Roadha Mihaaru
އަމިއްލަ ދަނޑުގައި އޮމާން ބަލިކުރެވޭނެ: ގައުމީ ކޯޗު

އަމިއްލަ ދަނޑުގައި އޮމާން ބަލިކުރެވޭނެ: ގައުމީ ކޯޗު

09 އޮކްޓޯބަރ 2017

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ އޮމާނާ ދެކޮޅަށް ނުކުންނައިރު ގައުމީ ފުޓްބޯޅަ ޓީމަށް ޕްރެޝަރެއް ނެތް ކަމަށާއި، ރަށުން ބޭރުގައި 5-0 އިން ބަލިވެފައި އޮތަސް ވިސްނުން ހުރީ މާދަމާރޭ ސީދާ މޮޅަކަށް ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ އޮމާނާ ދެކޮޅަށް ނުކުންނައިރު ގައުމީ ފުޓްބޯޅަ ޓީމަށް ޕްރެޝަރެއް ނެތް ކަމަށާއި، ރަށުން ބޭރުގައި 5-0 އިން ބަލިވެފައި އޮތަސް ވިސްނުން ހުރީ މާދަމާރޭ ސީދާ މޮޅަކަށް ކަމަށް ގައުމީ ޓީމުގެ ކޯޗު އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓް ބުނެފި އެވެ.

އޮމާން އަތުން 5-0 އިން ބަލިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުން ޓީމަށް އަމާޒުވި އެވެ. ޔޫއޭއީގައި 2019 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕަށް އަމިއްލަ ބާރުގައި ކޮލިފައިވުމަށް މާދަމާރޭގެ މެޗުން ނަތީޖާއެއް ނެރެން ރާއްޖެ އަށް ވަނީ މަޖުބޫރުވެފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ކޯޗު ސްޓެވާޓް ބުނީ އެންމެ ފަހުން ކުޅުނު މެޗު ހަނދާން ނައްތާލައި އަލުން ރަނގަޅު ޓްރެކަށް އައުމަށް މިއީ ރަނގަޅު މެޗެއް ކަމަށެވެ.

"5-0 އިން އަހަރެމެން ބަލިވި މެޗުން ހަނދާން ނައްތާލުމަށް ވަރަށް ރަނގަޅަށް ކުޅުންތެރިން ތަމްރީންތައް ފެށީ. ހުރިހާ އެންމެން ފަހުރުވެރިވާފަދަ ނަތީޖާއެއް ނެރެވޭތޯ މި މަސައްކަތްކުރަނީ. ކޮންމެ ނަތީޖާއެއް ނުކުތަސް މި ކުޅުންތެރިން ކުރާ ހިތްވަރަށް އަހަރެން ފަހުރުވެރިވަން. އެކަމަކު ފުޓްބޯޅައިގައި އެބަޖެހޭ ގަބޫލުކުރަން އިދިކޮޅަށް ނުކުންނަ ޓީމު ވަރުގަދަވެއްޖިއްޔާ އެކަން. އެއީ އަހަރެމެންނަށް އެންމެ ރަނގަޅަށް ނުކުޅެވޭތީ އެ ވެދާނެ އަހަރެންގެ ޓެކްޓިކްސް ގޯސްވީ ކަމަށް. އެ ބަދަލުކޮށްގެން މި ނުކުންނަނީ،" ސްޓެވާޓް ބުންޏެވެ.

ސްޓެވާޓަށް ގައުމީ ކޯޗުކަން ދިންއިރު ކަނޑައެޅި ދެ ޓާގެޓަކީ އޭޝިއަން ކަޕަށް ކޮލިފައިވުމާއި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕެވެ. ކޮލިފައިންގައި މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިިން ދެ މެޗުން ރާއްޖެ ބަލިވެފައިވާއިރު، އެ ދެ މެޗުން ބަލިވުމުގައި ތައްޔާރީތައް ރަނގަޅުނުވުން އެއީ އެއް ސަބަބެވެ.

ފަލަސްތީން އަތުން ރާއްޖެ ބަލިވިއިރު، އެ މެޗަށް ތައްޔާރުވުމަށް އެ ޓީމުން ވަނީ ގަތަރުގައި ދިގު ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެންމެ ފަހުން ރާއްޖޭގެ މައްޗަށް އޮމާނުން ބޮޑު މޮޅެއް ހޯދީ އޮސްޓްރިއާގައި ތަމްރީން ހެދުމަށް ފަހު އެވެ.

