Roadha Mihaaru
1.1 މިލިއަންގެ ދަރަނިން ޑީއާރުޕީ ސަލާމަތެއް ނުވި

ޑީއާރުޕީން އެމްޓީސީސީ އަށް 1.1 މިލިއަން ދައްކަން ޖެހޭނެ: ހައި ކޯޓު

15 ނޮވެމްބަރ 2017

އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްްކަން ޑީއާރުޕީގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދަމަހައްޓައިފި އެވެ.

ކުރިން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީން އެމްޓީސީސީ އަށް 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކުރީ 2007-2009 ވަނަ އަހަރާ ހަމައަށް އެ ޕާޓީން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދައްކައިގެން އެ ކުންފުނިން ދައުވާ ކުރުމުންނެވެ. އެމްޓީސީސީ މެދުވެރިކޮށް ޑީއާރުޕީން ހޯދާފައި ވަނީ ގައުމީ ދިދަ އާއި ދަތުރުފަތުރުގެ ޚިދުމަތްތަކެކެވެ.

އެ ފައިސާ ދައްކަން ސިވިލް ކޯޓުން އޮކްޓޫބަރު 2014 ގައި ކުރި ހުކުމް ޑީއާރުޕީން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން މިދިޔަ ހޯމަ ދުވަހު ނިންމީ ސިވިލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެއީ ޑީއާރުޕީން ދައްކަންޖެހޭ ފައިސާއެއް ކަމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ އެ ޚިދުމަތްތައް ޑީއާރުޕީ އަށް އެމްޓީސީސީން ދީފައި ވަނީ އެކަމަށް އެ ޕާޓީން އެދިގެން ކަމަށާއި ޚިދުމަތްތައް ހޯދީ ފަހުން ބިލްކުރާ ގޮތަށް ކަމަށެވެ. އަދި އެ ޚިދުމަތްތައް ހޯދުމަށް ޑީއާރުޕީން ފޮނުވި ސިޓީތަކުގެ އިތުރުން އެ ޚިދުމަތް ދިނުމަށް ފަހު އެމްޓީސީސީން ފޮނުވި ބިލްތަކާއި އިންވޮއިސްތަކަށް ބަލާއިރު އެއީ ޑީއާރުޕީން ދައްކަންޖެހޭ ފައިސާއެއް ކަން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށް ތިން ފަނޑިޔާރުންގެ ހުކުމުގައިވެ އެވެ.

ޑީއާރުޕީގެ އެތެރޭގެ އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ޕާޓީ ބައިބައިވެ، ޕާޓީގެ ގިނަ އަދަދެއްގެ އިސްބޭފުޅުން އެ ޕާޓީ ދޫކުރައްވައި ވަޑައިގަތްއިރު ޕާޓީ އޮތީ މާލީ ބޮޑެތި މައްސަލަތަކަކާ ކުރިމަތިވެފަ އެވެ.

އެމްޓީސީސީ އަށް 1.1 މިލިއަން ރުފިޔާ ދައްކަން ޖެހިފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަލީ އާމިރުގެ ސްޓޫޑިއޯއަކުން ޑީއާރުޕީން ހޯދި ޚިދުމަތްތަކަކަށް ވެސް 19 މިލިއަން ރުފިޔާ ދައްކަން އެ ޕާޓީ އަށް ވަނީ ޖެހިފަ އެވެ.