ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.
30 އޮކްޓޯބަރ 2017
ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރަކު ޕީޕީއެމުން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމައިފި އެވެ.
ޕީޕީއެމުން ވަކި ކުރަން ނިންމާފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު އަލީ ޝާހެވެ.
ސުލޫކީ ކޮމެޓީން ބުނި ގޮތުގައި ތިން މެމްބަރުން ޕީޕީއެމުން ވަކިކުރަން މިދިޔަ ހޮނިހިރު ދުވަހު ނިންމީ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް އަމަލުކޮށް، ސަރުކާރު ބަދުނާމްވާ ގޮތަށް ވާހަކަ ދެއްކުމާއި ޕީޕީއެމް ޕީޖީ ގްރޫޕްގެ ނިންމުންތަކާ ހިލާފަށް މަސައްކަތް ކުރުމާ ގުޅިގެންނެވެ.
ޕީޕީއެމާ ދޭތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ޕީޕީއެމުން ވަކިވެވަޑައިގަންނަވަން ނިންމެވި 10 މެމްބަރުންގެ ތެރޭގައި ސައުދުﷲ އާއި މުސްތަފާ އަދި ޝާހު ވެސް ހިމެނިވަޑައިގަންނަވަ އެވެ.
މީގެއިތުރުން މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ސޮއި ކުރެއްވި 45 މެމްބަރުންގެ ތެރޭގައި ވެސް މި ތިން މެމްބަރުން ހިމެނިވަޑައިގަންނަވަ އެވެ.
ސުލޫކީ ކޮމެޓީން ބުނީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ތިން މެމްބަރުން ސޮއި ކުރައްވާފައިވާތީ ސޮއި ނަގަން ދިން މުއްދަތުގައި އެކަންކޮށްފައި ނުވާ ކަމަށެވެ. އެހެންވެ، އެ ތިން މެމްބަރުން ވަކިކުރަން ނިންމީ ސުލޫކީ ކޮމެޓީގެ މެމްބަރުންގެ އިއްތިފާގުން ކަމަށް އެ ކޮމެޓީން ބުންޏެވެ.
މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ކޯޓުގެ ހުކުމް އައުމުގެ ދެ ތިން ދުވަސް ކުރިން ޕީޕީއެމުން ވަނީ އެ މެންބަރުންގެ މައްސަލަ އަލުން ބަލަމުން އަންނަ ކަމަށާއި ޕާޓީން ވަކި ނުވާ ކަމަށް އެ މެމްބަރުންނަށް އަންގައިފަ އެވެ.
ޕީޕީއެމުން މިހާތަނަށް ވަނީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިނާއި ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާން އަދި ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ޕީޕީއެމުން ވަކިކުރަން ނިންމައިފަ އެވެ. އަދި އެ ދާއިރާތަކުގެ ގޮނޑި ގެއްލުނު ކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާންކޮށްފަ އެވެ.
ދާއިރާތަކުގެ ބައި އިލެކްޝަންތައް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށް އީސީން ވަނީ ބުނެފައިވާއިރު، މިހާތަނަށް އީސީން ބައި އިލެކްޝަން އިއުލާނެއް ނުކުރެ އެވެ. ނަމަވެސް ބައި އިލެކްޝަންތައް ބޭއްވުމަށް ދާދި ފަހުން މަޖިލީހުން ފާސްކުރި ސަޕްލިމެންޓްރީ ބަޖެޓުގައި ވަނީ 26 މިލިއަން ރުފިޔާ ކަނޑައަޅައިފަ އެވެ.
ގާނޫނުއަސާސީގެ 78 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މަޖިލީހުގެ ގޮނޑިއެއް ހުސްވާ ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ގޮނޑި އަށް މެމްބަރަކު އިންތިހާބު ކުރަންވާނެ އެވެ. ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވެސް ބުނެފައި ވަނީ، އެފަދަ ހާލަތެއް މެދުވެރިގެން މަޖިލީހުގެ ގޮނޑިއެއް ހުސްވެއްޖެ ނަމަ ދެ މަސްދުވަހުގެ ތެރޭގައި އެ ދާއިރާއެއްގެ ބައި އިލެކްޝަނެއް ބާއްވަން ވާނެ ކަމަށެވެ.
ޕާޓީ ބަދަލުކުރުމުގެ ސަބަބުން، މަޖިލީހުގެ ގޮނޑިތަކެއް ހުސްވި ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅީ، ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވާ ހަމަތަކާ ޚިލާފަށް ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު، ގޮނޑިތައް ފުރުއްވަމުން ގެންދެވި މެންބަރުން އެ ތާރީޚުން ފެށިގެން މަޖިލީހަށް ވަނަކަ ނުދެ އެވެ.
މުސްތޮފާ، ސައުދުﷲ އަދި ޝާހުގެ ގޮނޑި ގެއްލިއްޖެ
"ޕީޕީއެމުން ވަކިކުރި ކަމަށް ބުނަނީ ކުރީގެ މެންބަރުން"
12 މެމްބަރުންގެ ގޮނޑި ވެސް އަނބުރާ ލިބިއްޖެ
ޕީޕީއެމުން މާ ކުރިން އޮތީ ވަކިވެފައި: މެމްބަރުން
ގޮނޑީގެ މައްސަލައިގެ ބަޔާންތަކުގައި ސޮއިކޮށްފި
އަޅުގަނޑުމެން "ހައިޖެކެއް" ނުކުރެވޭނެ: މެމްބަރުން
ޕީޕީއެމުން މެމްބަރުން ވަކިކޮށެއް ނުދިން
މުސްތަފާ ވެސް އެންމެ ފަހުން ޕީޕީއެމުން ވަކިވެއްޖެ
މެމްބަރު ސައުދުﷲ ވެސް ޕީޕީއެމުން ވަކިވެއްޖެ
ގާރީ ރަޝީދު ސޮއިކުރެއްވި ވީޑިއޯ ވެސް އެބައޮތް: މުސްތަފާ