"ތައްޔާރުވާންޖެހޭ އެންމެ ފުރިހަމަ މިންވަރަށް ތައްޔާރެއް ނުވެވުނު. މިއީ ރާއްޖެ އޭޝިއަން ކަޕަށް ކޮލިފައިވާން ކުރާ މަސައްކަތެއް. މިކަން ކާމިޔާބު ނުވެއްޖިއްޔާ ތައްޔާރީތަކުގެ ޝަކުވާ އާއި ކުޅުންތެރިންގެ ޝަކުވާއެއް ކުރުމަށް ވުރެ މުހިއްމުވާނީ ތަޖުރިބާގެ އަލީގައި ދެން ކުރިއަށްދާން މަސައްކަތްކުރުން. އޮމާން އަހަރެމެންނާ ދެކޮޅަށް ކުރިން ކުޅުނު މެޗުގެ ކުރިން ފަސް ހަފްތާ ވަންދެން އޮސްޓްރިއާގައި ކޭމްޕްކުރި. އަހަރެން އެމީހުންނަށް ސެލިއުޓްކުރަން އެމީހުން އަތުގައި ފައިސާ އެބަހުރި ހުރިހާ ކަމަކަށް. މިއީ ރާއްޖެ އަށް ޓްރެއިނިން ކޭމްޕެއް ކުރަން ނޫނީ މެޗެއް ނުލިބޭ ވާހަކައެއް ނޫން. މިއީ މި ދެ ޓީމުގެ ހުރި ތަފާތު. މި އޭޝިއަން ކަޕު ކޮލިފައިންގައި މިހެން ދިމާވިޔަސް އުއްމީދަކީ ދެން އޮތް ކޮލިފައިންގައި މި އަށް ވުރެ ރަނގަޅުވާނެ ކަމަށް. އުއްމީދަކީ އަހަރެން ކޯޗަކަށް ހުންނާނެ ކަމަށް،" ސްޓެވާޓް ބުންޏެވެ.

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

އޭޝިއަން ކަޕް ކޮލިފައިންގައި ފަލަސްތީނާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮންމެ ގްރޫޕަކުން ދެ ޓީމު އޭޝިއަން ކަޕަށް ދާއިރު، ކޮލިފައިންގެ ގްރޫޕް ޑީގެ އެއް ވަނައިގައި މިހާރު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮތް އޮމާނަށް ތިން މެޗުން ހަ ޕޮއިންޓް ލިބުނު އިރު ރާއްޖެއަށް ތިން މެޗުން ލިބުނީ ތިން ޕޮއިންޓެވެ. ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

"މި މެޗަށް މި ނުކުންނަނީ މޮޅަކަށް. އަހަރެންނަށް ޕްރެޝަރެއް ނެތް. ދެން ފުޓްބޯޅައިގައި ކޮންމެ ކޯޗަކަށް ވެސް އެންމެ ފަހަށް ބަލާއިރު ޕްރެޝަރު މި އޮންނަނީ. އަދިވެސް އުއްމީދު ދޫކޮށް ނުލަން. މާދަމާ އޮމާން އަތުން މޮޅުވެއްޖިއްޔާ އެމީހުންނާ ޕޮއިންޓް އެއްވަރުވާނެ. ކިތަންމެ ހަނި ފުރުސަތެއް އޮތަސް އަހަރެމެން މިތިބީ އުއްމީދުގައި،" އޭނާ ބުންޏެވެ.

މާދާމާރޭގެ މެޗަށް ނުކުންނައިރު ކުޅުންތެރިން ތިބީ ވަރަށް ރަނގަޅަށް ސަމާލުވެގެން ރަނގަޅު ޕްލޭނަކާ އެކު ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"އޮމާން ފަސް ގޯލު ޖެހީ އަހަރެމެން ނަސީބު ދެރަވެގެނެއް ނޫން. އެއީ 5-0 އިން ބަލިވާއިރު ނަސީބު ދެރައެކޭ ބުނެވޭކަށެއް ނެތް. މާދަމާ ހަތަރު ފޯވާޑުން ލައިގެން ކުޅެގެން ބައިކޮޅަށް 10 ގޯލު ވަދެފިއްޔާ އެ އެންމެ ރަނގަޅެއް ނޫން. އަހަރެމެން ގްރޫޕެއްގެ ގޮތުގައި މުޅި ޓީމު ރަނގަޅަށް ރާވައިގެން ނުކުންނާނީ. ދެން މެޗުގެ ކުރިން ރޭވި ގޮތެއް ބުނުމަކީ އެންމެ ރަނގަޅު ކަމެއް ނޫން،" އޭނާ ބުންޏެވެ.

