Roadha Mihaaru
ލަވަކިޔުންތެރިޔާ އާތިފް އަވަހާރަވެއްޖެ

ލަވަކިޔުންތެރިޔާ އާތިފް އަވަހާރަވެއްޖެ

20 އޯގަސްޓް 2017

މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފު ދާދިދެންމެއަކު އަވަހާރަވެއްޖެ އެވެ.

މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފު ދާދިދެންމެއަކު އަވަހާރަވެއްޖެ އެވެ.

ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރައްވައި އަދި ރާއްޖޭގެ މިއުޒިކީ ދާއިރާ އަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފައިވާ، ސިފައިންގެ މޭޖާ އާތިފް، 52، އަވަހާރަވީ ކުއްލި ގޮތަކަށް ހދ. ހަނިމާދޫގަ އެވެ. އެނގިފައިވާ ގޮތުގައި އޭނާ ވަޒީފާ އަދާކުރައްވަނީ ވެސް ހަނިމާދޫގައި ހުންނަ ސިފައިންގެ މަރުކަޒުގެ އެންމެ އިސް ވެރިޔާގެ ގޮތުގަ އެވެ. އޭނާގެ ހަށިގަނޑު މިހާރު އޮތީ ހަނިމާދޫ ސިއްހީ މަރުކަޒުގަ އެވެ.

އެނގިފައިވާ ގޮތުގައި އާތިފް އަވަހާރަވެފައިވާ ކަން އެނގުނީ އޭނާ ހޭނުލައްވައިގެން ބެލިއިރު އެވެ. ހަށިގަނޑު ބެއްލެވި ޑޮކްޓަރު ވިދާޅުވެފައި ވަނީ ސިއްހީ މަރުކަޒަށް ހަށިގަނޑު ގެންދިޔައިރު، އާތިފް އަވަހަރާވެފައިވާތާ ހައެއްކަ ގަޑިއިރުވެދާނެ ކަމަށެވެ.

މަޝްހޫރު ކޮޕްސް ބޭންޑްގެ އިސް ލަވަކިޔުންތެރިޔާގެ ގޮތުގައި އާތިފް ވިދާޅުވެފައިވާ މަޝްހޫރު ލަވަތަކުގެ ތެރޭގައި "ދޭނަން ހިތާ ޖާނާ..."، "ގެންދާށެ ވަޔާއޭ..."، "ޖޯޝޭ ގެނައިމީ ގައުމީ އުފާ..."، ހިންދީ ލަވަ "ޕާޕާ ކެހެތޭހޭ..."، ފަދަ ލަވަތައް ހިމެނެ އެވެ. އޭނާ އަކީ ވަރަށް ގިނަ ގައުމީ ލަވަތައް ވިދާޅުވެފައިވާ ބޭފުޅެކެވެ.

އެންމެންނަށް ވެސް ޝޮކެއް

އާތިފަކީ ވަރަށް ގިނަ ރައްޓެހިން ތިބި، އަދި އާންމުންނާ ވެސް ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. ހާއްސަކޮށް މިއުޒިކް ކުރިއެރުވުމުގައި ސިފައިންގެ ތެރޭގައި އެންމެ އިސްކޮށް އުޅުއްވައި ސިފައިންގެ ތެރޭގައި ބޭންޑް ކުރިއަރުވަން އަމިއްލަ ގޮތުން ވެސް މަސައްކަތް ކުރެއްވި އެވެ. ވަރަށް ރީތި އަމިއްލަ ރާގުތައް އޭނާ ހެއްދެވި އެވެ. އޭގެ ތެރެއިން އެންމެ ގިނަ މިއުޒީޝަނުންނާއި ލަވަކިޔުންތެރިންނަށް ކަމުދިޔަ "ގެންދާށެ ވަޔާއޭ..." އަކީ ބައެއް ލަވަކިޔުންތެރިން ސިފަ ކުރާ ގޮތުން "ފުރާނައާ ކުޅެލާ ކަހަލަ ރީތި" ރާގެކެވެ.

އާތިފްްގެ މަރުގެ ހަބަރު އެންމެންނަށް ވެސް ލިބުނީ ކުއްލިއަކަށެވެ. އެހެންވެ، އެންމެންނަށް ވެސް ލިބުނީ ޝޮކެކެވެ.

އަހުމަދު އާތިފް

އަހުމަދު އާތިފް

"އަޅުގަނޑަށް ފުރަތަމަ އެނގުނީ އާތިފަށް ކޮންމެވެސް ގޮތެއް ވެގެން އުޅޭކަން. ދެން އަޅުގަނޑު ސީދާ ގުޅީ އާތިފްގެ ނަންބަރަށް. އެކަމަކު ފޯނެއް ނުނަންގަވާ. ދެން އޭގެ ފަހުން އަޅުގަނޑަށް އިވުނީ މި ހަބަރު،" ކޮޕްސް ބޭންޑުގައި އާތިފާ އެކު ވޯކަލިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވި މަޥްހޫރު ލަވަކިޔުންތެރިޔާ ހުސެއިން އަލީ ބުންޏެވެ. "އާތިފަކީ އަޅުގަނޑާ އެކު ވަރަށް ގިނަ ދަތުރުތައް ކޮށް ވަރަށް ގިނަ މުބަރާތްތަކުގައި ވެސް އެކުގައި ޖަޖްކަން ކޮށް މިއުޒިކާއި ވަޒީފާގެ ދާއިރާގެ ގޮތުން ވެސް ވަރަށް ގާތުން މަސައްކަތް ކުރެއްވި ބޭފުޅެއް. ވަރަށް ގާތް ރަހުމަތްތެރިއެއް އަދި އަޅުގަނޑަށް ވަރަށް އެހީތެރިވެދެއްވި ބޭފުޅެއް."

ލަވަކިޔުންތެރިޔާ މުހަންމަދު އަބްދުލްޣަނީ ބުނީ އާތިފަކީ "އެންމެ ރީތި އެއް އަޑު" ކަމަށެވެ.

"ހަމަ ވަރަށް ބޮޑު ޝޮކެއްގައި މި ހުރީ އެ ހަބަރާ އެކު. އާތިފަކީ މިއުޒިކަށް ޝައުގުވެރިކަން ހުރި މިއުޒީޝަނުންނަށް ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވި ބޭފުޅެއް."

މިއުޒިކް ޑައިރެކްޓަރު އިބްރާހިމް އަލީ (ކުޑައިއްބެ) ބުނީ އާތިފް ދޫކޮށްލެއްވި އަމިއްލަ ރާގުތަކަކީ އެއާ ވަކިވެވެން ނެތް ރީތި މިއުޒިކްތަކެއް ކަމަށެވެ.

"މިސާލަކަށް ގެންދާށެ ވަޔާއޭ ކަހަލަ ރާގުތަކަކީ ރާއްޖެއިން އަޅުގަނޑު އެހި ހަމަ އެންމެ ރީތި ރާގު. އާތިފް ސާ އަކީ އާދަޔާ ޙިލާފު ރީތި އަޑެއްގެ ވެރިއެއް. އަޅުގަނޑުމެންނަށް އެ ގެއްލުނީ ވަރަށް ގާތް ރަހުމަތްތެރިއެއް. އަދި އެހާމެ ހުނަރުވެރި ބޭފުޅެއް،" އިއްބެ ބުންޏެވެ.