Roadha Mihaaru
މި ފަހަރު ޔުވެންޓަސް އަށް ފަސޭހައެއް ނުވާނެ: ބުފޮން

މި ފަހަރު ޔުވެންޓަސް އަށް ފަސޭހައެއް ނުވާނެ: ބުފޮން

31 ޖުލައި 2017

ޓިއުރިން (ޖުލައި 31) – ރޯމާ އާއި އިންޓަ އަދި އޭސީ މިލާން ވަރުގަދަކޮށްފައިވާތީ ޔުވެންޓަސް އަށް ކުރިއަށް އޮތް ސީޒަނުގައި ވަރަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޓިއުރިން (ޖުލައި 31) – ރޯމާ އާއި އިންޓަ އަދި އޭސީ މިލާން ވަރުގަދަކޮށްފައިވާތީ ޔުވެންޓަސް އަށް ކުރިއަށް އޮތް ސީޒަނުގައި ވަރަށް އުނދަގޫވާނެ ކަމަށް އެ ޓީމުގެ ކެޕްޓަން ޖިއަންލުއިޖީ ބުފޮން ބުނެފި އެވެ.

މިދިޔަ ހަ އަހަރު އިޓަލީގެ ޗެމްޕިއަންކަން ހޯދި ޔުވެންޓަސް އަށް މިދިޔަ އަހަރުތަކުގައި އެންމެ ބޮޑަށް ވާދަކުރީ ރޯމާ އާއި ނަޕޯލީ އެވެ. އެކަމަކު މި ފަހަރު އިންޓަ އާއި މިލާން ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

"މި އަހަރު ޔުވެންޓަސް އަށް ވަރަށް އުނދަގޫވާނެ. އެއީ ވަރަށް ގިނަ ޓީމުތައް ވަރުގަދަކޮށްފައިވާތީ. އޭގެ ތެރޭގައި ރޯމާ، އިންޓަ އަދި މިލާން ހިމެނޭ. އަނެއްކޮޅުން ނަޕޯލީން ވެސް ކުޅުންތެރިން ހިފަހައްޓާފައިވަނީ،" އިންޓަނޭޝަނަލް ޗެމްޕިއަންސް ކަޕުގައި ރޭ ޕެނަލްޓީ ޖަހައިގެން ރޯމާ އަތުން މޮޅުވި ޔުވެންޓަސްގެ ގޯލްކީޕަރު ބުންޏެވެ.

އެކަމަކު ބުފޮން ބުނީ ޔުވެންޓަސް އިން އޮތީ އިތުބާރާ އެކު ކަމަށާއި އަދިވެސް އެންމެ ވަރުގަދަ ކުޅުން ދެއްކޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

މިދިޔަ ސީޒަނުގައި އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށް އަދި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅުނު ޔުވެންޓަސްގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ޑެނީ އަލްވެސް އާއި ލިއޮނާޑޯ ބޮނޫޗީ ވަނީ ޓީމު ދޫކޮށްގޮސްފަ އެވެ. އެ ޓީމުން ވަނީ ބްރެޒިލްގެ ވިންގާ ޑަގްލަސް ކޮސްޓާ އާއި އިޓަލީގެ ފުލްބެކް މަޓިއާ ޑި ސިގްލިއޯ އަދި އިޓަލީގެ އެންމެ ހުނަރުވެރި އެއް ވިންގާ ފެޑެރިކޯ ބާނަޑެސްކީ ގެނެސްފަ އެވެ. މީގެ އިތުރުން މިދިޔަ ސީޒަނުގައި އިޓާލިއަން ލީގުގައި މޮޅު ކުޅުމެއް ދެއްކި ޕޮލެންޑުގެ ގޯލްކީޕަރު ވޮސިއެޗް ޝެޒްނީ ވެސް ވަނީ އެ ޓީމާ ގުޅިފަ އެވެ.