Roadha Mihaaru
"މިނިވަން ޗެމްޕިއަންޝިޕުގެ ޓީމުތަކާ ކުޅޭއިރު ސަމާލުވޭ"

މިނިވަން ޗެމްޕިއަންޝިޕުގެ ޓީމުތަކާ ކުޅޭއިރު ސަމާލުވާންޖެހޭ: ނިޒާމްބެ

12 އޯގަސްޓް 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތަކުން އައި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ސަމާލުވާންޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގަށް އަތޮޅުތަކުން އައި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު ސަމާލުވާންޖެހޭ ކަމަށް ޓީސީ ސްޕޯޓްސް ކްލަބްގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.

ލީގުގައި މިރޭ ޓީސީ ނުކުންނާނީ މިނިވަން ޗެމްޕިއަންޝިޕުގެ ޗެމްޕިއަން ދ. ކުޑަހުވަދޫއާ ދެކޮޅަށެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުން މާޒިޔާ އަތުން ބަލިވީ 4-0 އިންނެވެ. ނިއު އަތުން ޓީސީ ބަލިވީ 3-1 އިންނެވެ. ފުރަތަމަ މެޗުން ބަލިވެފައިވުމުން ޓީމުގެ ހާލަތު ރަނގަޅު ކުރުމަށް މި މެޗުގެ ނަތީޖާ ރަނގަޅު ކުރުން މި ދެ ޓީމަށް ވެސް ވަނީ މުހިއްމުވެފަ އެވެ.

ނިޒާމްބެ ބުނީ ފުރަތަމަ ޑިވިޝަން ޓީމުތަކާ ކުޅޭއިރު އޮންނަ އެއް ފަސޭހައެއް އަތޮޅު ތަކުގެ ޓީމުތަކާ ކުޅޭއިރު ނޯންނަ ކަމަށެވެ.

"މި އަންނަ މެޗުތަކަކީ ކްރިޓިކަލް މެޗުތަކެއް. މާލޭގައި މި ކުޅޭ އެއް ޓީމު އަނެއް ޓީމު ދެން ކުޅުންތެރިން އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް އެނގޭ. އެކަމަކު އަތޮޅުތަކުގެ ތެރެއިން އަންނަ ޓީމުތައް ހާއްސަކޮށް ކުޑަހުވަދޫ، މާޅޮސް އަދި މިލަންދޫ އަށް ބަލާއިރު ރަށު ކުޅުންތެރިން ގިނަ. އެހާ ފަސޭހައެއް ނުވާނެ މި ކުޅުންތެރިން ޖަޖް ކުރަން. ފަސޭހަނުކޮށް މިއީ ސީރިއަސް ވާންވީ މެޗުތަކެއްކަން ކުޅުންތެރިންނަށް ވިސްނައިދެން. އެހެން ޓީމުތަކަށް ގޮތެއް ނޭނގެ،" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާްމްބެ ބުންޏެވެ.

އޭނާ ބުނީ އެއްވެސް އިރެއްގައި މި ކަހަލަ މެޗަކަށް ނުކުންނައިރު ޓީސީން ފަސޭހަކޮށްލުމުގެ ވިސްނުމެއް ނުގެންގުޅޭނެ ކަމަށެވެ.

"ހަަމަގައިމު ވެސް އަޅުގަނޑަށް މިއީ ޗެލެންޖެއް. މި ކަހަލަ މެޗުތައް ޓީސީ ކުރިން ފަސޭހަކޮށް ނަގާފައެއް ނެތް. އަނެއްކާ ނަތީޖާ ވެސް ގޯސްކޮށް ނާދޭ. ކުޅުންތެރިން އެލާޓްވޭ ވަރަށް ރަނގަޅަށް. މި ކަންކަމަށް ބަލާއިރު އަޅުގަނޑުގެ ކުޅުންތެރިން ފަސޭހަ ނުކޮށްލާނެ ކަމުގެ އިތުބާރު އެބައޮތް،" ނިޒާމްބެ ބުންޏެވެ.

ކުޑަހުވަދޫގެ ކޯޗު މުހައްމަދު ޝިޔާޒު (މޯހަން) އަކީ 2012 ވަނަ އަހަރު ނިއު ރޭޑިއަންޓަށް ދިވެހި ލީގާއި ގައުމީ މުބާރާތް ކާމިޔާބުކޮށްދީ އެ އަހަރުގެ އެއް ވަނަ ކޯޗެވެ. ގައުމީ ޓީމުން 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މޯހަން ވަނީ މީގެ ކުރިން ދިވެހި ލީގުގައި ވެލެންސިއާ އާއި އދ. މަހިބަދޫ އަށް ވެސް ކޯޗުކޮށްދީފަ އެވެ.

ނިޒާމްބެ ބުނީ ކުޑަހުވަދޫގެ ކޯޗަކަށް ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާހުރި މީހަކު ހުރުމުން އެކަމަށް ވެސް ވިސްނަން ޖެހޭ ކަމަށެވެ.

