Roadha Mihaaru
މިއީ ހަމައެކަނި އަހަންނާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ނޫން: ބޭލް

މިއީ ހަމައެކަނި އަހަންނާއި ރޮނާލްޑޯގެ ކުރިމަތިލުމެއް ނޫން: ބޭލް

05 ޖުލައި 2016

ލިޔޯން، ފްރާންސް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާރޭ ޕޯޗުގަލާއި ވޭލްސް ކުޅޭ މެޗަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލްގެ ކުރިމަތިލުމެއް ނޫން ކަމަަށް ބޭލް ބުނެފި އެވެ.

ލިޔޯން، ފްރާންސް (ޖުލައި 5) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާރޭ ޕޯޗުގަލާއި ވޭލްސް ކުޅޭ މެޗަކީ ހަމައެކަނި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގަރެތު ބޭލްގެ ކުރިމަތިލުމެއް ނޫން ކަމަަށް ބޭލް ބުނެފި އެވެ.

މިއީ ވޭލްސް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ ޓީމުން ސެމީން ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ވަރުގަދަ ބެލްޖިއަމް ބަލިކުރުމަށް ފަހު އެވެ. ޕޯޗުގަލް ސެމީން ޖާގަ ހޯދީ ޕެނަލްޓީ ޖަހައިގެން ޕޮލެންޑުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ބޭލް ބުނީ ޕޯޗުގަލްއާ ދެކޮޅަށް ކުޅޭ މެޗަކީ ހަމައެކަނި ދެ ކުޅުންތެރިންގެ ވާދަވެރިކަމަށް ވުރެން ބޮޑު މެޗެއް ކަމަށެވެ.

"މިއީ ދެ ކުޅުންތެރިއަކަށް ހާއްސަވާ މެޗެއް ނޫން. މިއީ ބޮޑު މުބާރާތެއްގެ ސެމީ ފައިނަލުގައި ދެ ގައުމެއްގެ ކުރިމަތިލުމެއް. ދެ ޓީމުގައި ވެސް 11 ކުޅުންތެރިން ތިބޭނެ. ކޮންމެ ކުޅުންތެރިއަކު ވެސް މުހިއްމުވާނެ،" ބޭލް ބުންޏެވެ.

އޭނާ ބުނީ ރެއާލުގައި ވެސް ރޮނާލްޑޯއާ އޭނާ އަކީ ގާތް ރަހުމަތްތެރިން ކަމަށާއި އެއްވެސް ވާދަވެރިކަމެއް ނޯންނަ ކަމަށެވެ. ނަމަވެސް މާދަމާރޭގެ މެޗުގެ ވަގުތުގައި ރަހުމަތްތެރިކަން ނޯންނާނެ ކަމަށް ބޭލް ބުންޏެވެ.

ވޭލްސް މި ފަހަރު ޔޫރޯގައި އޮތީ އިންގްލެންޑާއި ރަޝިއާ އަދި ސްލޮވާކިއާއާ އެއް ގްރޫޕެއްގަ އެވެ. އެ ޓީމު ދެ ވަނަ ބުރުން ޖާގަހޯދީ ގްރޫޕް އެއް ވަނައިގެ ގޮތުގަ އެވެ. އަދި 1958 އަހަރަށް ފަހު ބޮޑު މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރު ސެމީ ފައިނަލުން ޖާގަ ލިބުމަކީ ބޮޑު އުފަލެއް ކަމަށް ބޭލް ސިފަކުރެ އެވެ.

"މިހާ ހިސާބަށް އާދެވުމަކީ ވެސް ކާމިޔާބެއް. އެއީ އަހަރެން ހަނދާން އެބަހުރި ރެއާލްގައި ޓޮނީ ކްރޫސް އަހަންނާ ދިމާ އަށް ބުނި ވޭލްސް އަށް ލިބޭނީ ޔޫރޯގައި ތިން މެޗު ކަމަށް. އެހެންނެއް ނުވި. އުއްމީދުކުރަނީ ފައިނަލުގައި ކްރޫސްއާ ދެކޮޅަށް ކުޅެން ޖެހޭނެ ކަމަށް،" ބޭލް ބުންޏެވެ.

ޕޯޗުގަލާއި ވޭލްސްގެ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން ދަންވަރު 12 ޖަހާއިރު އެވެ.