Roadha Mihaaru
އަމީތުގެ އިލްތިމާސް ޕީޕީއެމްގެ މެމްބަރުންނަށް

އަމީތުގެ އިލްތިމާސް ޕީޕީއެމް މެމްބަރުންނަށް: އަނިޔާވެރިވާއިރު ލޯ މަރާ ނުލާ

31 އޯގަސްޓް 2017

އެއްވެސް ބަޔަކަށް ނުހައްގުން އަނިޔާ ލިބެމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ދެ ލޯ މަރާލައިގެން ނުތިއްބެވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އެއްވެސް ބަޔަކަށް ނުހައްގުން އަނިޔާ ލިބެމުން ދާއިރު، ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ދެ ލޯ މަރާލައިގެން ނުތިއްބެވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ހަރަކާތްތަކުގެ މައި ޖަގަހަ އަދި ޖުމްހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު ވިދާޅުވީ ޕީޕީއެމްގައި ތިއްބެވި މެމްބަރުންނަކީ ދުލުގައި އޮންނަ ބަސް ވިދާޅުނުވެވޭ ހާލަތެއްގައި ތިއްބެވި މެމްބަރުން ކަމަށެވެ. އެކަމަކު، ބަޔަކަށް އަނިޔާ ލިބިގެންދާއިރު، ދެ ލޯ މަރާލައިގެން ތިބޭނަމަ، އެ ބައެއްގެ ކަރުގައި "އަނިޔާ ހިފާނެ ދުވަހެއް" އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު (ވ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީތު (ވ) ވާހަކަ ދައްކަވަނީ. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ތިޔަބޭފުޅުން އެކަން ކަމަށް ދެލޯ މަރާލައިގެން ނުތިއްބަވާ. ތިޔަބޭފުޅުން މިއަދު ދެލޯ މަރާލައިފިނަމަ، ތިޔަބޭފުޅުންގެ ކަރުގައި އަނިޔާ ހިފާނެ ދުވަސް އަންނާނެ. އެކަން ގަބޫލު ކުރައްވާ. ކުރު މާޒީން އެކަން ވަނީ ފެނިގެން ގޮސްފައި،" ޕީޕީއެމްގައި ކުރިން އުޅުއްވި އަމީތު ވިދާޅުވި އެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ މަޖިލީހުގެ އިދާރާއަށް ވަން މައްސަލާގައި މަހެއްހާ ދުވަހު ޖަލުގައި އޮންނެވި އަމީތު ވިދާޅުވި ގޮތުގައި އިދިކޮޅު ސިޔާސީ ލީޑަރުންނާއި ޕީޕީއެމްގެ ކުރީގެ މެމްބަރުންނަށް ސަރުކާރުން އަނިޔާ ކުރަމުން ދަނީ ނުހައްގުންނެވެ. އަދި ސިޔާސީ މާހައުލު އޮތް ގޮތުން ރާއްޖޭގައި ނޫޅެވި، ސަރުކާރުގެ އަނިޔާ ބޮޑުވެގެން ސިޔާސީ ލީޑަރުން ރާއްޖޭން ބޭރަށް އަރުވާލެއްވިފައިވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އަމީތުގެ ވާހަކައިގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ނަން ވެސް ފާހަގަކުރެއްވި އެވެ.

އެގޮތުން މެމްބަރުންނަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވެ، ގާސިމް ތިން އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ހުކުމްކޮށްފަ އެވެ. އޭނާ އަށް ހުކުމް ކުރިއިރު، ގާސިމް އޮންނެވީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ. އެހެންވެ ހުކުމްކުރީ އޭނާގެ ޣައިރު ހާޒިރުގަ އެވެ.

މީގެއިތުރުން މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ، ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. މުޒާހަރާއެއްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން 12 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވާއިރު، ނާޒިމް 11 އަހަރަށް ޖަލަށްލީ އޭނާގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލާގަ އެވެ.

ޕީޕީއެމްގެ މެމްބަރުންތަކެއް މަޖިލީހުގެ ގޯތިތެރޭގައި.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

ޕީޕީއެމްގެ މެމްބަރުންތަކެއް މަޖިލީހުގެ ގޯތިތެރޭގައި.-- ފޮޓޯ: ހުސެން ވަހީދު /މިހާރު

"އަނިޔާ އިން އަތް ނުޖައްސަވާށޭ. އަނިޔާ ދެމުންދާއިރު އެތަން ބައްލަވަން ނުތިއްބަވާށޭ. އަނިޔާއަކީ ހަމައެކަނި ވެރިއަކަށް ދެވޭނެ އެއްޗެއް ނޫން،" ޕީޕީއެމް ކައުންސިލް މެމްބަރުކަން ކުރެއްވި އަމީތު ވިދާޅުވި އެވެ.

ދުނިޔޭގެ މަޝްހޫރު ލީޑަރު ހިޓްލަރުގެ އަނިޔާވެރިކަމުން މިސާލު ނަންގަވަމުން އަމީތު ވިދާޅުވި ގޮތުގައި ހިޓްލަރު އެތައް މިލިއަން ބަޔަކު މަރާލީ އަމިއްލަ އަށް ބަޑި ހިފައިގެން ނިކުމެއެއް ނޫނެވެ. ހިޓްލަރަށް އެތައް ބަޔަކު މަރާލެވުނީ އޭނާ އަށް ތާއީދުކޮށް ބަޔަކު، "އަތް ޖަހަން ތިބީމަ" ކަމަށް އޭނާ ވިދާޅުވި އެވެ.

"އަނިޔާވެރިއަކީ ހަމައެކަނި އަނިޔާ ދޭ މީހާއެއް ނޫން. އަނިޔާ ދޭއިރުގައި، އެތަން ބަލަން އަތް ޖަހަން ތިބޭ ބަޔަކީ ވެސް އަނިޔާވެރިން. އެހެންވީމަ އެފަދަ ބައެއްގެ ގޮތުގައި ތިޔަބޭފުޅުން ނުތިއްބަވަން އިލްތިމާސް ކުރަން،" ނޫސްވެރިކަމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރެއްވި އަމީތު ވިދާޅުވި އެވެ.