29 ޖޫން 2016
ރަށްރަށުގައި ހިންގާ ގެސްޓް ހައުސްގެ ވިޔަފާރި ގުޅިފައި ވަނީ ރަށްރަށުގެ އާންމުންނާ އެވެ. އެތައް ބައެއްގެ ވަޒީފާ އެވެ. ރަށުގެ އެންމެ އާދައިގެ މީހާއަށް ވެސް އޭގެ ފައިދާ ލިބެ އެވެ. މިއީ ރިސޯޓްތަކާ އެއް ހަމަޔަކުން ގުނާލެވޭނެ ދާއިރާއެއް ނޫނެވެ.
ރަށްރަށުގައި ހިންގާ ގެސްޓް ހައުސްގެ ވިޔަފާރި ގުޅިފައި ވަނީ ރަށްރަށުގެ އާންމުންނާ އެވެ. އެތައް ބައެއްގެ ވަޒީފާ އެވެ. ރަށުގެ އެންމެ އާދައިގެ މީހާއަށް ވެސް އޭގެ ފައިދާ ލިބެ އެވެ. މިއީ ރިސޯޓްތަކާ އެއް ހަމަޔަކުން ގުނާލެވޭނެ ދާއިރާއެއް ނޫނެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ރާއްޖޭގައި ރަޖިސްޓްރީކޮށްގެން 342 ގެސްޓް ހައުސް ހިންގަ އެވެ. އެއީ 5،057 އެނދެވެ.އެތަންތަނުގެ އޮކިއުޕަންސީ ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހާ އަޅާބަލާއިރު ހަތް ޕަސެންޓް އިތުރުވެފަ އެވެ.
ގެސްޓް ހައުސް ވިޔަފާރި ތައާރަފްވިތާ މާ ގިނަ ދުވަހެއް ނުވަނީސް އެ ވިޔަފާރިއަށް ލިބެމުން އަންނަ ކުރިއެރުން ހުއްޓިދާނެކަމުގެ ބިރު ހީވާން ވަނީ ފަށައިފަ އެވެ. އެ ދާއިރާ ހިންދެމި ނުލެވެނީސް ސަރުކާރުން މިހާރު ވަނީ އަންނަ އޮކްޓޯބަރު މަހުން ފެށިގެން ގެސްޓް ހައުސްތަކަށް އަންނަ ކޮންމެ ގެސްޓެއްގެ އަތުން ތިން ޑޮލަރުގެ ޓެކުހެއް ނަގަން ނިންމައިފަ އެވެ. މީގެ ކުރިން ގްރީން ޓެކްސް ނަގަމުން އަންނަނީ ހަމައެކަނި ޓޫރިސްޓް ރިސޯޓްތަކާއި ހޮޓާތަކާއި ސަފާރީތަކުގައި ޗުއްޓީ ހޭދަކުރާ ޓޫރިސްޓުންގެ އަތުންނެވެ. އެތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ނަގަނީ ދުވާލަކަށް ހަ ޑޮލަރެވެ.
ސ. ހިތަދޫގައި ހުޅުވަން ތައްޔާރުވަމުން އަންނަ ޕެބްލްސް ގެސްޓް ހައުސް: ގްރީން ޓެކްސް ނަގަން ފެށުމުން ގެސްޓް ހައުސްތަކުގެ ވިޔަފާރި އަށް ގެއްލުންތަކާ ކުރިމަތިވާނެ ކަމަށް ބެލެވޭ
ގެސްޓްހައުސްތައް ހިންގާ ފަރާތްތަކުން ދަނީ އެކަން ނުކުރަން އެދި އާދޭސްކުރަމުންނެވެ. ގެސްޓްހައުސްތައް ތަމްސީލްކުރާ ގެސްޓްހައުސް އެސޯސިއޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވެސް އެގޮތަށް އެދިފައިވެ އެވެ. އޭގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި ޓޫރިޒަމް ދާއިރާގެ ބައެއް ތަޖުރިބާކާރުން ވެސް ދަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ގްރީން ޓެކްސް ނަގަން ފަށާތީ، ގެސްޓް ހައުސް ހިންގާ ފަރާތްތައް މިހާރު ތިބީ ކަންބޮޑުވެފަ އެވެ.
