Roadha Mihaaru
އާސެނަލްގެ ރެކޯޑާ ހަމައެއް ނުކުރެވޭނެ: ގާޑިއޯލާ

އާސެނަލްގެ ރެކޯޑާ ސިޓީއަށް ހަމައެއް ނުކުރެވޭނެ: ގާޑިއޯލާ

05 ނޮވެމްބަރ 2017

މެންޗެސްޓާ (ނޮވެމްބަރު 5) - އެއްވެސް މެޗަކުން ބަލިނުވެ 2003/2004 ވަނަ އަހަރު އާސެނަލުން ޕްރިމިއާ ލީގު ހޯދައިގެން ހަދާފައިވާ ރެކޯޑާ މި ސީޒަނު މެންޗެސްޓާ ސިޓީ އަށް ހަމަނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ނޮވެމްބަރު 5) - އެއްވެސް މެޗަކުން ބަލިނުވެ 2003/2004 ވަނަ އަހަރު އާސެނަލުން ޕްރިމިއާ ލީގު ހޯދައިގެން ހަދާފައިވާ ރެކޯޑާ މި ސީޒަނު މެންޗެސްޓާ ސިޓީ އަށް ހަމަނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މެޗަކުން ބަލިނުވެ ލީގު ހޯދައިގެން މިހާތަނަށް ރެކޯޑް ހަދާފައިވަނީ އާސެނަލްގެ އިތުރުން ޕްރެސްޓަން ނޯތު އެންޑް އެވެ. ޕްރެސްޓަން ބަލިނުވެ އިނގިރޭސި ފުރަތަމަ ޑިވިޝަނުގެ ލީގު ހޯދީ 1888/1889 ވަނަ އަހަރު އެވެ. އޭރު ލީގުގައި ކުޅުނީ 12 ޓީމެވެ. އިނގިރޭސި ޕްރިމިއާ ލީގަށް ބަދަލުވި ފަހުން ރެކޯޑް ހެދީ އާސެނަލުން އެކަންޏެވެ.

މި ފަހަރު ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ސިޓީ ބަލިވެފައި ނުވެ އެވެ. ސިޓީ މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. ގާޑިއޯލާ ބުނީ ވަކި ރެކޯޑެއްގެ ފަހަތުން ސިޓީ ނުދުވާނެ ކަމަށެވެ.

"ވެންގާ (އާސެނަލްގެ ކޯޗު) ގާތުގައި އަހަރެން ބުނަން ބޭނުމީ މި ރެކޯޑަކީ އޭނާގެ ހައްގެކޭ. އަހަރެމެން ނުޅޭން އެ ރެކޯޑް މުގުރާލަން. ވެންގާ ހަމަޖެހިގެން ހުންނަންވީ. އެއީ އެ ރެކޯޑް ސިޓީ އަކަށް މުގުރައެއް ނުލެވޭނެ. އެ ފަހަރު އާސެނަލްގައި އޮތީ ވަރަށް ވަރުގަދަ ޓީމެއް،" ގާޑިއޯލާ ބުންޏެވެ.

އޭނާ ބުނީ ޕްރިމިއާ ލީގުގައި ބަލިނުވެ ރެކޯޑް ދެމެހެއްޓުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި މި ވަގުތު އަމާޒަކީ އާސެނަލް ބަލިކުރުން ކަމަށެވެ.

މިދިޔަ އަހަރު އެފްއޭ ކަޕް ސެމީ ފައިނަލުގައި އާސެނަލް އަތުން ބަލިވި ފަހުން ސިޓީ އަދި މިހާތަނަށް އެއްވެސް މެޗަކުން ބަލިނުވެ އެވެ. ގާޑިއޯލާ ބުނީ އެކަމަށް ސަމާލުވާނެ ކަމަށެވެ.

ވެންގާ ބުނީ މިރޭގެ މެޗުގައި އޭނާގެ ޓީމުން ފަހަތަށް ނުޖެހޭނެ ކަމަށެވެ.

"އަހަރެންގެ ކޯޗިން ކެރިއަރުގައި މިހާތަނަށް އެއްވެސް މެޗެއްގައި ފަހަތަށް ޖެހިގެން ނުކުޅެން. ސިޓީއާ ދެކޮޅަށް އެހެން ކުޅެންވީ ސަބަބެއް ނެތް. އާސެނަލްގެ ގޭމް ކުޅެން ފަހެއް ނުޖެހޭ. އާސެނަލުން އެޓޭކް ކުރާނަން،" ވެންގާ ބުންޏެވެ.

އާސެނަލްގެ ޝްކޮޑްރަން މުސްތާފީ އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވުނު ނަމަވެސް އެންމެ ފަހުން ސްވަންސީ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރި ބޮސްނިއާގެ ފުލްބެކް ސީޑް ކޮލަސިނަޗަށް މި މެޗުގައި ކުޅެވުމުގެ ފުރުސަތު އެބައޮތެވެ.

ސިޓީ އާއި އާސެނަލް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 19:15 ގަ އެވެ.