Roadha Mihaaru
ދަރަންޏަށް މައުމޫން ޒިންމާވާންޖެހޭތޯ ހައިކޯޓުން ބަލަނީ

ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާކުރުވުމުގެ މައްސަލަ ހައި ކޯޓުން ބޭރެއް ނުކުރި

19 މާޗް 2024

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) ގެ ދަރަންޏަށް އެ ޕާޓީގެ ކުރީގެ ލީޑަރު މައުމޫން އަބްދުލްގައްޔޫމް ޒިންމާ ކުރުވަން އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލެވެން ނެތް ކަމަށް އެ ކޯޓުން ނިންމައިފި އެވެ.

ޑީއާރުޕީން އެމްޓީސީސީގެ ފަރާތުން ހޯދި ހިދުމަތްތަކަށް 1.1 މިލިއަން ރުފިޔާ ނުދައްކާ އޮއްވާ އެ ޕާޓީގައި މެމްބަރުން ހަމަނުވާތީ އުވާލުމުން އެމްޓީސީސީން ސިވިލް ކޯޓުގައި އެދުނީ އެ ޕާޓީގެ ކުރީގެ ލީޑަރުގެ ހައިސިއްޔަތުން އެ ދަރަންޏަށް މައުމޫން ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައެޅުމަށެވެ.

ނަމަވެސް މިދިޔަ އަހަރު ސިވިލް ކޯޓުން ނިންމާފައި އޮތީ އެ ދަރަނި ދައްކަން މައުމޫންގެ މައްޗަށް އަމުރު ނުކުރެވޭނެ ކަމަށެވެ. އެހެންވެ، އެ މައްސަލަ އެމްޓީސީސީން އޮތީ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލާގައި މައުމޫންގެ ފަރާތްޕުޅުން އިޖްރާއީ އިއުތިރާޒެއް ނެގީ އެމަނިކުފާނަށް ރައްދުވާ ގޮތަށް އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ އެވެ. އެއީ ޑީއާރުޕީގެ ދަރަނީގެ އަސްލު މައުޟޫއީ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދިޔައިރު މައުމޫންގެ މައްޗަށް ދައުވާ ކޮށްފައި ނެތުމުންނެވެ.

މައުމޫންގެ ފަރާތްޕުޅުން އެދިވަޑައިގަތީ އެމަނިކުފާނުގެ މައްޗަށް އެ މައްސަލަ ހައި ކޯޓުގައި ނުބެލޭނެ ކަމަށް ކަނޑައަޅައި އަދި އެމްޓީސީސީން އަމަލުކުރި ގޮތަށް ރިއާޔަތްކޮށް، އެމަނިކުފާނަށް ބަދަލު ދޭން އެ ކުންފުނީގެ މައްޗަށް އަމުރުކޮށް ދިނުމަށެވެ.

ނަމަވެސް ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން މިއަދު ނިންމެވި ނިންމުމުގައިވަނީ ދަށު ކޯޓުގައި މައްސަލާގެ ހަސްމަކަށް ނުވާ ފަރާތަކާ ދެކޮޅަށް ވެސް އިސްތިއުނާފެއް ހުށަހަޅަން ގާނޫނީ ހުރަހެއް ނެތް ކަމަށެވެ. އަދި ޑީއާރުޕީގެ ދަރަންޏަށް މައުމޫން ޒިންމާވާން ނުޖެހޭނެ ކަމަށް ނިންމި ނިންމުމާ މެދު ގާނޫނީ ބަހުސެއް އެމްޓީސީސީން އުފައްދާފައި އޮތުމުން އެއީ މައުމޫނާ ދެކޮޅަށް ކުރެވިދާނެ އިސްތިއުނާފެއް ކަމަށް އެ ނިންމުމުގައިވެ އެވެ.

އެހެންވެ، އެ ނިންމުމުގައިވަނީ އެ މައްސަލާގެ އިސްތިއުނާފީ ބައެއް ނުކުތާތަކަށް ޖަވާބުދާރީވާން މައުމޫނަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ. ނަމަވެސް ދަރަންޏަށް ޒިންމާވުމުގެ ބަޔާ މެދު ޖަވާބުދާރީވުމަށްޓަކައި 20 ދުވަހުގެ ފުރުސަތެއް މައުމޫނަށް ދެއްވީ ކަމަށް އެ ނިންމުމުގައިވެ އެވެ.

އެގޮތަށް ނިންމެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި ފަނޑިޔާރު ހުސައިން މަޒީދުގެ އަޣުލަބިއްޔަތުންނެވެ. ނަމަވެސް ފަނޑިޔާރު ދީބާނާޒް ފަހުމީގެ ރައުޔަކީ އެ މައްސަލަ ހައި ކޯޓުން ބަލައިނުގަނެ، ބޭރުކޮށްލުމަށާއި އަދި އެމްޓީސީސީން 75،000ރ. ގެ ބަދަލެއް މައުމޫނަށް ދިނުމަށް އަމުރު ކުރަން ޖެހޭނެ ކަމަށެވެ.

ފަނޑިޔާރު ދީބާނާޒްގެ ރައުޔަކީ އެ މައްސަލަ މައުމޫނާ ދެކޮޅަށް އެމްޓީސީސީން ހައި ކޯޓަށް ހުށަހެޅީ އެއްވެސް ބޭނުމެއް ނެތި، މީހަކަށް އުނދަގޫ ކުރުމުގެ ގޮތުންނާއި ކޯޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމަށް ހުށަހެޅި މައްސަލައެއް ކަމަށެވެ.

ކުރިން އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް ޑީއާރުޕީގެ އެތެރޭގެ ހިޔާލު ތަފާތުވުންތަކާ ހެދި އެ ޕާޓީ ދޫކުރައްވައި، 2011 ވަނަ އަހަރު މައުމޫން އިސްވެ ހުންނަވައިގެން ޕީޕީއެމް އުފެއްދެވި އެވެ. އަދި 2016 ވަނަ އަހަރު އެމަނިކުފާނު އެ ޕާޓީން ވަކިކޮށްލުމުން އެމްއާރުއެމްގެ ނަމުގައި އާ ޕާޓީއެއް އުފެއްދެވި އެވެ.