"މިހާރު އަލަށް ފަށަން ނިންމާފައި ހުރި ބައެއް ގެސްޓްހައުސް ޕްރޮޖެކްޓްތަކާ ދޭތެރޭ ދަނީ ވިސްނަމުން. ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ގިނަ މީހުންނަށް މިކަން ނުކުރެވޭ ވަރަށް ހަރަދުތައް މަތިވެގެން ހިނގައިދާނެ،" ހުޅުމާލޭގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ހިންގާ ބޭފުޅަކު ވިދާޅުވި އެވެ.
ގެސްޓް ހައުސް އެސޯސިއޭޝަނުން ހޯމަދުވަހު ނެރުނު ބަޔާނެއްގައި ބުނީ ގެސްޓް ހައުސްތަކުން މިހާރު ނަގަމުން އަންނަ ޓެކްސްތަކުގެ އިތުރުން ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ސަރަހައްދީ ގައުމުތަކުގެ ބަޖެޓް ރޭޓްތަކާ ވާދަނުކުރެވޭ ޓޫރިސްޓުންނަށް އަގު ބޮޑުވެ މާކެޓް ގެއްލި، އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމަށެވެ. އެ އެސޯސިއޭޝަނުން ބުނި ގޮތުގައި ރާއްޖޭގެ ގެސްޓް ހައުސްތަކުގެ އެވްރެޖް ރޭޓަކީ ދުވާލަކަށް 50 ޑޮލަރެވެ. ބީޕީޓީ އާއި ޖީއެސްޓީ އާއި ވިތު ހޮލްޑިން ޓެކްސް އަދި ފެނާއި ކަރަންޓާއި ބިމު ކުއްޔާއި މުވައްޒަފުންގެ މުސާރަ ދިނުމަށް ފަހު ފައިދާގެ ގޮތުގައި އޮންނަ މަދު ލާރިކޮޅު ގާނޫނަކުން މަޖުބޫރުކޮށްގެން ނަގަން ފަށައިފި ނަމަ މުޅި ގެސްޓް ހައުސް އިންޑަސްޓްރީ ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް އެސޯސިއޭޝަނުން ބުނެ އެވެ.
މިހާރު އަލަށް ފަށަން ނިންމާފައި ހުރި ބައެއް ގެސްޓް ހައުސް ޕްރޮޖެކްޓްތަކާ ދޭތެރޭ ދަނީ ވިސްނަމުން. ގްރީން ޓެކްސް ނަގަން ފަށައިފި ނަމަ ގިނަ މީހުންނަށް މިކަން ނުކުރެވޭ ވަރަށް ހަރަދުތައް މަތިވެގެން ހިނގައިދާނެ.
"ގެސްޓް ހައުސްތަކުން ކުރިޔަށް އޮތް އެއް އަހަރަށް ހަދާފައިވާ ބުކިންސްތަކާއި އެޖެންޓުންނާ އެކީ ޓެކްސް ހިމަނައިގެން ހަދާފައިވާ އެގްރިމަންޓްތަކުގެ ސަބަބުން ކުރިޔަށް އޮތް އެއް އަހަރު ދުވަހު ސަރުކާރަށް ދައްކަން ޖެހޭ ގްރީން ޓެކްސް މި ދައްކަން ޖެހެނީ ވަރަށް ބޮޑު ގެއްލުމާ އެކީ ގެސްޓް ހައުސް ވިޔަފާރިވެރިންގެ އަމިއްލަ ޖީބުންނެވެ،" އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެސޯސިއޭޝަނުން ބުނީ މި އިންޑަސްޓްރީއަށް އިތުރު ލޮޅުމެއް ނާރައި ކުރިޔަށްދާ ނަމަ މި އަހަރުގެ ސީޒަނަށް އިތުރުވެގެންދާ ގެސްޓް ހައުސްތަކުގެ ސަބަބުން ބެޑް ކެޕޭސިޓީ ޑަބަލްވެ މިހާރު ނަގާ ޓެކްސްތަކުން ސަރުކާރަށް ލިބޭ އާމްދަނީ ވެސް އެތައް ގުނައެއް މައްޗަށް ދާނެ ކަމަށެވެ.