މެޗުތަކުން ބަލިވުމުގެ ޒިންމާނަގާ ކަމަށާއި އެހެން ނަމަވެސް ކުޅުންތެރިންގެ ފަރާތުން ފަރުވާކުޑަކުރުން ފެންނަ ކަމަށް ގަބޫލުނުކުރާ ކަމަށް ސްޓެވާޓް ވަނީ ބުނެފަ އެވެ.

"ނަތީޖާތައް ރަނގަޅު ނުވެއްޖިއްޔާ އަހަންނަކީ ފުރަތަމަ މަގާމު ގެއްލޭނެ މީހަކީ. އަހަރެންގެ ހަޔާތުގައި ގިނަ ގޯސްތަކެއް ކޯޗެއްގެ ގޮތުގައި ހެދިފައި އެބަހުރި. އެކަން ރަނގަޅުކޮށް އަބަދުވެސް އަހަރެން ނުކުންނަނީ. އުއްމީދަކީ މި ޓީމު ވެސް އެކަން ރަނގަޅުކޮށްގެން ނުކުންނާނެ ކަމަށް. ކުޅުންތެރިންގެ ފަރާތުން ފަރުވާކުޑަކުރުމެއް ފެންނަ ކަމަށް ދައްކާ ވާހަކަ އަށް އަހަރެން އެއްބަހެއް ނުވާނަން. އެ އަށް ވުރެ މި ކުޅުންތެރިން ހިތްވަރުކުރޭ،" އޭނާ ބުންޏެވެ.

ސްޓެވާޓް ބުނީ އަމިއްލަ ދަނޑުގައި ކުޅޭއިރު ގިނަ ފައިދާތަކެއް ހުންނާނެ ކަމަށާއި އެންމެ ބޮޑަށް ބޭނުންވަނީ ސަޕޯޓަރުންގެ އެހީ ކަމަށެވެ.

"އަމިއްލަ ދަނޑުގައި ކުޅުމުގެ ފައިދާ އެބައޮތް. ކުޅުންތެރިން ކުޅެނީ މިތާނގައި. ފަރިތަކުރަނީ މިތަނުގައި. ސަޕޯޓަރުން ކުޅުންތެރިންނާ އެކު ވާނެ ކަމަށް އުއްމީދުކުރަން. ސަޕޯޓަރުން އަހަންނާ ދެކޮޅު ވިޔަސް ކުޅުންތެރިންނަށް ސަޕޯޓްކުރުން ވަރަށް މުހިއްމު،" ސްޓެވާޓް ބުންޏެވެ.

ގައުމީ ފަރިތަކުރުންތައް ދޫކޮށް ކްލަބްގެ ޕްރެކްޓިހަށް ދިޔަ މާޒިޔާގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އަށް ދެން ސްޓެވާޓް ގައުމީ ކޯޗުކަމުގައި ހުއްޓައި ފުރުސަތު ނުދޭނެ ކަމަށް ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އޭގެ ތަފްސީލެއް ނުދެ އެވެ.

ޓީމުގެ މަގާމުތަކަށް ބަދަލު ގެންނަން ޖެހިއްޖެނަމަ އެކަން ކުރާނެ ކަމަށާއި އެހެން ނަމަވެސް ޓީމުގެ ކީޕަރު މުހައްމަދު ފައިސަލްގެ ފަރާތުން ދަށް ކުޅުމެއް ނުފެންނަކަމަށާއި އޭނާ ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުންޏެވެ.

އަނިޔާގެ ސަބަބުން ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އަސަދުﷲ އަބްދުﷲ ނެތި ކުޅެން ޖެހުނު ނަމަވެސް ބަދަލުގައި އަރާ ކުޅުންތެރިންނަށް ބޭނުންވާ ނަތީޖާ ހާސިލްކުރެވޭނެ ހިތްވަރު އެބަހުރި ކަމަށާއި އުއްމީދު ދޫކޮށް ނުލާނެ ކަމަށް ސްޓެވާޓް ބުންޏެވެ.

އޮމާނާ ދެކޮޅަށް ގައުމީ ޓީމު ކުޅޭ މެޗު އޮންނާނީ މާދަމާރޭ 9 ޖަހާއިރު އެވެ.