Roadha Mihaaru
ވިހަ އެކުލެވޭ ބިސް ރާއްޖެ އެތެރެ ކުރިތޯ ބަލަނީ

ވިހަ އެކުލެވޭ ބިސް ރާއްޖެ އެތެރެ ކުރިތޯ ބަލަނީ

12 އޯގަސްޓް 2017

ބައެއް ގައުމުތަކުން ބާޒާރަށް ނެރެފައިވާ ކުކުޅު ބިހުގައި "ޕިޕްރޯނިލް" ކިޔާ ވިހަ ޕެސްޓިސައިޑް ހުރުމުން، އެ ބިސް ރާއްޖެ އެތެރެ ކޮށްފައިވޭތޯ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ން ބަލަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ބައެއް ގައުމުތަކުން ބާޒާރަށް ނެރެފައިވާ ކުކުޅު ބިހުގައި "ޕިޕްރޯނިލް" ކިޔާ ވިހަ ޕެސްޓިސައިޑް ހުރުމުން، އެ ބިސް ރާއްޖެ އެތެރެ ކޮށްފައިވޭތޯ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ން ބަލަން ފަށައިފި އެވެ.

އެތަނުން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ ބުޅަލާއި ކުއްތާ ފަދަ ޖަނަވާރުތަކުގައި އަޅާ އުކުނު ނައްތާލުމަށް ބޭނުންކުރާ މި ކެމިކަލް ހިމެނޭ ބިސް ބާޒާރަށް ނެރެފައިވަނީ ނެދަލޭންޑްސް އާއި ބެލްޖިއަމާއި ޖަރުމަނުގެ އިތުރުން ފްރާންސް އިން ކަމަށެވެ.

މީގެ ތެރެއިން ރާއްޖެ އަށް ބިސް އެތެރެކުރަނީ ނެދަލޭންޑްސް އިންނެވެ.

އެމްއެފްޑީއޭ އިން ބުނިގޮތުގައި ވިހަ ހިމެނޭ ބިސް ފެނުނު ގައުމުތަކުގެ ތެރެއިން ނެދަލޭންޑްސް ފިޔަވައި އެހެން ގައުމަކުން، މިދިޔަ ހަ މަސް ދުވަހު ރާއްޖެ އަށް ބިސް އެތެރެއެއް ނުކުރެ އެވެ. އަދި ނެދަލޭންސް އިން ވެސް އެތެރެ ކޮށްފައިވަނީ މަދު އަދަދެއްގެ ބިސް ކަމަށް އެ އިދާރާ އިން ބުނެ އެވެ. އެމްއެފްޑީއޭ އިން ބުނީ، ތަޣައްޔަރުވެފައިވާ ކަމަށް މިހާތަނަށް އިއުލާންކޮށްފައިވާ އެއްވެސް ބެޗެއްގެ ބިސް ރާއްޖެ އެތެރެ ކޮށްފައިނުވާ ކަމަށެވެ.

އެމްއެފްޑީއޭ އިން ބުނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖެއަށް އެތެރެ ކުރާ ބިހާއި ބިހުގެ ބާވަތްތަކަށް ސަމާލުކަމެއް ދީގެން ބަލަމުން އަންނަ ކަމަށެވެ.

ޔޫރަޕިއަން ކޮމިޝަނުން މިއަދު ބުނީ ޔޫރަޕުގެ 15 ގައުމާއި ހޮން ކޮންގާއި ސްވިޒަލެންޑުން ވެސް ވިހަ ބިސް ފެނިފައިވާ ކަމަށެވެ.