އެކަމަކު ގްރީން ޓެކްސް ނަގާ ވާހަކައާ ގުޅިގެން، އާ ޕްރޮޖެކްޓްތަކަށް ލޮޅުން އަރާނެ ކަމަށް ބެލެވެ އެވެ.
"އަޅުގަނޑު މިހާރު މިދަނީ ކުރިމަގުގައި މިކަން ކުރެވިދާނެތޯ ބަލަމުން. މިހާރު ވެސް މިކަން ކުރަމުން މިދަނީ ވަރަށް ބޮޑު ރިސްކްތައް ނަގައިގެން. އެހެން ހުއްޓާ ކުއްލިއަކަށް ބޮލަށް މި ވައްޓާލި ޓެކްސް އިން އިތުރު ހާސްކަމެއް މި ކުރިމަތިކުރުވީ،" އެ އެސޯސިއޭޝަންގެ މެމްބަރަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގެސްޓް ހައުސްއެއް ހިންގައިގެން ލިބޭ ފައިދާ މާ ބޮޑު ނޫން ކަމަށެވެ. ބައެއް މަސްމަހު ދެކޮޅު ނުޖެހިގެން އަތުން ވެސް ހޭދަކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެން އުޅެނިކޮށް ކުއްލިއަކަށް މިއައި ޓެކުހާ އެކު އިތުރު ހަރަދެއް ކުރިމަތިވީ. އަޅުގަނޑުމެން ބައެއް އެޖެންޓުންނާ އެކު މުޅި އަހަރަށް ވެސް ކޮޓަރި ވިއްކާފައި ހުންނާނެ. މިކަހަލަ ކަމެއް ވެދާނެ ކަމަށް ވިސްނައިގެނެއް ނޫން އަގުތައް ހަދާފައި ކޮންޓްރެކްޓްގައި ސޮއިކުރުވީ،" އޭނާ ވިދާޅުވި އެވެ.
ހުޅުމާލޭގައި ގެސްޓް ހައުސްގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އެހެން ވިޔަފާރިވެރިއަކު ވިދާޅުވީ ގެސްޓް ހައުސްތަކުން ސަރުކާރަށް މިހާރު ވެސް ދައްކާ ޓެކްސްތައް މަދެއް ނޫން ކަމަށެވެ. އަދި ގެސްޓް ހައުސްތަކުން އިތުރު ޓެކްސްއެއް ނަގަނީ ސަރުކާރުގެ ހަރަދުތައް ހަމަޖައްސަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ގެސްޓް ހައުސްގެ ވިޔަފާރިއަކީ އަލަށް ދިރެމުން އަންނަ ވިޔަފާރިއެއް. އަޅުގަނޑުމެން ވެސް މިދަނީ ބޭރުގެ އެޖެންޓުންނާ ދެމެދު ވެސް އިތުބާރު ގާއިމުކުރުމަށް ވަރަށް ގިނަ މަސައްކަތްތައް ކުރަމުން. ދުރާލައި ރޭޓުތައް ފޮނުވައިގެން ބުކިން ހައްދަމުން. އެހެން ހުއްޓާ ކުއްލިއަކަށް މިކަހަލަ ޓެކްސްއެއް އައުމުން އަޅުގަނޑުމެންގެ އަމިއްލަ ޖީބުން އެ ހަރަދު ދޭން މިޖެހެނީ. މިއީ ފޫނުބެދޭވަރުގެ ބޮޑު ގެއްލުމަކަށް ވާނެ،" އޭނާ ވިދާޅުވި އެވެ.
މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނަގަން ނިންމީ ސަރުކާރުގެ ބަޖެޓް ބެލެންސް އަދި ޑެފިސިޓް ކުޑަ ބަޖެޓަކަށް ހަދާށެވެ.
