަމަށް ވާ ނަމަ އަބަދުވެސް މަރާމާތު ކުރާހާ ވާނީ،" ރަސްފަންނާ ގުޅޭ ގޮތުން އަސްލަމް ވިދާޅުވި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އަހަރުގެ ވަކި ދުވަސްވަރެއްގައި ރަސްފަންނު ސަރަހަައްދަށް އުދަ އަރާނެކަމަށް މިނިސްޓްރީން ލަފާކޮށްފައިވާ ކަމަށެވެ.
އެކަމަކު މި ރިޕޯޓަށް ހައުސިން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ލިބޭ ގޮތެއް ނުވި އެވެ.
މާލެ އަށް މިހާރު ގެންނަ ތަރަައްގީތަކާ މެދު ގިނަ ބައެއްގެ ޝަކުވާއެއް ނުވަތަ ކަންބޮޑުވުމެއް ނެތެވެ. އެފަދަ މަޝްރޫއުތައް ނުހިންގާކަށް ވެސް އާންމުންނެއް ނުބުނެ އެވެ. އެކަމަކު ގުދުރަތީ ހާދިސާތަކަކުން ހިމާޔަތްކުރުމުގެ މަގުސަދުގައި، އެތައް ދިރާސާތަކަށް ފަހު ލާ ތޮއްޓަށް ބަދަލު ގެންނަ އިރު މިހާރަށް ވުރެ ބޮޑަށް ބަލަން ޖެހޭނެ ކަމަށް ތަޖުރިބާކާރުން ދައްކާ ވާހަކަ މުޅިއަކުން ގޯހެއް ވެސް ނޫނެވެ. ކުއްލިއަކަށް އެފަދަ ކަންކަމާ ކުޅެލުމުން ނުކުމެދާނެ ނުރަނގަޅު ނަތީޖާތަކެއް ހުރެދާނެ އެވެ.
ރަސްފަންނު ސަރަހައްދުން ގިނަ ބަޔަކު ހިތްހަމަޖެހުން ހޯދަމުން އަންނަ އިރު އިންޑަސްޓްރިއަލް ވިލެޖުން ގިނަ ފަސޭހަތަކެއް ވެސް ލިބޭނެ އެވެ. އެކަމަކު ކަނޑު ތޮއްޓަށް ބޮޑެތި ބަދަލުތައް ގެންނަ އިރު އެކަން މިހާރު ކުރާ ގޮތާ މެދު ސުވާލުތަކެއް އުފެދެ އެވެ.
ރަސްފަންނު މޫދުގައި ކަޅުތެޔޮ، މޫދަށް ނޭރެން އެދެފި
ރަސްފަންނު ކަޅުތެލުން ތަޣައްޔަރުވެއްޖެ
13.9 މިލިއަން ރުފިޔާގެ ޕެވީލިއަން ވީރާނާވަނީ!
މަޑަވެލި-ހޯޑެއްދޫ ކޯޒްވޭގެ ބަަދަލު ހޯދަން އެދެވިދާނެ
ގޭ ބުޑަށް ރާޅު! މޫލެކެޑެއަށް ހައްލެއް ނެތީތަ؟
ބްރިޖް ހެދިއިރު މޫދަށް ކުނި އެޅުމުން ބޮޑު ޖޫރިމަނާއެއް
ކޮރަލް ބޮލެވާޑްގެ މަސައްކަތަށް ބަންދުކުރި މަގު ހުޅުވަނީ
"ކޮރެލް ބްލެވާޑް" މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރަނީ
ހިނދުކޮޅެއްގެ ތެރޭގައި ބްރިޖު ގޮނޑަކަށް، ބޮޑުވަރު!
ރަސްފަންނުގައި 128 ކޮޓަރީގެ ހޮޓަލެއް ހަދަނީ