Roadha Mihaaru
ޕީޕީއެމް ޕީޖީ ލީޑަރުކަމަށް ޝިޔާމް ގެންނަން ތާއީދުކޮށްފި

ޕީޕީއެމްގެ ޕީޖީ ލީޑަރުކަމަށް ޝިޔާމް ގެންނަން ނިހާންގެ ތާއީދު

15 އެޕްރީލް 2019

އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހޮވުމަށް މިހާތަނަށް އެ މަގާމު ފުރުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ތާއީދު ކުރައްވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ގެ ލީޑަރުކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ހޮވުމަށް މިހާތަނަށް އެ މަގާމު ފުރުއްވި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ތާއީދު ކުރައްވައިފި އެވެ.

އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ފަސް އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށް ފަހު ނިހާން ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އަދި ޕީޕީއެމްގެ ލީޑަޝިޕްގައި މިވަގުތު ތިއްބެވި ހުރިިހާ ބޭފުޅުން އިސްތިއުފާ ދެއްވުމަށް އޭނާ ރޭ ވަނީ ގޮވާލައްވައިފަ އެވެ.

ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމަކީ އެތައް ހާސް ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ ސިޔާސީ ޕާޓީއެއް ކަމަށެވެ. އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު ކަމުގެ މަގާމުގައި ހުންނަވަން އެންމެ ތާއީދު ކުރެވެނީ ވެސް ނައިފަރު ދާއިރާގެ ގޮނޑި ދިފާއު ކުރެއްވި ޝިޔާމް ކަމަށް ނިހާން ވިދާޅުވި އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ގޮނޑި ދިފާއު ކުރެއްވުނު ޕީޕީއެމްގެ މަދު މެމްބަރުންގެ ތެރޭގައި ޝިޔާމް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު، މިފަހަރުގެ އިންތިޚާބުގައި ތިނަދޫ ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނިހާނަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.

ނިހާން މިއަދު ކުރެއްވި ޓުވީޓު.

ނިހާންގެ ޓުވީޓުގައި ވަނީ ޝިޔާމަށް ތާއީދު އޮތް ކަން ހާމަކުރައްވައި، އޭނާއާ އެކު ސެލްފީއެއް ނަންގަވައި ޓުވިޓާގައި އާންމު ކުރައްވައިފަ އެވެ. އެ ސެލްފީގައި، މަޖިލިސް އިންތިޚާބުގައި މަހިބަދޫ ދާއިރާގެ ގޮނޑި އިތުރު ދައުރަކަށް ކަށަވަރު ކުރެއްވި އަހުމަދު ތޯރިގް (ޓޮމް) ވެސް ހުންނެވި އެވެ.

ނިހާން ރޭ ވިދާޅުވީ ޕީޕީއެމްގެ ލީޑަޝިޕުން އާ ބަޔަކަށް ޖާގަ ދިނުމަށްޓަކައި، އެ ޕާޓީން ފެއިލްވި ހުރިހާ ބޭފުޅުން ދުރަށް ވަޑައިގަންނަވަން ޖެހޭ ކަމަށެވެ.

ނިހާން ވިދާޅުވި ގޮތުގައި މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބާއި އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަދި މި ފަހަރުގެ އާންމު އިންތިޚާބުން ވެސް ޕީޕީއެމް ބަލިވީ ހަރުދަނާ ލީޑަޝިޕެއް ނެތުމުންނެވެ. އާއްމު މެމްބަރެއްގެ ގޮތުގައި ޕީޕީއެމަށް އަދި ރައްޔިތުންނަށް ސިޔާސީގޮތުން ހިދުމަތް ކުރުމުގައި ދެމި ހުންނެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ވެސް ނިހާންގެ ޓްވީޓުގައިވެ އެވެ.

ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން އިސްތިއުފާ ދެއްވުމަށް ނިހާން ގޮވާލެއްވިއިރު، އެ ޕާޓީއާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހަވާލުވެވަޑައިގަންނަވާ ވާހަކަތައް ވަނީ ފެތުރިފަ އެވެ. އެ ބޭފުޅުންގެ މައިގަނޑު މަސައްކަތަކީ ޕީޕީއެމަކީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވަރުގަދަ ކުރުމެވެ. އެކަމަކު، ޑރ. ޖަމީލާއި އުމަރު ޕީޕީއެމާ ހަވާލުވަނީ އެ ޕާޓީގެ މިހާރުގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލީޑަޝިޕްގައި ކަމެއް ނުވަތަ ނޫން ކަމެއް އަދިއެއް ނޭނގެ އެވެ.

މިދިޔަ އާންމު އިންތިޚާބުގައި އިދިކޮޅު ޕާޓީގެ ހައިސިއްޔަތުން ވާދަކޮށް ޕީޕީއެމަށް ނެގުނީ އެންމެ ފަސް ގޮނޑި އެވެ. އެ ޕާޓީއާ އެކު ކޯލިޝަން ހެދި ކޮންގްރެސް ޕާޓީ އަށް ލިބުނީ އެންމެ ތިން ގޮނޑި އެވެ.