Roadha Mihaaru
އިންޑިއާއަށް ކުރާ ވިއްސާރައިގައި ހޮނުއެޅުމުން 11 މަރު

އިންޑިއާ އަށް ކުރާ ވިއްސާރައިގައި ހޮނުއެޅުމުން 11 މީހުން މަރުވެއްޖެ

31 ޖުލައި 2017

ނިއު ދިއްލީ (ޖުލައި 31) - އިންޑިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން އެ ގައުމުގެ އިރުމަތީގެ ހިސާބުތަކުން 11 މީހަކު މަރުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (ޖުލައި 31) - އިންޑިއާ އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހޮނުއެޅުމުގެ ސަބަބުން އެ ގައުމުގެ އިރުމަތީގެ ހިސާބުތަކުން 11 މީހަކު މަރުވެއްޖެ އެވެ.

ހޮނުއެޅުމުން މަރުވީ އޮޑިޝާގެ ދަނޑެއްގައި މަސައްކަތް ކުރަމުން ދިޔަ ބައެކެވެ. މީގެ އިތުރުން 15 މީހަކު ވަނީ ޒަޚަމްވެފަ އެވެ. އޮޑިޝާ ސްޓޭޓަށް ކުރަމުންދާ ވިއްސާރައިގައި ވޭތުވެދިޔަ 48 ގަޑިއިރު ތެރޭ ވަނީ އިތުރު ތިން މީހުން މަރުވެފަ އެވެ.

އިންޑިއާގެ އެކި ސްޓޭޓްތަކަށް ކުރަމުންދާ ވިއްސާރައިގައި ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. މަގުތައް ހަލާކުވުމުގެ އިތުރުން ކަރަންޓް ނެޓްވޯކްތައް ވެސް ވަނީ ހަލާކުވެފަ އެވެ. ވިއްސާރައިގައި އިންޑިއާގެ އެކި ހިސާބުތަކުން މިހާތަނަށް ވަނީ 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ޖޫން މަހުން ފެށިގެން ކުރަމުންދާ ވިއްސާރައިގައި އިންޑިއާގެ 20 ސްޓޭޓަކަށް ވަނީ ތަފާތު ގެއްލުންތައް ލިބިފަ އެވެ. ހުޅަނގުގެ ގުޖުރާތު ސްޓޭޓުން އެކަނި ވެސް ވަނީ 213 މީހުން މަރުވެފަ އެވެ.

އިންޑީއާގެ އަހުމަދުއާބާދުގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގެ މީހުން ރައްކާތެރިކަން ހޯދަން އިމާރާތެއްގެ ފުރާޅު މައްޗަށް އަރާފައި. --ފޮޓޯ:އޭއެފްޕީ

އިންޑީއާގެ އަހުމަދުއާބާދުގައި ފެންބޮޑުވެފައިވާ ސަރަހައްދެއްގެ މީހުން ރައްކާތެރިކަން ހޯދަން އިމާރާތެއްގެ ފުރާޅު މައްޗަށް އަރާފައި. --ފޮޓޯ:އޭއެފްޕީ

އެޕްރީލް މަހުން ފެށިގެން ވަނީ އިރުއުތުރުގެ ސްޓޭޓްތައް ކަމަށްވާ އަރުނަޗަލް ޕްރަދޭޝް އަދި އާސާމް އަށް ވިއްސާރަ ކުރަން ފަށައިފަ އެވެ. މީގެ އިތުރުން އިރުމަތީގެ ބިހާރު ސްޓޭޓާއި ޖަރުޚަންދަށް ވެސް ވަނީ ބޯކޮށް ވިއްސާރަކޮށްފަ އެވެ. މެއި މަހުން ފެށިގެން މިހާތަނަށް ބިހާރުން އެކަނިވެސް ވަނީ ހޮނުއެޅުމުން 140 މީހުން މަރުވެފަ އެވެ.

ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ފެންބޮޑުވުމުގައި ހާލުގައި ޖެހުނު މީހުންނަށް ސަރުކާރުން އެހީފޯރުކޮށްދެމުންދާ ކަމަށް އިއްޔެ ދެއްވި ރޭޑިއޯ ޚިތާބެއްގައި ވިދާޅުވެފަ އެވެ.