Roadha Mihaaru
އިދާރީ ކަންކަން ނިމުމުން އިންތިހާބު އިއުލާންކުރަނީ

އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް ބައި އިލެކްޝަން އިއުލާންކުރާނެ: އިލެކްޝަންސް

05 ސެޕްޓެމްބަރ 2017

އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން ހޮވަން ބައި އިލެކްޝަން ބާއްވާނެ ތާރީހު އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް، ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ގޮނޑިތަކަށް މެމްބަރުން ހޮވަން ބައި އިލެކްޝަން ބާއްވާނެ ތާރީހު އިއުލާންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުގެ މެމްބަރު އަހްމަދު އަކްރަމް ވިދާޅުވީ މަޖިލީހުން ހުސްވެފައިވާ ހަ ދާއިރާއެއްގެ ބައި އިލެކްޝަން ބާއްވަން އިލެކްޝަންސުން އަންނަނީ ތައްޔާރުވަމުން ކަމަށެވެ. ބައި އިލެކްޝަނުގެ ޝެޑިއުލް އެކުލަވާލައި ނިމުނުހާ އަވަހަކަށް ތާރީހުތައް އިއުލާންކުރާނެ ކަމަށް ވެސް ވިދާޅުވި އެެވެ.

"ބައި އިލެކްޝަން ބޭއްވުމަށް ކޮމިޝަނުން އިދާރީ ގޮތުން ނިންމަން ޖެހޭ ކަންކަން މިހާރު ކުރިއަށް ދަނީ،" އަކްރަމް ވިދާޅުވި އެވެ.

ޕީޕީއެމުން ވަކިިކުރުމާ ގުޅިގެން، ގޮނޑި ގެއްލުނު ކަމަށް އެ ކޮމިޝަނުން މިހާތަނަށް ނިންމާފައި ވަނީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފު މުހަންމަދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހަންމަދު އަމީތު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު މުހަންމަދު ވަހީދު އިބްރާހީމާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދުގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ބައި އިލެކްޝަނަށް އީސީން ތައްޔާރުވަމުން އަންނައިރު އެ އިންތިހާބު ބާއްވަނީ ގާނޫނާ ޚިލާފަށް ކަމަށް ވަކީލުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުން.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: ބައި އިލެކްޝަނަށް އީސީން ތައްޔާރުވަމުން އަންނައިރު އެ އިންތިހާބު ބާއްވަނީ ގާނޫނާ ޚިލާފަށް ކަމަށް ވަކީލުންނާއި އިދިކޮޅު ސިޔާސީ ފަރާތްތަކުން ދަނީ ބުނަމުން.-- ފޮޓޯ: އިލެކްޝަންސް ކޮމިޝަން

އިލެކްޝަނުން އިންތިހާބަށް ތައްޔާރުވަމުން އަންނައިރު، މި ދާއިރާތަކުގެ ގޮނޑި ގެއްލިއްޖެ ކަމާ މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަށް އަދިވެސް ހައްލެއް ނުލިބެ އެވެ.

ގޮނޑި ގެއްލިއްޖެ ކަމަށް އީސީން ކަނޑައެޅުމުން ހަތަރު މެމްބަރަކު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި އެވެ. އެ ކޯޓުގެ ނިންމުމުގައި ބުނެފައި ވަނީ މެމްބަރު ކަމުގެ ގޮނޑިއާ ބެހޭ ގޮތުން ހުކުމަކާއި އަމުރެއް ނެރެފައިވާނެ ކަމަށާއި އެހެންވެ އެ ހުކުމް ނެރުމާ ހަމައަށް އެއްވެސް މެމްބަރެއްގެ މެމްބަރު ކަމާ ދޭތެރޭ ސުވާލެއް އުފެދޭނެ ޖާގައެއް ނެތުމުން، އެ މައްސަލައިގައި އެ ކޯޓުން އިތުރު ނިންމުމެއް ނިންމަން ނުޖެހޭ ކަމަށެވެ.

އެހެން ނަމަވެސް، ސުޕްރީމް ކޯޓުން އެ މައްސަލަ ނިންމާފައި އާންމުކުރި ބަޔާނުގައި، ގޮނޑި ގެއްލިފައިވާ ކަން ނުވަތަ ނުގެއްލޭ ކަން ވެސް ސީދާ ކަނޑައެޅިގެން ބުނެފައެއް ނުވެ އެވެ. އަދި އެ ދާއިރާގެ ގޮނޑިތައް ހުސްވެއްޖެ ކަމަށް ސަރުކާރުން ބުނާ އިރު އިދިކޮޅު ފަރާތްތަކުން ބުނެފައި ވަނީ ގޮނޑިތައް ނުގެއްލޭ ކަމަށެވެ.

އެ ދާއިރާތަކުގެ ބައި އިލެކްޝަން ބޭއްވުމަކީ ގާނޫނާ ޚިލާފު ކަމެއް ކަމަށް ވެސް މެމްބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.