Roadha Mihaaru
ޕީއެސްއެމް އިން ޖޫރިމަނާ ފައިސާ ދައްކައިފި

އުމަރުގެ އަބުރާ ބެހިގެން ޖޫރިމަނާ ކުރި ދެ ލައްކަ ރުފިޔާ ޕީއެސްއެމް އިން ދައްކައިފި

30 އޯގަސްޓް 2017

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރާ ބެހިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ޖޫރިމަނާ ކުރި ފައިސާ އެ ކޮމިޝަނަށް މިއަދު ދައްކައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަބުރާ ބެހިގެން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދައުލަތުގެ މީޑިއާ ޕީއެސްއެމް ޖޫރިމަނާ ކުރި ފައިސާ އެ ކޮމިޝަނަށް މިއަދު ދައްކައިފި އެވެ.

މިދިޔަ އޭޕްރީލް ހަތަރެއްގައި ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި، މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް، އުމަރުގެ އަބުރަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ، މައްސަލަ ހުށަހެޅުއްވީ އުމަރެވެ. އެހެންވެ އެ މައްސަލަ ބެލުމަށް ފަހު، ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ދެ ލައްކަ ރުފިޔާ އިން ޕީއެސްއެމް ޖޫރިމަނާކޮށްފަ އެވެ.

އުމަރު އެދިވަޑައިގަތީ ޓީވީއެމާއި ޗެނަލް 13 އިން ވަގުތުން ގެނެސްދިން އެ ވާހަކަތަކުގެ މައްސަލަ ބަލައިދިނުމަށެވެ. އެކަމަކު އެއް ވާހަކަތަކެއް އެއް ވަގުތެއްގައި ޗެނެލް 13 އިން ދެއްކި ނަމަވެސް އެ ޓީވީ ސްޓޭޝަނާ މެދު އެއްވެސް ފިޔަވަޅެއް އަދިވެސް ނާޅަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ ޓީވީއެމް ޖޫރިމަނާ ކުރަން ނިންމީ ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ 27 ވަނަ މާއްދާ، "ބްރޯޑްކާސްޓްކުރާ ކޮންޓެންޓަށް ޒިންމާވުން"ގެ ދަށުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނާ ޚިލާފުވުމާ ގުޅިގެން ކަމަށެވެ.

ބްރޯޑްކޮމް އިން ބުނި ގޮތުގައި ޕީޕީއެމްގެ ޖަލްސާގައި އުމަރުގެ އަބުރަށް އަރައިގަނެ ފަލާހު ދެއްކެވި ވާހަކަ ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ޕީއެސްއެމުން އިއުތިރާފްވި އެވެ. އަދި އެ ކޮންޓެންޓްގެ ދިފާއުގައި ގާނޫނީ އެއްވެސް ހުއްޖަތެއް ދެއްކިފައި ނުވާ ކަމަށް ވެސް ނިންމުމުގައިވެ އެވެ.

އެ ޖަލްސާގައި ފަލާހު ތުހުމަތު ކުރެއްވީ މިނިވަން ރަން ޔޫބީލް ފާހަގަކުރަން ބޭއްވި ކަންކަމުގެ ބައެއް މަސައްކަތްތައް އެކި ފަރާތްތަކަށް ހަވާލުކުރެއްވުމުގައި އުމަރު ކޮރަޕްޝަން ހިންގަވާފައިވާ ކަމަށެވެ. ނަމަވެސް އެ ތުހުމަތުތައް އުމަރު ވަނީ މީޑިއާގައި ދޮގުކުރައްވައިފަ އެވެ.

ފަލާހްގެ މައްސަލަ ބަލައިދިނުމަށް އުމަރު ފުލުހުންނަށް ވެސް ހުށަހެޅުއްވި އެވެ.