Roadha Mihaaru
ރާއްޖެ ޓީވީގެ ޖޫރިމަނާ ފަސް ކުރުމުގެ އަމުރަކަށް އެދެފި

ރާއްޖެ ޓީވީގެ ފަސް ލައްކައިގެ ޖޫރިމަނާ ފަސް ކުރުމުގެ އަމުރަކަށް އެދެފި

15 އޮކްޓޯބަރ 2017

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރަކަށް ރާއްޖެ ޓީވީން މިއަދު އެދެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާކުރި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައި، ޖޫރިމަނާ ފައިސާ ދެއްކުން ފަސް ކުރުމުގެ އަމުރަކަށް ރާއްޖެ ޓީވީން މިއަދު އެދެފި އެވެ.

މީގެ ކުރިން ދެ ފަހަރެއްގެ މަތިން ޖޫރިމަނާ ކުރުމަށް ފަހު މި ފަހަރު ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ފަސް ލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކޮންޓެންޓެއް ގެނެސްދިން ކަމަށް ބުނެ އެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ އެ ޓީވީގެ ޕްރޮގްރާމެއްގައި ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެ މައްސަލަ ރާއްޖެ ޓީވީން މިއަދު ކޯޓަށް ހުށަހަޅައި، ޖޫރިމަނާ ފަސް ކުރުމުގެ އަމުރަކަށް އެދުނީ އެއީ ގާނޫނާ ޚިލާފަށް ކުރި ޖޫރިމަނާއެއް ކަމަށްވާތީ ކަމަށް ރާއްޖެ ޓީވީގެ ސީއޯއޯ ހުސައިން ފިޔާޒް ވިދާޅުވި އެވެ.

ޖޫރިމަނާ ދެއްކުން ފަސް ކުރުމުގެ އަމުރަކަށް ރާއްޖެ ޓީވީން އެދުނު އިރު ޖޫރިމަނާ ފައިސާ ދެއްކުމަށް އަބުރު ފަންޑުގެ ނަމުގައި އެ ސްޓޭޝަނުން ދަނީ ފަންޑެއް ހުޅުވައި، ފައިސާ އެއްކުރަމުންނެވެ. މީގެ ކުރިން އެއް މިލިއަން ރުފިޔާގެ ޖޫރިމަނާއެއް ވެސް ރާއްޖެ ޓީވީގެ މައްޗަށް ކުރި އެވެ.

ޖޫރިމަނާކުރި މައްސަލަ ކޯޓަށް ހުށަހެޅިއިރު ރާއްޖެ ޓީވީން ވަނީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބުގެ މައްޗަށް ވެސް ދައުވާ ކުރަން ނިންމައިފަ އެވެ. އިތުރު މެމްބަރުންގެ މައްސަލަތައް ވެސް ކޯޓަށް ހުށަހަޅާނެ ކަމުގެ އިންޒާރު އެ ސްޓޭޝަނުން ވަނީ ދީފަ އެވެ.