Roadha Mihaaru
ސައުދު ލަދުގަނެ، މައާފަށް އެދެން ޖެހޭނެ: ސައީދު

ސައުދު ލަދުގަނެ، ރައްޔިތުން ކިބައިން މައާފަށް އެދެން ޖެހޭނެ: ސައީދު

27 ސެޕްޓެމްބަރ 2017

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަކީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ގޮވާލައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމަކީ ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވަން ޖެހޭ ކަމެއް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ގޮވާލައްވައިފި އެވެ.

ގއ. ވިލިނގިލީގައި ބޭއްވި ޕީޕީއެމްގެ ކެމްޕެއިން ޖަލްސާގައި، ސައީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ މެމްބަރުންނަކީ ރައްޔިތުންގެ އިހްސާސްތައް ރައީސް އަބްދުﷲ ޔާމީނާ ހިއްސާ ކުރެއްވުމަށް ތިއްބެވި ބޭފުޅުންނެވެ. އެކަމަކު، ކަމެއް ނުވެއޭ ކިޔާފައި، މެމްބަރުން ރައީސް ޔާމީން ދޫކުރައްވައި ވަޑައިގަންނަވަން "ލަދުގަންނަން" ޖެހޭނެ ކަމަށް ވިދާޅުވެ، ސައީދު ވަނީ މެމްބަރުންނަށް ފާޑު ވިދާޅުވެފަ އެވެ.

"މި ދާއިރާގެ ނިމިދިޔަ މެމްބަރަށް އަޅުގަނޑު ދަންނަވާނީ މައާފަށް އެދެން އެބަޖެހޭ، ދިވެހިން ރައްޔިތުންގެ ކިބައިން. ކިހިނެއްވެފައިތޯ އޭ ތި ހުންނެވީ؟" ސައުދަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވި އެވެ.

ސައުދުގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. ބައި އިލެކްޝަން އޮންނާނެކަން އެ ކޮމިޝަނުން އިއުލާންކުރި ނަމަވެސް، ގާނޫނުއަސާސީގައި އޮންނަ މުއްދަތު ހަމަވިއިރު ވެސް އިންތިހާބަކަށް އަދި އިއުލާނެއް ނުކުރެ އެވެ. ސައުދަކީ ކުރީގެ ރައީސުންނަށް ސަރުކާރުން އަމަލު ކުރަމުން އަންނަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެން ސަރުކާރާ ފެޔަށް ވަޑައިގެންނެވި ބޭފުޅެކެވެ.

ސައީދު ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން އަންނަ ފިއްތުންތަކުގައި ދިވެހިން ބޭނުންވާ އުންމީދުތައް ހާސިލް ކުރުމުގައި ކެރިވަޑައިގަންނަވާނެ އަމާނާތްތެރި ލީޑަރެކެވެ.

ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ކަންނެލި މަސްދޯންޏެއްގައި ވިލިނގިއްޔަށް ވަޑައިގަންނަވަނީ..---ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީނާއި އަނބިކަނބަލުން ފާތިމަތު އިބްރާހީމް ކަންނެލި މަސްދޯންޏެއްގައި ވިލިނގިއްޔަށް ވަޑައިގަންނަވަނީ..---ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ފައިސާ އިން އެތައް ބިލިއަން ޑޮލަރުގެ ހިޔާނާތްވިއިރު، އެކަމުގައި ބައިވެރިވި ބޭފުޅުންނާ ދެކޮޅަށް ފިޔަވަޅު އަޅުއްވަން ކެރުނު ލީޑަރަކީ ރައީސް ޔާމީން ކަމަށް ވިދާޅުވެ، ސައީދު ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަން ހިންގަނީ އިދިކޮޅު ފަރާތްތަކުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާޢި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް އޭނާ ފާޑު ވިދާޅުވި އެވެ.

"ވަސީލަތްތައް ކުޑަ ގައުމެކޭ ކިޔައި ގަމީހަށް ރުލެއް އަރުވާނުލައި 30 އަހަރު ވަންދެން ވެރިކަން ކުރައްވާފަ ދިޔައިމާ އެކުރެވުނީ މަސައްކަތްތޯ؟" މައުމޫނަށް އިޝާރާތް ކުރައްވައި ސައީދު ވިދާޅުވި އެވެ.

ސައީދު ވަނީ ސަރުކާރުން ހިންގަމުން އަންނަ ތަރައްގީގެ ސްޕީޑް ހުއްޓުވުމަށް އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ހުއްޓާލުމަށް ގޮވާލައްވައިފަ އެވެ.