Roadha Mihaaru
ބޮޑު މޮޅަކާ އެކު ޓީސީ އެއް ވަނަ އަށް

ބޮޑު މޮޅަކާ އެކު ޓީސީ އެއް ވަނަ އަށް

25 އޮކްޓޯބަރ 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދ. ކުޑަހުވަދޫ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ދ. ކުޑަހުވަދޫ އަތުން 4-0 އިން ހޯދި ބޮޑު މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޓީސީ އެއް ވަނަ އަށް އެެރީ 10 މެޗުން 25 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ ނުވަ މެޗުން 24 ޕޮއިންޓެވެ. ނިއު މާދަމާރޭ މާޅޮހާ ދެކޮޅަށް ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލައިފިނަމަ އެ ޓީމަށް އަލުން އެއް ވަނަ ލިބޭނެ އެވެ. ލީގުގެ ތިން ވަނައިގައި އޮތް މާޒިޔާ ވަނީ މިއަދު ގދ. ތިނަދޫއާ 1-1 އެއްވަރުވެފަ އެވެ. އެ ޓީމަށް 10 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ.

މި މެޗަށް ނުކުތްއިރު ޓީސީ އޮތީ އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް މޮޅުވެގެން ރަނގަޅު ފޯމެއްގަ އެވެ. އެންމެ ފަހުން ކުޅުނު މެޗުން ގދ. ތިނަދޫ އަތުން ޕޮއިންޓެއް ހޯދި ނަމަވެސް މި މެޗަށް ކާޑު ހަމަވުމުގެ ސަބަބުން ކުޑަހުވަދޫގެ ދެ ކުޅުންތެރިއަކު ވަނީ ސަސްޕެންޑް ވެފަ އެވެ. އެއީ އެ ޓީމުގެ ފަހަތަށް ކުޅޭ ހަސަން އިބްރާހިމް އާއި ކުރިއަށް ކުޅޭ އަފޮންޖާ ޖިބޯލާ އެވެ.

މެޗު ފަށައިގެން ޓީސީގެ އަވަސް ކުޅުމުގެ ސަބަބުން ކުޑަހުވަދޫ އަށް ނުރައްކާ ބޮޑުވި އެވެ. އަދި މެޗުގެ ފަސް ވަނަ މިނިޓްގައި ޓީސީން ވަނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ ހަނީފް (ބެންޖޯ) ގެ ލަނޑުން ލީޑުނަގައިފަ އެވެ. ބެންޖޯ މި ލަނޑު ޖެހީ އޭރިއާ ތެރެެއިން ލިބުނު ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެންނެވެ.

މެޗުގެ 19 ވަނަ މިނިޓްގައި ޓީސީގެ ސެއިން ވިންސެންޓް ފޯވާޑް ކޮނޭލިއަސް ސްޓެވާޓަށް މުޅިން ހުސްކޮށް ވަދެ ފޮނުވާލަން ލިބުނު ބޯޅަ ލަސްކޮށްލުމުގެ ސަބަބުން އެ ފުރުސަތުގެ ބޭނުން ނުހިފުނެވެ. އެ ބޯޅަ ކުޑަހުވަދޫގެ ކީޕަރު އަބްދުﷲ ޔަޒީދު ވަނީ ބޭރުކޮށްލައިފަ އެވެ.

އޭގެ ފަހުން ޓީސީގެ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އާއި ނާއިޒު ހަސަން (ދާދު) އާއި ސްޓެވާޓަށް ލަނޑު ޖަހަން ގިނަ ބޯޅަތަކެއް ލިބުނުއިރު އޭގެ އިން އެއްވެސް ފުރުސަތެއްގެ ބޭނުމެއް ނުހިފުނެވެ.

އެހެން ނަމަވެސް މެޗުގެ 41 ވަނަ މިނިޓްގައި ޓީސީން ވަނީ ދެ ވަނަ ލަނޑެއް ޖަހައިފަ އެވެ. މެދުތެރެއިން ފޭދޫ އިއްބެ ހުސްކޮށްލާފައި ދާދު އަށް ދިން ބޯޅަ ހިފައިގެން އޭރިއާ ތެރެއަށް ވަދެ އޭނާ ވަނީ ކީޕަރު ޔަޒީދަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ފޭދޫ އިއްބެ ދިން ބޯޅަ އަކުން ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ސްޓެވާޓެވެ. އޭނާ މި ގޯލު ޖެހީ އޭރިއާ ތެރޭގައި ހުސްކޮށްހުރެ އެވެ.