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ:ހުސެއިން ވަހީދު/މިހާރު

ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ:ހުސެއިން ވަހީދު/މިހާރު

"ބޭރުގައި ހުންނަ މީހާގެ (ކޯޗުގެ) ސިކުނޑި އަކީ ވަރަށް މުހިއްމު އެއްޗެއް ކުޅޭނެ ކަމެއް އެ ހަމަ ޔަގީންކަމެއް. މީގެ އެންމެ މުހިއްމު ކަމަކީ އިދިކޮޅަށް ކުޅޭ ޓީމުގެ ކުޅުންތެރިންނަށް އިހުތިރާމް ކުރަން ޖެހޭ. އޮފިޝަލުންނަށް އިހުތިރާމް ކުރަން ޖެހޭ. ފުޓްބޯޅަ ދަނޑެއް މަތީ އަޅުގަނޑު އިހުތިރާމޭ މި ބުނާ އެއްޗަކީ އެ ކުޅުންތެރިންނާ މެދު ސަމާލުވާން ޖެހޭ މިންވަރަށް ސަމާލުވެގެން. އެ ގޮތަށް ވިސްނައިގެން ނަތީޖާ ނެރެން ޓީސީ ނުކުންނާނީ،" އޭނާ ބުންޏެވެ.

ޕްރިމިއާ ލީގުގެ ޖާގަ ހޯދުމާ އެކު ޓީސީގެ މެނޭޖްމަންޓުން ކަނޑައެޅި ޓާގެޓް ފުރިހަމަވެފައިވީ ނަމަވެސް ނިޒާމްބެ ހުރީ އެވަރުން ފުއްދާލާ ގޮތަކަށް ނޫނެވެ.

"ޕްރިމިއާ ލީގަށް އައި ހިސާބުން ޓީސީ މެނޭޖްމަންޓުގެ ޓާގެޓް ހާސިލްވެއްޖެ. ދެން އަޅުގަނޑު ކޯޗެއްގެ ގޮތުގައި ހުރެ އަބަދުވެސް ނުކުންނާނީ ތަށްޓަށް ވާދަކުރަން. އުއްމީދަކީ ލީގު ކާމިޔާބު ކުރިން. މިހެން ބުނީމަ ބައެއް މީހުން ދެކޭ ގޮތް ތަފާތު ވެދާނެ. ވަރަށް ބޮޑު ހަރަދުކޮށްގެން ނުކުތް ޓީމުތަކާ ކިހިނެއްހޭ ވާދަކުރާނީ. އަޅުގަނޑު ދެކޭ ގޮތުގައި މީގެ މުހިއްމީ ކުޅުންތެރިން ކުރާ މަސައްކަތް،" ޓީސީ އަށް މި ފަހަރު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް ކަޕް ކާމިޔާބު ކޮށްދިން ކޯޗު ބުންޏެވެ.

މި ސީޒަނުގައި ޓީސީ އަށް ގިނަ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި އޭގެއިން އެއް ކަމަކީ ލަނޑު ނުޖެހުން ކަމަށް ބުނާ މީހުންނަށް ނިޒާމްބެ ވަނީ ރައްދު ދީފަ އެވެ.

"ގޯލު ތަފާތަށް ބަލާއިރު ޓީސީ އަށް ނެތް ގެއްލުމެއް. ހަގީގަތުގައި ވަރަށް ގިނަ ބަޔަކަށް ހީވެގެންދިޔަ ޓީސީގެ ލަނޑު ޖެހުމުގައި މައްސަލަތަކެއް ހުރިހެން . ހަގީގަތުގައި އެއީ އެއް ނޫން އެކަންވީ ގޮތަކީ ޓީސީ އަށް ފުރުސަތު ލިބި ލަނޑު ނުޖެހޭ ވަރު ގިނަވީ. އެކަން ފެނިގެންދާނެ އެންމެ ފަހުން ނިމުނު މާލޭ ލީގުގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ޓީމަކީ ޓީސީ،" ނިޒާމްބެ ބުންޏެވެ.

ޓްރާންސްފާ މާކެޓްގައި ކުރު މުއްދަތުގެ އެއްބަސްވުމެއްގެ ދަށުން އީގަލްސް އިން ޓީސީ އަށް ބަދަލުވި އަހުމަދު ޒާދު އަކީ ކުރިން ޓީސީ އަށް ކުޅުނު ކުޅުންތެރިއެކެވެ. ނިޒާމްބެ ބުނީ ޒާދު ލިބުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށާއި އޭނާ އަކީ ޓީސީގެ ސްޓައިލާ ވަރަށް ގުޅޭ ކުޅުންތެރިއެއް ކަމަށެވެ.

ކުޑަހުވަދޫ އާއި ޓީސީ ކުޅޭ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.