Roadha Mihaaru
އެސްޓީއެލްގެ ތިން ލައްކަ ރުފިޔާއަށް ވީ ގޮތެއް ނޭނގޭ!

އެސްޓީއެލްގެ ތިން ލައްކަ އަށް ވުރެ ގިނަ ރުފިޔާއަށް ވީގޮތެއް ނޭނގޭ: އޮޑިޓް

09 އޮކްޓޯބަރ 2017

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް)ގެ 350،000ރ. އަށް ވީނުވީ ނޭނގި ގެއްލިފައިވާ ކަމަށް އެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގާ ސަދަން ޓްރާންސްޕޯޓް ލިންކް (އެސްޓީއެލް)ގެ 350،000ރ. އަށް ވީނުވީ ނޭނގި ގެއްލިފައިވާ ކަމަށް އެ އޮފީހުގެ އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

އައްޑު އަތޮޅާއި ފުވައްމުލަކުގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް އެމްޕީއެލްގެ ދަށުން ހިންގާ އެސްޓީއެލްގެ ޚާއްސަ އޮޑިޓް ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު، 2015 އިން ފެށިގެން މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް އެކި ގޮތްގޮތުން ލިބިފައިވާ 350،000 އަށް ވުރެ ގިނަ ރުފިޔާ އެކައުންޓަށް ޖަމާކޮށްފައެއް ނުވެ އެވެ. އެ ފައިސާ އެ އޮފީހުގައި ނެތުމުގެ އިތުރަށް އެއަށް ވީ ގޮތް ވެސް ހޯދިފައި ނެތް ކަމަށް ރިޕޯޓްގައިވެ އެވެ.

އެއީ ޚިޔާނާތުގެ މައްސަލައެއް ކަމަށް ތުހުމަތުކުރެވޭތީ އެ މައްސަލަ ތަހުގީގުކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު އެ ރިޕޯޓުގައި ލަފާދެއްވާފައިވެ އެވެ.

މި މަހުގެ ދެވަނަ ދުވަހު ނެރުނު ރިޕޯޓުގައި، އެސްޓީއެލަށް ލިބުނު 67،000ރ. އަމިއްލަ ދެ މީހެއްގެ އެކައުންޓަށް ޖަމާކޮށްފައިވާ މައްސަލައެއް ވެސް ފާހަގަކޮށްފައިވެ އެވެ. އެ ރިޕޯޓުގައިވާ ގޮތުން އެ ފައިސާ ޖަމާކޮށްފައި ހުރީ އެސްޓީއެލްގެ އޭރުގެ ފައިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން މެނޭޖަރާ ގުޅުން ހުރި ދެ ފަރާތެއްގެ އެކައުންޓަކަށެވެ.

މީގެ އިތުރުން ލޯންޗް ކުއްޔަށް ދީގެން ލިބުނު 12،000ރ. އަކާއި ކޮށް ދީފައިވާ ދަތުރުތަކަކަށް ލިބެން ޖެހޭ 25،000ރ. އެ އޮފީހަށް ލިބުނު ކަން ނުވަތަ ނޫންކަން އެނގެން ނެތް މައްސަލަ ވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވެ އެވެ.

އެމްޕީއެލްގެ އެދުމަކަށް ހެދި އެ އޮޑިޓްގައި ބުނެފައިވާ ގޮތުގައި އެސްޓީއެލްގެ ފެރީ އާއި ލޯންޗްތައް ކުއްޔަށް ހިފި ފަރާތްތަކާއި ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލް ހަރުދަނާ ގޮތެއްގައި ބަލަހައްޓާފައެއް ނެތެވެ. ފައިސާއާ ބެހޭ ކަންކަން ރަނގަޅަށް މޮނީޓާ ކުރުމަށާއި އެއްވެސް މައްސަލައެއް ފާހަގަވެއްޖެ ނަމަ އެކަމަށް ވަގުތުން ފިޔަވަޅު އަޅަން ރިޕޯޓުގައި ލަފާދީފައިވެ އެވެ.