Roadha Mihaaru
ސުޕްރީމް ކޯޓަށް އާޒިމާ ގެންނަން އުޅޭ ކަމުގެ އަޑު!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އާޒިމާ ހަމަޖައްސަން އުޅޭ ކަމަށް އަޑު ފެތުރެނީ

29 ޖުލައި 2017

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ހަމަޖައްސަން އުޅޭ ކަމުގެ އަޑުތައް ފެތުރިއްޖެ އެވެ.

އެކަމަކު އެ އަޑުތަކާ ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްޗެކޭ ނުބުނެ އެވެ. އަދި ސިޔާސީ ބައެއް މީހުންނާއި އާންމުން ސޯޝަލް މީޑިއާގައި ފަތުރަމުން ދާ ވާހަކަތަކާ ބެހޭ ގޮތުން ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އާޒިމާ ހަމަޖައްސަން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ކެންދޫ ދާއިރާގެ އަލީ ހުސެއިންގެ އިތުރުން މާފަންނު އުތުރު ދާއިރާގެ މާރިޔާ އަހްމަދު ދީދީ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މަހްލޫފް ވިދާޅުވީ ސުޕްރީމް ކޯޓަށް އާޒިމާ އައްޔަން ކުރައްވަން ރައީސް ޔާމީން ބޭނުންފުޅުވާ އެންމެ ބޮޑު ސަބަބަކީ، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އެ މަގާމުން ވަކިކުރުން ކަމަށެވެ.

އަލީ ހުސެއިން ވިދާޅުވި ގޮތުގައި ސުޕްރީމް ކޯޓަށް ބަދަލު ގެންނަން އުޅޭ ކަމުގެ އަޑުތައް މިހާރު ވަރަށް ގަދަ އެވެ. އުއްތަމަ ފަނޑިޔާރު ބަދަލުކޮށް، އެ ކޯޓު ވެސް ބޮޑު ބަދަލަކާ ދިމާލަށް މިސްރާބު ޖެހީތޯ އޭނާ ވަނީ ސުވާލު އުފައްދަވައިފަ އެވެ.

މެމްބަރު އަލީ ހުސެއިން ކުރެއްވި ޓުވީޓް.

ކުރިން ހަތް ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓުގެ ބެންޗު ފަސް ފަނޑިޔާރުންނަށް ބަދަލުކުރީ ވެސް މި ސަރުކާރުންނެވެ. އަނެއްކާ ހަތަކަށް އިތުރުކުރަން އުޅޭކަމުގެ އަޑުތައް ފެތުރުނު އިރު ގާނޫނުއަސާސީގައި ކަންބޮޑުވެވަޑައިގަންނަވާ ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް މިނިވަންދުވަހުގެ ރަސްމީ ޚިތާބުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ "ޑެޑްލޮކަކަށް ދާ ގޮތަށް" ކަމަށާއި މި އޮނިގަނޑުގެ ދަށުން ދިވެހި ގައުމުގެ ރައީސަކަށް ހުންނަ މީހާ، "އެއް އަތް ފަހަތަށް ބަނދެގެން ރައްޔިތުންގެ ކުރިމައްޗަށް ނެރެވިދާނެ" ކަމަށެވެ. ދުސްތޫރީ އޮނިގަނޑު އޮތީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅައި، ދައުލަތް ހުއްޓުމަކަށް ގެނެވޭ ފަދަ ފުރުސަތުތުތަކެއް ދައުލަތުގެ ދުޝްމަނުންނަށް ހޯދައިގަނެވޭނެ ގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަފުޅަށް ސަރުކާރު ތެރެއިން އެންމެ ބޮޑަށް ތާއީދުކުރައްވާ އެއް ބޭފުޅަކީ، 2008 ގައި ގާނޫނުއަސާސީ ތަސްދީގުކުރެއްވި އިރު އެޓާނީ ޖެނެރަލަކަށް ހުންނެވި އާޒިމާ އެވެ. ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ އޮނިގަނޑު އޮތީ ގައުމީ މަސްލަހަތަށް ވުރެ ބޮޑަށް ސިޔާސީ މަސްލަހަތަށް ޖާގަ ދީފައި ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިހާރު ވަނީ ހުއްޓިފަ އެވެ. މި މަހު 24 ވަނަ ދުވަހު އެ މަޖިލިހަށް ވަންނަވަން އިދިކޮޅު މެމްބަރުން ވަޑައިގަތުމުން އެކަމަށް ފުލުހުން ހުރަސް އެޅިއިރު، މަޖިލިސް ހިސޯރުކޮށްގެން ތިބީ ސިފައިންނެވެ.

މަޖިލިހުގެ މެމްބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭނެ ކަމަށް ގާނޫނުއަސާސީގައި ނެތް ނަމަވެސް ސަރުކާރުން ހުށަހެޅި މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެގޮތަށް ވެސް ހަމަޖައްސައިފަ އެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމަށް ބިނާކޮށް އިލެކްޝަންސް ކޮމިޝަނުން އިދިކޮޅު ހަ މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި، ބައި އިލެކްޝަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އެކަމަކު އޭގެ ތެރެއިން ހަތަރު މެމްބަރަކު ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފައިވެ އެވެ. މިހާރު އެންމެން އިންތިޒާކުރަމުން އަންނަނީ އެ ހަތަރު ގޮނޑި ހުސްވެއްޖެތޯ ނުވަތަ ނޫންތޯއާ މެދު އެންމެ މަތީ ކޯޓުން ނިންމާނެ ގޮތެއް ބަލާށެވެ.