Roadha Mihaaru
ބީޖީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް

ބީޖީ ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ތިން ވަނަ އަށް

04 ޖުލައި 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 2-1 އިން ބީޖީ ސްޕޯޓްސް ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ 2-1 އިން ބީޖީ ސްޕޯޓްސް ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ޑިވިޝަން ޗެމްޕިއަންކަން ހޯދުމަށް ފަހު ލީގަށް ކޮލިފައިވެ، ޔުނައިޓެޑް ވިކްޓަރީން އަންނަނީ މި އަހަރު ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ފުރަތަމަ ބުރުގައި އެ ޓީމު ކުޅުނު ހަތް މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ.

މިރޭގެ މޮޅާ އެކު ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓަރީ ލީގުގެ ތިން ވަނައިގައި އޮތްއިރު، ދެ ވަނައިގައި އީގަލްސް އޮތީ ހަ މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. ލީގުގެ އެއް ވަނައިގައި މާޒިޔާ އޮތީ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ބީޖީ ފުރަތަމަ ބުރު ނިންމާލީ ހަތް މެޗުން އެންމެ ދެ ޕޮއިންޓަކާ އެކު ލީގުގެ އަށް ވަނައިގަ އޮވެ އެވެ.

ރަސްމީ ބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. މެޗުގެ ކުރީކޮޅު ބީޖީގެ އިބްރާހިމް އަފްލާހާއި ބިދޭސީ ފޯވާޑް ކިންގްސްލީ އެލެޗީ ވަނީ ދެ ހަމަލާއެއް އުފައްދައިފަ އެވެ. ދެ ހަމަލާ ވެސް ގޯލާ ސީދާ ވާގޮތެއްނުވި އެވެ.

މި ހާފްގައި ލަނޑު ޖަހަން ބީޖީން އެންމެ ހުސް ފުރުސަތެއް ލިބުނީ އަފްލާހް އަށެވެ. ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އަފްލާހް އަށް ހުސްކޮށް ލިބުނު ބޯޅަ އޭނާ ފޮނުވާލި ނަމަވެސް ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ކީޕަރު މަހުމޫދު އަލް ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

ޔުނައިޓެޑް ވިކްޓަރީން މެޗުގެ ލީޑުނެގީ 45 ވަނަ މިނިޓްގަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ރަފީނިއާ އެވެ. އޭރިއާ އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން ރަފީނިއާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބީޖީގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބު އަތް މަތިން ގޮހެވެ.

ދެ ވަނަ ހާފް ފެށިގެން ބީޖީން ކުޅުން ރަނގަޅުކުރި އެވެ. ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް ކާމިޔާބެއްނުވި އެވެ. އެންމެ ރަނގަޅު ފުރުސަތުތަކެއް ލިބުނީ އިބްރާހިމް ޝިޔާމް އާއި ސޮލާހު އަށެވެ.

ބީޖީން އެއްވަރުކުރީ މެޗުގެ 60 ވަނަ މިނިޓްގަ އެވެ. އެޓީމުގެ ލަނޑު ކާމިޔާބުކުރީ ކިންގްސްލީ އެވެ. އޭރިއާ ތެރެއަށް މަތިން އައި ބޯޅައެއް މެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު ޔުނައިޓެޑް ވިކްޓަރީގެ ކީޕަރު މަހުމޫދާއި ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ކިންގްސްލީ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.

އޭގެ އެއް މިނިޓް ފަހުން ޔުނައިޓެޑް ވިކްޓަރީން ވަނީ ދެ ވަނަ ފަހަރަށް ލީޑު ނަގައިފަ އެވެ. ދެ ވަނަ ލަނޑު ވެސް ޖެހީ ލިބުނު ޕެނަލްޓީ އަކުން ރަފީނިއާ އެވެ. މި ޕެނަލްޓީ އަކީ ޔުނައިޓެޑް ވިކްޓަރީގެ ކެރިކް އަންދްރެޖް އަށް ބީޖީ އޭރިއާ ތެރެއިން އެ ޓީމުގެ މުހައްމަދު ނިޒާމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލީގުގައި މާދަމާރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ބައްދަލުކުރާނީ ވިކްޓަރީ ސްޕޯޓްސް ކްލަބާ އެވެ. މެޗު ފަށާނީ 22:00 ގަ އެވެ.