Roadha Mihaaru
ލީގު ކަޕް ލިބުނަސް އުފާފާޅެއް ނުކުރާނަން: ގާޑިއޯލާ

ލީގު ކަޕް ލިބުނަސް އުފާފާޅެއް ނުކުރާނަން: ގާޑިއޯލާ

25 ފެބުރުއަރީ 2018

ލަންޑަން (ފެބްރުއަރީ 25) - އިނގިރޭސި ލީގު ކަޕް ފައިނަލުގައި މިރޭ އާސެނަލް އަތުން މޮޅުވި ނަމަވެސް އޭނާ މާ ބޮޑަށް އުފާފާޅުނުކުރާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ފެބްރުއަރީ 25) - އިނގިރޭސި ލީގު ކަޕް ފައިނަލުގައި މިރޭ އާސެނަލް އަތުން މޮޅުވި ނަމަވެސް އޭނާ މާ ބޮޑަށް އުފާފާޅުނުކުރާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިރޭގެ ފައިނަލަށް ނުކުންނައިރު ސިޓީ އަކީ މުބާރާތުގެ ފޭވަރިޓެވެ. އެހެން ނަމަވެސް ގާޑިއޯލާ ދެކެނީ އެގޮތަކަށް ނޫނެވެ.

"މިއީ ފައިނަލެއް. އަހަރެން އެއްވެސް އިރެއްގައި ގަބޫލެއް ނުކުރަން ފައިނަލެއްގައި ފޭވަރިޓެއް އޮންނާނެ ކަމަށް. ފުރަތަމަ ފައިނަލުގައި އަހަރެން އަަބަދުވެސް ހާސްވޭ. އެކަމަކު އެއީ ފުޓްބޯޅައިގައި އާ ކަމެއް ނޫން،" މިރޭގެ ފައިނަލުގެ ކުރިން ގާޑިއޯލާ ބުންޏެވެ.

"އަހަރެން ކުޅުންތެރިންނަށް އަންގައިފިން ތަށި ލިބުނަސް މާބޮޑަށް އުފާފާޅު ނުކުރަން. މިއީ ސީޒަންގެ މެދުތެރެ. މާ ބޮޑަށް އުފާފާޅުކޮށްގެން އޯވަކޮންފިޑެންޓްވާން ބޭނުމެއް ނޫން. ސީޒަން ނިމެނީ މެއި މަހު. އަދި ކުރަން ޖެހޭ މަސައްކަތް ގިނަ،"

އިނގިރޭސި ތިން މުބާރާތް ކާމިޔާބުކުރަން ސިޓީން ކުރަމުން އައި އުއްމީދު ފެނަށް ދިޔައީ މިދިޔަ ހަފްތާގައި އެފްއޭ ކަޕްގައި ވިގަން އެތުލެޓިކް އަތުން ބަލިވުމުންނެވެ.

ގާޑިއޯލާ ބުނީ މިއީ ވިގަން މެޗު ހަނދާން ނައްތާލަން ލިބޭ ވަރަށް ބޮޑު ފުރުސަތެއް ކަމަށެވެ. އަދި ފައިނަލުގައި އިނގިރޭސި ފުޓްބޯޅައިގައި އޭނާ އަށް ފުރަތަމަ ތަށްޓެއް ލިބުމަށް ވުރެން ސިޓީ އަށް ލިބޭ ކާމިޔާބީ މާ މުހިއްމުވާނެ ކަމަށް ބުންޏެވެ.

އާސެނަލްގެ ސްޕެެއިން ޑިފެންޑަރު ހެކްޓަ ބެލެރިން ބުނީ މުޅި ޓީމު މިރޭ ފައިނަލަށް ނުކުންނާނީ އެ ޓީމުގެ ކޯޗު އާސެން ވެންގާ އަށް އެހީވުމަށް މި މުބާރާތް ކާމިޔާބު ކުރަން އިތުރު ހިތްވަރެއް ލައިގެންނެވެ. އެހެން ނަމަވެސް ވެންގާ ބުނީ އޭނާ އަމިއްލަ އަށް އެއްވެސް ކްރެޑިޓެއް ބޭނުންނުވާ ކަމަށާއި ބޭނުމީ ކްލަބަށް ކާމިޔާބު ހޯދުން ކަމަށެވެ.

"އަހަރެން ބޭނުންވަނީ މި ކްލަބް ކުރިއަށްދާން. ތަށްޓެއް ލިބުމަކީ ކޮންމެ ކްލަބެއް ވެސް ކުރިއަށް އަޅާނެ ފިޔަވަޅެއް،" ވެންގާ ބުންޏެވެ.

"މެންޗެސްޓާ ސިޓީގައި އެބަތިބި އިންޑިވިޖުއަލީ ވަރަށް މޮޅު ކުޅުންތެރިން. އެކަމަކު އަހަރެމެން ވިސްނަންވީ ހަމައެކަނި އެ ކުޅުންތެރިންނަކަށެއް ނޫން މުޅި މެންޗެސްޓާ ސިޓީ އަށް."

މިއީ އާސެނަލާއި ސިޓީ ފައިނަލެއްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މިރޭގެ މެޗަށް ނުކުންނައިރު އާސެނަލަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އެންމެ ފަހުން ވެމްބްލީގައި ސިޓީއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެފައިވުމެވެ.

ސިޓީ އާއި އާސެނަލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 21:30 ގަ އެވެ.