Roadha Mihaaru
ހަނދުގައި ބޮޑު ހޮހަޅައެއް، އިންސާނުންނަށް އުޅެވިދާނެ

ހަނދުގައި ބޮޑު ހޮހަޅައެއް، އިންސާނުންނަށް އުޅެވިދާނެ

21 އޮކްޓޯބަރ 2017

ހަނދުގައި ހުރި ބޮޑު ހޮހަޅައެއް ޖަޕާނުގެ ޖައްވީ އިދާރާގެ ސައިންސްވެރިންނަށް ފެނިއްޖެ އެވެ. މިއީ ހަނދުގެ ނުރައްކާތެރި ރޭޑިއޭޝަންތަކާއި ފިނިހޫނުމިނަށް އަންނަ ބޮޑެތި ބަދަލުތަކުން ރައްކާތެރިވެގެން އިންސާނުންނަށް ތިބެވިދާނެ ތަނެއް ކަމަށް ސައިންސްވެރިން ގަބޫލުކުރައްވަ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ހަނދުގައި ހުރި ބޮޑު ހޮހަޅައެއް ޖަޕާނުގެ ޖައްވީ އިދާރާގެ ސައިންސްވެރިންނަށް ފެނިއްޖެ އެވެ. މިއީ ހަނދުގެ ނުރައްކާތެރި ރޭޑިއޭޝަންތަކާއި ފިނިހޫނުމިނަށް އަންނަ ބޮޑެތި ބަދަލުތަކުން ރައްކާތެރިވެގެން އިންސާނުންނަށް ތިބެވިދާނެ ތަނެއް ކަމަށް ސައިންސްވެރިން ގަބޫލުކުރައްވަ އެވެ.

ހަނދުގެ އޯބިޓަށް ޖަޕާނުން ފޮނުވާފައިވާ ޖައްވީ އުޅަނދު ސެލީން އިން އެއްކުރި މައުލޫމާތުގެ އަލީގައި ސައިންސްވެރިން ކަށަވަރުކޮށްދޭ ގޮތުގައި 50 ކިލޯމީޓަރު ދިގު އަދި 100 މީޓަރު ފުޅާ ހޮހަޅައެއް ހަނދުގައި އެބަހުއްޓެވެ. ބެލެވޭ ގޮތުގައި އެ ތަން އުފެދިފައިވަނީ މީގެ 3.5 ބިލިއަން އަހަރު ކުރިން ހިނގާފައިވާ އަލިފާންފަރުބަދަ ގޮވުމުގެ ހާދިސާއެއްގައި ދިޔާ އަލިފާން އޮއިދެމުމުގެ ސަބަބުންނެވެ.

މި މުހިއްމު ހޯދުން އެމެރިކާގެ ސައިންސް މެގަޒިން ޖިއޯފިޒިކަލް ރިސާޗު ލެޓާސްގައި މި ހަފްތާގައި ވަނީ ޝާއިއުކޮށްފަ އެވެ.

ހޮހަޅަ ހުރި ސަރަހައްދުގެ ފޮޓޯއެއް

ހޮހަޅަ ހުރި ސަރަހައްދުގެ ފޮޓޯއެއް

ޖަޕާން އެއިރޯސްޕޭސް އެކްސްޕްލޮރޭޝަން އޭޖެންސީގެ ރިސާޗަރެއް ކަމަށްވާ ޖުނިޗީ ހަރުޔާމާ އޭއެފްޕީ އަށް ވިދާޅުވިގޮތުގައި ދިޔާ އަލިފާން އޮއިދެމިފައިވާ ކަމަށް ބެލެވޭ ތަންތަން ހަނދުގައި ހުރިކަން ސައިންސްވެރިންނަށް ކުރިން ވެސް އެނގޭ ކަމަށާއި އެކަމަކު މިއީ އެކަން ކަށަވަރުކުރެވުނު ފުރަތަމަ ފަހަރު ކަމަށެވެ.

މެރިއަސް ހިލްސްގެ ނަން ދީފައިވާ ސަރަހައްދެއްގެ ބިމުއަޑީގައި އުފެދިފައިވާ ހޮހަޅައަކީ ހަނދަށް ދާ އެސްޓްރޮނޯޓުން ތިބެން ރައްކާތެރި ތަނަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކަށް އަދި ހޮހަޅައިގެ އެތެރެއެއް ނުފެނޭ. އެތެރޭގެ ދިރާސާތައް ހެދުމުން އަދި އިތުރު ތަފްސީލްތައް ލިބޭނެކަމުގެ އުއްމީދު ބޮޑު،" ހަރުޔާމާ ފާހަގަކުރެއްވި އެވެ.

މިދިޔަ ޖޫން މަހު ޖަޕާނުން ވަނީ 2030 ހިސާބުގައި ހަނދަށް އެސްޓްރޮނޯޓެއް ފޮނުވާނެކަން އިއުލާންކޮށްފަ އެވެ.

އެމެރިކާ އިން ވެސް މި މަހު ވަނީ ހަނދަށް އެސްޓްރޮނޯޓުން ފޮނުވާނެ ކަމަށާއި އެއީ މާސްއަށާއި އެއަށް ވުރެ ވެސް ދުރަށް އެމެރިކާ މީހުން ފޮނުވުމުގެ ބިންގަލަކަށް ހަދާނެ ކަމަށް ބުނެފަ އެވެ.

ޗައިނާ އާއި އިންޑިއާ އިން ވެސް ޖައްވީ ޕްރޮގްރާމްތައް ފުޅާކުރަމުން އަންނަ އިރު ނާސާ އާއި އެ ނޫން ވެސް ޖައްވީ އިދާރާތަކުން އަންނަނީ 2030ގެ އަހަރުތައް އަންނަންވާ އިރަށް މާސް އަށް އެސްޓްރޮނޯޓުން ފޮނުވަން ބުރަކޮށް މަސައްކަތްކުރަމުންނެވެ.

އޭއެފްޕީ