Roadha Mihaaru
ކިޔެވުމުގައި ނަމޫނާއެއް، ކުޅިވަރުގައި ޗެމްޕިއަނެއް

ސްކޫލް ގައިޑް: ކިޔެވުމުގައި ނަމޫނާ ދަރިވަރެއް، ކުޅިވަރުގައި ޗެމްޕިއަނެއް

26 ނޮވެމްބަރ 2017

ސްކޫލުގެ ކުޅިވަރު ހަރަކާތްތަކަށް ކުދިން ފޮނުވަން ބައެއް ބެލެނިވެރިން ފަސް ޖެހެ އެވެ. ކިޔެވުމަށް އަސަރުކޮށްފާނެ ކަމަށް ހީކޮށެވެ. މިއީ ބޯދާ ވިސްނުމެއް ހެއްޔެވެ؟ ފަހަކަށް އައިސް ފެންނަ މަންޒަރުތަކަށް ބަލާއިރު އެހެން ވެސް ބުނެވިދާނެ އެވެ. ކުޅިވަރުގައި މަތީ ދަރަޖައިގެ ކާމިޔާބީތައް ހޯދަމުން އަދި ކިޔެވުމުގައި ވެސް އެހާމެ މޮޅު ކުދިން ފެންނާތީ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްކޫލުގެ ކުޅިވަރު ހަރަކާތްތަކަށް ކުދިން ފޮނުވަން ބައެއް ބެލެނިވެރިން ފަސް ޖެހެ އެވެ. ކިޔެވުމަށް އަސަރުކޮށްފާނެ ކަމަށް ހީކޮށެވެ. މިއީ ބޯދާ ވިސްނުމެއް ހެއްޔެވެ؟ ފަހަކަށް އައިސް ފެންނަ މަންޒަރުތަކަށް ބަލާއިރު އެހެން ވެސް ބުނެވިދާނެ އެވެ. ކުޅިވަރުގައި މަތީ ދަރަޖައިގެ ކާމިޔާބީތައް ހޯދަމުން އަދި ކިޔެވުމުގައި ވެސް އެހާމެ މޮޅު ކުދިން ފެންނާތީ އެވެ.

އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ކެޕްޓަން އައިޝަތު ރަފާ ނާޒިމަކީ އޭގެ މިސާލެކެވެ. ކިޔެވުމަށް އޭނާ ނުހަނު މޮޅެވެ. ކުޅިވަރަށް ހަމައެކަނި މޮޅީކީ ނޫނެވެ. އޭނާ އަކީ ޓޭބަލް ޓެނިހުގެ ދިވެހިރާއްޖޭގެ އަންހެން ޗެމްޕިއަނެވެ. އެ މަގާމް 13 އަހަރު ދެމެހެއްޓި މުއީނާ މުހައްމަދު މިދިޔަ އަހަރު ފަހަތަށް ޖައްސާލީ އުމުރުން އެންމެ 13 އަހަރުގަ އެވެ. އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ގައުމީ ޓީމް ތަމްސީލްކޮށްފި އެވެ. މިދިޔަ އަހަރުގެ ސައުތު އޭޝިއަން ޖޫނިއާ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުގެ 15 އަހަރުން ދަށުގެ ޑަބަލްސް ކެޓަގަރީން ރާއްޖެ އަށް ރިހި މެޑަލް ހޯދައިދިނެވެ. މި ހިސާބަށް ދެވޭނީ ކުޅިވަރަށް ވެސް ވަރަށް ބޮޑު ސަމާލުކަމެއް ދީގެންނެވެ.

އެކަމަކު ކިޔެވުމަށް ބުރުލެއް ނާރަ އެވެ.

ކުޅިވަރުގައި އުޅުމަކީ ކިޔެވުމަށް އެޅޭނެ ހުރަހެއް ނޫންކަން ހަމަގައިމު ވެސް ރަފާ މިވަނީ ސާބިތުކޮށްދީފަ އެވެ. އޭގެ ސިއްރަކީ ކޮބާ ހެއްޔެވެ؟ ޕްރީ ސްކޫލުން ފެށިގެން ކުޅިވަރުތަކުގައި ބައިވެރިވަމުން އަންނަ ރަފާ ބުނީ ދެ ކަމުގައި ވެސް އެއް ވަރަކަށް ހަރަކާތްތެރިވެވިދާނެ ގޮތްތައް ކުޑައިރު މަންމަ އާއި ބައްޕަ ކިޔައިދިން ކަމަށެވެ.

މުއީނާގެ މައްޗަށް ކުރި ހޯދުމަށް ފަހު ރަފާ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއީނާގެ މައްޗަށް ކުރި ހޯދުމަށް ފަހު ރަފާ އުފާފާޅުކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"ކުޑައިރުސުރެ ސްޕޯޓްސް އަށާއި ސްޓަޑީސް އަށް ދޭއްޗަށް އަހަމިއްޔަތުކަން ދޭން މަންމަ އާއި ބައްޕަ ދަސްކޮށްދީފައި ހުންނާތީ އަޅުގަނޑަށް މިހާރު ވެސް އެ ދެ ކަންތައް ބެލެންސް މި ކުރެވެނީ،" ރަފާ ބުންޏެވެ.

