Roadha Mihaaru
އައިއީޑީއެއް ހަދަނިކޮށް ގޭންގް ލީޑަރަކު ހައްޔަރުކޮށްފި

އައިއީޑީއެއް ހަދަން އުޅުނު ގޭންގް ލީޑަރަކު ހައްޔަރުކޮށްފި

16 ނޮވެމްބަރ 2017

މާލޭގައި އައިއީޑީއެއް ހަދަން މަސައްކަތްކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން އެނގިއްޖެ އެވެ. މީގެ ތެރެއިން އެކަކީ މާލޭގެ ގޭންގެއްގެ އިސް މީހެއްކަން ވެސް ވަނީ އެނގިފަ އެވެ.

މާލޭގައި އައިއީޑީއެއް ހަދަން މަސައްކަތްކުރަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށް ފުލުހުން މައްސަލަ ތަހުގީގު ކުރަމުން އަންނަކަން އެނގިއްޖެ އެވެ. މީގެ ތެރެއިން އެކަކީ މާލޭގެ ގޭންގެއްގެ އިސް މީހެއްކަން ވެސް ވަނީ އެނގިފަ އެވެ.

ފުލުހުންގެ ކައުންޓަ ޓެރަރިޒަމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޮގަނަޒައިޑް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި ދެ މީހުން ހައްޔަރުކޮށް އޭގެ ތެރެއިން އެކެއްގެ ގެ ފާސްކޮށް ބެލި އިރު، އައިއީޑީ ހަދަން ބޭނުންކުރާ ސާމާނު ވެސް ފެނުނު ކަމަށްވެ އެވެ. ހައްޔަރުކުރި ގޭންގު ލީޑަރަކީ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ވެސް އޮތް މީހެކެވެ.

ހައްޔަރުކުރި މީހުންނަކީ ކޮން ބައެއް ކަމާއި އައިއީޑީ ހަދާ ސާމާނު ފެނުނީ ކޮން ގެޔަކުންކަން "މިހާރު" އަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް އެ މީހުންގެ މައުލޫމާތު ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވާތީ އާއި އަބުރު ރައްކާތެރިކުރުމުގެ ގާނޫނުން ހުރި ހުރަސްތަކުގެ ސަބަބުން ނަން ހާމަކުރަން ހުރަސް އެޅެ އެވެ.

ބޭރުގެ ހަނގުރާމަވެރި ޖަމާއަތާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވޭ މި މީހުން ހައްޔަރުކުރި އިރު އަމިއްލައަށް މަރުވެގެން ހަމަލާ ދޭން ރޭވި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް އެ މީހުންގެ މައްޗަށް މިހާރު ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލައިފަ އެވެ. ނަމަވެސް އައިއީޑީ ހަދަން އުޅުނު މީހުންނާއި މި މީހުންނާ އޮތީ ކޮން ގުޅުމެއް ކަމެއް ނޭނގެ އެވެ.

ބޭރު ގައުމުތަކުގައި ކުރާ ހަނގުރާމަތަކުގައި ދިވެހިން ބައިވެރިވެ އޭގެ ތެރެއިން އެތައް ބަޔަކު ވަނީ މަރުވެފަ އެވެ. ޑިފެންސް މިނިސްޓްރީން ބުނާ ގޮތުގައި މިގޮތަށް ހަނގުރާމައަށް ދިޔަ ދިވެހިންގެ އަދަދަކީ 49 އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއަށް ވުރެ މާ ގިނަ ދިވެހިން ހަނގުރާމަތަކުގައި ބައިވެރިވާން ރާއްޖެ ދޫކޮށް ގޮސްފައިވެ އެވެ.