ދެ ވަނަ ހާފް ފަށައިގެން ދެ މިނިޓް ތެރޭ ޓީސީގެ ސްޓެވާޓް ފޮނުވާލި ބާރު ބޯޅަ ކީޕަރު ޔަޒީދު ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. މެޗުގެ 60 ވަނަ މިނިޓްގައި ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ ފޭދޫ އިއްބެ އެވެ. އޭރިއާ ރޮނގުކައިރިން ތިރިތިރިން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ޔަޒީދު އަށްދަށުން ގޮހެވެ.

މެޗުގެ 69 ވަނަ މިނިޓްގައި ކުޑަހުވަދޫގެ އަބްދުލް ހާލިގަށް ލަނޑު ޖަހަން ލިބުނު ފުރުސަތުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ޓީސީން ވަނީ މެޗުގެ ފަހު 20 މިނިޓަށް ތިން ބަދަލެއް ކޮށްފަ އެވެ. އެއީ ފޭދޫ އިއްބެ އާއި ދާދު އަދި މުހައްމަދު ސާމިރުގެ ބަދަލުގައި އަހުމަދު ސުހެއިލް (ބަމްޕުޗު) އާއި އަލީ ނަސޫހް އަދި ނަޝާހު އަހުމަދު ކުޅެން އަރުވައިފަ އެވެ.

ބަދަލުތަކާ އެކު ވެސް ޓީސީން ގިނަ އެޓޭކުތަކެއް ކުރި ނަމަވެސް ލިބުނު ފުރުސަތުތައް ގޯލަކަށް ހަދައެއް ނުލެވުނެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ވަރަށް ރަނގަޅު ކުޅުމަކަށް ފަހު ބައިކޮޅަށް ގޯލެއް ނުވަދެ ނިމުމުން މުޅި މެޗާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ.

"ވަރަށް މުހިއްމު ކަމެއް މާޒީ އަށް ވުރެން ބޮޑަށް ތާރީހަށް ވަންނަން މި ވަރަށް މުހިއްމު ރަން އެއް. އަދި ކުރިއަށް ހުރި މެޗުތަކުގައި ވެސް ހިފަހައްޓަން. މިހެން ބުނާއިރު ވެސް އެނގޭ ފަސޭނުވާނެކަން އެއީ ސްކޮޑުގެ ގޮތުން އެހާ ވަރުގަދަ ކުޅުންތެރިންތަކެއް ނެތް. ލޯންގް ރަން އަކަށްދާއިރު މިއީ ވަރަށް ބޮޑު ޗެލެންޖެއް،" ނިޒާމްބެ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބްރުޒޮން ވަނީ ލީގުގައި އެ ޓީމަށް މި ވަގުތު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޓީސީ ކަމަށް ބުނެފަ އެވެ. ނިޒާމްބެ ދެކެނީ އެއީ ހިތްހަމަ ޖެހުމެއްގެ ގޮތުގަ އެވެ.

"ޓީސީ އަށް ނުރައްކާ އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމެއް ވެސް. ކޮންމެހެން ވަކި ނަމެއް ކިޔާފަކައެއް ވެސް ނޫން. ކޮންމެ ޓީމެއް ވެސް އުނދަގޫ އެއީ ޓީސީ ކުރަން ޖެހެނީ މަސައްކަތްކަން އެނގޭ. ދެން ހިތްހަމަ ޖެހުމެއް ކަންނޭނގެ ލީގުގެ އެންމެ ކުރީގައި އޮތް ކްލަބް ނިއު ރޭޑިއަންޓުން ޓީސީ އަކީ އެމީހުންނަށް އޮތް ޗެލެންޖެއްގެ ގޮތުގައި ދެކޭކަމަށްވާނަމަ،" އޭނާ ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ ނަތީޖާ ކޮންމެ ގޮތަކަށް ވެސް ނުކުތް ނަމަވެސް އެ ޓީމަސް ގެއްލުމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ.

"ހަގީގަތުގައި މި ނަތީޖާއާ މެދު ހިތްހަމަ ނުޖެހޭ. އެކަމަކު އެބަފެނޭ ކޮންމެ ދުވަހަކު ކުޅުންތެރިންނަށް ލިބޭ ތަޖުރިބާއާ އެކު އެ ކުޅުންތެރިން ކުރިއަރައިގެންދާ މިންވަރު. އެއީ ބޮޑު ހިތްހަމަ ޖެހުމެއް. ދެން ކުޅުންތެރިން ވެސް އެކަން ގަބޫލުކުރޭ،" މޯހަން ބުންޏެވެ.

ލީގުގައި ކުޅުނު 10 މެޗުން ލިބުނު ދެ ޕޮއިންޓާ އެކު ކުޑަހުވަދޫ އޮތީ އެންމެ ފުލުގަ އެވެ.