ދަރިވަރުންނަށް ކުޅިވަރުގައި ދޭ ޝަރަފްވެރި ކަލާސް އެވޯޑް ހާސިލްކޮށްފައިވާ ރަފާ ދެކޭ ގޮތުގައި އެންމެ މުހިއްމު ކަމަކީ އެކުރާ ކަމަކަށް 100 ޕަސެންޓް ސަމާލުކަން ދިނުމެވެ. އޭނާ ދުވަހުގެ ތާވަލް ތަރުތީބު ކުރަނީ، އެގޮތަށް ބަލައިގެންނެވެ.

ސްކޫލުން ގެޔަށް ގޮސް އޭނާ އަރާމުކުރެ އެވެ. ހެލިފެލިވެ ނޫޅޭ އެގަޑިއަކީ ހަށިގަނޑު ރިލެކްސްކޮށްލަން ލިބޭ ފުރުސަތެކެވެ. އެއަށް ފަހު ދަނީ ކުޅޭށެވެ. ޕްރެކްޓިހުގައި އޭނާގެ 100 ޕަސެންޓް ދެ އެވެ. އެތަނުގައި ހޭދަކުރާ ކޮންމެ މިނެޓެއް، ކޮންމެ ސިކުންތެއްގައި ވެސް ވިސްނަނީ ކުޅުމުގެ ހުނަރާއި ފަންވަރު މަތިކުރެވޭނެ ގޮތްތަކާ މެދު އެވެ.

"ވަރަށް މުހިއްމު ކަމެއް ޓައިމް މެނޭޖްކޮށްފައި ސްޕޯޓްސް އާއި ސްޓަޑީސް، މި ދެ ކަމަށް ވެސް ޓައިމް ބެލެންސްކުރުމަކީ. [ބުރަކޮށް މަސައްކަތްކޮށްފިއްޔާ] މޮޅަށް ކިޔަވަމުން ކުޅިވަރު ކުޅެވޭނެ،" ރަފާ ޔަގީންކަން ދިނެވެ.

ރަފާ (ކ) އޭނާގެ މުދައްރިސަކާ ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަފާ (ކ) އޭނާގެ މުދައްރިސަކާ ވާހަކަދައްކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ސްކޮޑުގައި ހިމެނޭތީ ކުރިއަށް ވުރެ ބޮޑަށް ޕްރެކްޓިސްތަކަށް މިހާރު ސަމާލުކަން ދޭން ޖެހެ އެވެ. އެކަމަކު ކިޔަވަން ދޭ ވަގުތާއި ވިސްނުމަށް ކުޑަ ވެސް އަސަރެއް ނުކުރެ އެވެ. ބައެއް ކުދިންނަށް ވާ ގޮތަކީ، ކުޅިވަރެއްގައި ހަރަކާތްތެރިވާން ފަށާ ހިސާބުން ކިޔެވުން ދޫކޮށްލެވެނީ އެވެ.

"ކިޔަވާ ދުވަސްވަރު ވެސް ސްޕޯޓްސް ނުކުޅުމަށް ނެތް ސަބަބެއް އަސްލު. ކުރާ ކޮންމެ ކަމަކަށް 100 ޕަސެންޓް ދީފިއްޔާ ސަކްސެސްފުލްވެވޭނެޔޭ ދެ ކަމަށް ވެސް،" ރަފާ ބުންޏެވެ.

އޭނާ ފާހަގަކުރެވެނީ ހަމައެކަނި ކުޅިވަރުންނާއި ކިޔެވުމުގެ ދާއިރާއަކުން ނޫނެވެ. ލިޓްރޭޗާ ފަދަ ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ވެސް ބައިވެރިވެ އެވެ. ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދެކެމުން އަންނަ ރަފާގެ ކުރިމަތީގައި ކާމިޔާބު ކުޅިވަރު ކެރިއަރެއް ވެސް އޮތްކަން މިހާރު ޔަގީނެވެ.

ރަފާ ގައުމީ ފައިނަލުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ރަފާ ގައުމީ ފައިނަލުގައި ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

"މިހާރު ވެސް އަޅުގަނޑަށް އެއްވެސް އުނދަގުލެއް ނެތި ސަމާލުކަންދެވޭ ކިޔެވުމާއި ޓޭބަލް ޓެނިހަށް. އެހެންވީމާ ކުރިއަށް އޮތް ތަނުގައި ވެސް އެގޮތުގައި ކުރިއަށް ދެވޭނެ،" ރަފާ ބުންޏެވެ.

އޭނާ ވަނީ ކުޅިވަރަށް ކުދިން ފޮނުވަންވީ އެހެން ސަަބަބެއް ވެސް، އަމިއްލަ ތަޖުރިބާ އިން ކިޔައިދީފަ އެވެ. އެއީ ކުޅިވަރު ކުޅުމަކީ ކުއްޖާ އަށް ލިބޭ ކަސްރަތަކަށްވެ ސިކުނޑި ކިޔެވުމަށް ފޯކަސްކުރަން ވެސް އެޅޭ ބާރަކަށް ވުމެވެ.

"އަބަދު ފޮތްކިޔައި ފިލާވަޅުގެ ތެރޭގައި އުޅޭނަމަ ކުއްޖާ އަށް ފޯކަސްކުރަން އުނދަގޫވާނެ. އެކަމަކު ކުޅިވަރު ކުޅޭ ނަމަ ސިކުނޑި ތާޒާވެ، ސަމާލުކަން ރަނގަޅުވާނެ. އެހެންވެ ކުޅިވަރު ކުޅުމަކީ ކިޔެވުމުގައި ކުރިއަށް ދިއުމަށް ވެސް ވަރަށް މުހިއްމު ކަމެއް،" ރަފާ ބުންޏެވެ.