Roadha Mihaaru
ބަޖެޓުގައި ނެތަސް، އެއާޕޯޓުތައް އަޅާނަން: މުނައްވަރު

ބަޖެޓުގައި ޖަހާފައި ނެތަސް، އެއާޕޯޓުތައް އަޅާނަން: މުނައްވަރު

19 ނޮވެމްބަރ 2017

އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން އޮތަސް، އިތުރު ފަސް ރަށުގައި ވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އަންނަ އަހަރުގެ ބަޖެޓުގައި ހަތަރު ރަށެއްގައި އެއާޕޯޓު އަޅަން އޮތަސް، އިތުރު ފަސް ރަށުގައި ވެސް އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)ގެ ތެރެއިން ހދ. ކުޅުދުއްފުށި، ށ. ފުނަދޫ، ފ. ނިލަންދޫ އަދި ގދ. މާވަރުލުގައި އެއާޕޯޓް އަޅަން ބަޖެޓުގައި ވަނީ 246 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ފިނޭންސް މިނިސްޓަރު (މ) އިއްޔެ ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ފިނޭންސް މިނިސްޓަރު (މ) އިއްޔެ ބަޖެޓު ކޮމެޓީގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

ހއ. ހޯރަފުށީގައި އެއާޕޯޓެއް އަޅާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވައުދުވެވަޑައިގެންފައިވާ އިރު، ބަޖެޓުގައި އެ ރަށު އެއާޕޯޓަށް ބޭނުންވާ ފައިސާ ހިމަނާފައި ނުވާތީ އެ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް ކުރެއްވި ސުވާލުގެ ޖަވާބުގައި މުނައްވަރު ވިދާޅުވީ ރީޖަނަލް އެއާޕޯޓުތަކަކީ ސަރުކާރުން ވަރަށް އިސްކަން ދީގެން ކުރަމުން އަންނަ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ފައިސާ ހިމަނާފައި އޮތީ ހަމައެކަނި މިވަގުތަށް އެންމެ މުހިންމު ހަތަރު ރަށުގެ އެއާޕޯޓު އަޅާށެވެ. އެ ހަތަރު އެއާޕޯޓާ އެކު އިތުރު ފަސް ރަށެއްގައި އެއާޕޯޓް އަޅަން ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ ފަސް ރަށްރަށުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ.

މުނައްވަރު ވިދާޅުވި ގޮތުގައި އަންނަ އަހަރު ނުވަ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރަނީ ކޮންޓްރެކްޓާ ފައިނޭންސިން މެކޭނިޒަމް މެދުވެރިކޮށެވެ. އެކަން ކުރުމަށް ރީޖަނަލް އެއާޕޯޓްސްއަށް ސަރުކާރުން ސޮވެރިން ގެރެންޓީއެއް ދޭން ނިންމާފައިވާ ކަމަަށް، ގާތްގަނޑަކަށް ދެ ގަޑިއިރަށް ކުރިއަށް ދިޔަ ބައްދަލުވުމުގައި، އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ދެ މެމްބަރުން ކަމުގައިވާ ޝަރީފް (ކ) އަދި އޭޑީކޭ ނާޝިދު ބަޖެޓު ފޮތް ބައްލަވާލައްވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

އެމްޑީޕީގެ ދެ މެމްބަރުން ކަމުގައިވާ ޝަރީފް (ކ) އަދި އޭޑީކޭ ނާޝިދު ބަޖެޓު ފޮތް ބައްލަވާލައްވަނީ. - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

"އަޅުގަނޑުމެންނަށް ފައިނޭންސް ލިބޭތޯ މަޝްވަރާ ކުރަމުން މިދަނީ. މަޝްވަރާކޮށްގެން ރަނގަޅު އަގުތަކެއް ލިބިއްޖެ ކަމަށްވާ ނަމަ، ބަޖެޓުގައި ނެތް ކަމުގައިވިޔަސް، އިކުއިޓީ ކޮމްޕޯނަންޓުގެ ގޮތުގައި ބަޖެޓުގައި ހުރި ފައިސާތައް ލައިގެން އެ މަސައްކަތް ކުރިއަށް ގެންދެވޭނެ،" މުނައްވަރު ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އިތުރު ރީޖަނަލް އެއާޕޯޓްސްތަކެއް ކުރިއަށް ގެންދެވޭނެ. މިފަދަ ފައިނޭންސިން ސްޓްރަކްޗާއެއް ގެނެސްދެވިއްޖެ ނަމަ."

ކުޅުދުއްފުއްޓާއި ފުނަދު އާއި ނިލަންދޫ އަދި ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން މި އަހަރުގެ ބަޖެޓްގައި ވެސް ފައިސާ ހިމެނި އެވެ. އެކަމަކު އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ދަނީ ކުޅުދުއްފުއްޓާއި ފުނަދޫގަ އެވެ. އޭގެ އިތުރުން ފަރެސްމާތޮޑާގެ ބަދަލުގައި އެ ސަރަހައްދުގެ އެއާޕޯޓް އަޅަން މިހާރު ނިންމާފައި ވަނީ މާވަރުލުގަ އެވެ. މިއީ ކުރިން އެއާޕޯޓެއް ހަދަން އަމިއްލަ ކުންފުންޏަކަށް ދިން ރަށެކެވެ. އެކަމަކު ފަހުން ސަރުކާރުން ވަނީ އެ ރަށް އަނބުރާ ނަގައިފަ އެވެ. އޭރު އެއާޕޯޓް އެޅުމުގެ ބައެއް މަސައްކަތްތައް ވެސް ހުރީ ކޮށްފަ އެވެ.

ކުރިއަށް އޮތް ފަސް އަހަރު ނިމޭ އިރު، ރާއްޖޭގައި 21 އެއާޕޯޓު އޮންނާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު މޫސާ ޒަމީރު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ 1.2 ކިލޯމީޓަރު ރަންވޭގެ 15 އެއާޕޯޓާއި 1.8 ކިލޯ މީޓަރުގެ ރަންވޭގެ ހަ އެއާޕޯޓެވެ.

ރާއްޖޭގައި މިހާރު ވެސް 11 އެއާޕޯޓެއް ހިންގަ އެވެ. އެއީ އިންޓަނޭޝަނަލް އެއާޕޯޓުތަކުގެ ގޮތުގައި ބަލާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ގަން އެއާޕޯޓާއި އދ. މާމިގިލީ އެއާޕޯޓް އަދި ހދ. ހަނިމާދޫ އެއާޕޯޓުގެ އިތުރުން، ހަތް ޑޮމެސްޓިކް އެއާޕޯޓެވެ. އެއީ ރ. އިފުރު، ބ. ދަރަވަންދޫ، ދ. ކުޑަހުވަދޫ، ތ. ތިމަރަފުށި، ލ. ކާޑެއްދޫ ގއ. ކޫއްޑޫ އަދި ގދ. ކާޑެއްދޫ އެއާޕޯޓެވެ.