ޓޫރިޒަމް މިނިސްޓަރު ޒަމީރު މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ /މިހާރު
ސަރުކާރުން ވަނީ އިންޑަސްޓްރީގެ އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފެށުމުން ކުރިން ނަގަން ހަމަޖެއްސި ހަ ޑޮލަރުގެ ބަދަލުގައި ތިން ޑޮލަރަށް ކުޑަކުރަން ނިންމައިފަ އެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ގްރީން ޓެކްސް ނަގަމުން އަންނަނީ ކުރިން ރިސޯޓް ހޮޓާ ފަދަ ތަންތަނުން ނެގި ބެޑް ޓެކްސް އުވާލުމަށް ފަހު އެވެ. އެކަމަކު ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ނަގަން ފެށުމާ އެކު ކުރީގެ ސަރުކާރުތަކުން ނިންމާފައި އޮތީ ބެޑް ޓެކްސް އުވާލާށެވެ. އޭގެ ބަދަލުގައި އެހެން ޓެކްސްއެއް ނަގަން އޭރު ހަމަޖައްސާފައެއް ނުވެ އެވެ.
އިންޑަސްޓްރީގެ ތަޖުރިބާކާރަކު ވިދާޅުވީ ޓީޖީއެސްޓީ 12 ޕަސެންޓަށް ބޮޑުކުރުމަށް ފަހު ސަރުކާރުން ނިންމީ ދުވާލަކު އަށް ޑޮލަރުގެ ރޭޓުން ނަގަމުން އައި ބެޑް ޓެކްސް އުވާލާށެވެ. ނަމަވެސް އާ ނަމެއްގައި ހަ ޑޮލަރުގެ ޓެކްސްއެއް ނަގަން ފެށީ ބަޖެޓް ހަރަދުތައް ބޮޑުވާން ފެށުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަސްލު ވަރަށް ބޮޑު އޮޅުވާލުމެއް މިއީ. އިންޑަސްޓްރީގެ މީހުން ކައިރީގައި ބުނެފައި އޮތީ ބެޑް ޓެކްސް އުވާލީއޭ ޓީޖީއެސްޓީ ބޮޑުކުރުމަށް ފަހު. އެހެނެއް ނޫން އެންމެ ފަހުން މިހެދީ. މިހާރު އެ އުނދަގޫ ގެސްޓް ހައުސްތަކަށް ވެސް އެ ކުރިމަތިކުރުވީ،" އިންޑަސްޓްރީގެ ފަރާތުން ވާހަކަދެއްކެވި ބޭފުޅާ، ނަން ނުޖަހާ ގޮތަށް، ވިދާޅުވި އެވެ.
ގެސްޓް ހައުސްތަކުން ގްރީން ޓެކްސް ނެގުމުގެ ބޭނުމަކީ ކޮބައި ކަމެއް ސަރުކާރަށް ސާފުކޮށް ކިޔައެއްނުދެވެ އެވެ. ހަމަޖެހުމުގެ މަގުމަތީގައި އޮތް އާ އިންޑަސްޓްރީއެއް، ބަޖެޓްގެ ހަރަދުތައް ހަމަޖެއްސުމުގެ މަގުސަދުގައި ނަމަވެސް، "ފެލާލުމަކީ" ގެއްލުމެއް ކަމަށް، ގެސްޓް ހައުސްތަކުގެ ވެރިން ބުނަނީ ސަބަބުތަކެއް ހުރެގެންނެވެ.
ޓެކްސް އިތުރުވެއްޖެ ނަމަ ގެސްޓްހައުސް މާކެޓް ގެއްލޭނެ
ޓެކްސްތައް ބޮޑުކޮށްގެން 2.7 ބިލިއަންގެ އާމްދަނީއެއް
މުހިއްމު ގަވާއިދެއް، ގެސްޓް ހައުސްތަކަށް ގެއްލުންވެދާނެ
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
ގެސްޓްހައުސްތަކުގެ ދުވެލި، އިގްތިސާދީ މަޑުޖެހުމަކަށް
ގެސްޓްހައުސް ވިޔަފާރިއަށް ބޭރު މީހުން: ކަންބޮޑުވުމެއް
މާލޭ ސަރަހައްދުގެ ގެސްޓް ހައުސްތައް މި މަހު ހުޅުވަނީ
ދުވާލަކު އަންނަ ޓޫރިސްޓުންގެ އަދަދު ހާހުން މަތީގައި
ގްރީން ޓެކްސްގެ އާމްދަނީ ހަަތަރު މިލިޔަނަށް ވުރެ ދަށަށް
ގްރީން ޓެކްސްއަށް އޭޕްރީލްގައި ލިބުނީ 35.7 މިލިއަން