Roadha Mihaaru
އެއްވުން ނުބޭއްވުމަށް އިދިކޮޅު ލީޑަރުންނަށް އިންޒާރެއް!

އެއްވުން ނުބޭއްވުމަށް އިދިކޮޅު ލީޑަރުންނަށް ފުލުހުން އިންޒާރު ދީފި

23 ޖުލައި 2017

ރައްޔިތުންގެ މަޖިލިސް މިނިވަން ކުރާ ގޮވާލައި މާދަމާ ބާއްވަން އުޅޭ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއްގެ ގޮތުގައި ސިފަކޮށް، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ފުލުހުން މިއަދު އިންޒާރު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލިސް މިނިވަން ކުރާ ގޮވާލައި މާދަމާ ބާއްވަން އުޅޭ އެއްވުމަކީ ޣައިރު ގާނޫނީ އެއްވުމެއްގެ ގޮތުގައި ސިފަކޮށް، އިދިކޮޅު ސިޔާސީ ލީޑަރުންނަށް ފުލުހުން މިއަދު އިންޒާރު ދީފި އެވެ.

ޝަހީދު ހުސެއިން އާދަމް ބިލްޑިންގަށް ނޫސްވެރިން ގެންގޮސް، ސުވާލުކުރަން ފުރުސަތު ނުދީ، ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން އިއްވެވި ބަޔާނުގައި ވިދާޅުވީ އަތޮޅުތަކުން މީހުން މާލެ ގެނެސް މަޖިލިހުގެ އިދާރާ ކައިރީގައި އެއްވުމެއް ބާއްވަން އިިދިކޮޅު ސިޔާސީ ފަރާތްތަކުން ރާވައި، އެކަން ތަކުރާރުކޮށް އިއުލާންކޮށްފައިވާއިރު، އެއީ އެއްވުން މަނާ ސަރަހައްދެއް ކަމަށެވެ. ހޮސްޕިޓަލްތަކާއި ސްކޫލްތައް އަދި އެ ނޫން ވެސް އާއްމުންގެ ގިނަ ޚިދުމަތްތަކެއް ހޯދާ ސަރަހައްދަކަށް އެއްނުވެވޭނެ ކަމަށާއި އެކަން ކޮށްފި ނަމަ އިދިކޮޅު ލީޑަރުން އޭގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ގުޅިފައިވާ ޕާޓީތަކުން ބާއްވާ ހަރަކާތްތަކަކީ އެ ޕާޓީތަކުގެ އިސްވެރިންގެ ވިސްނުމާ އެއްގޮތަށް ބާއްވާ ހަރަކާތްތަކެއް ކަން މީގެ ކުރިން ތަކުރާރުކޮށް އެތަކެއް ފަހަރު މީޑިއާގެ އެކި ވަސީލަތްތައް މެދުވެރިކޮށް ވަނީ އާއްމުކޮށްފައި. އެހެންވެ ގުޅިފައިވާ ޕާޓީތަކުން ބާއްވާ އެއްވުމަކީ އެ ލީޑަރުން ޒިންމާވާގޮތަށް ބާއްވާ އެއްވުމެއް ކަަމަށް މައުލޫމާތު ލިބިފައިވުމާ އެކު ގާނޫނާ ޚިލާފަށް ބާއްވާ މިފަދަ އެއްވުމެއްގެ ޒިންމާ އެ ފަރާތްތަކުން އުފުލަން ޖެހޭނެ ވާހަކަ ދަންނަވަން،" ޝިފާން ވިދާޅުވި އެވެ.

ލީޑަރުންގެ ނަން ވިދާޅުނުވި ނަމަވެސް ފުލުހުން އިޝާރާތްކުރެއްވީ އިދިކޮޅުގެ ހަރަކާތްތަކުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ކަމަށް ބެލެވެ އެވެ.

ފުލުހުން ތުހުމަތު ކުރެއްވި ގޮތުގައި މާދަމާގެ އެއްވުމަކީ އިދިކޮޅު ސިޔާސީ ލީޑަރުން ސިޔާސީ އަމިއްލަ މަންފާތަކެއް ހާސިލްކުރަން ބާއްވާ އެއްވުމެކެވެ. އެ އެއްވުމަށް ފުލުހުން ފުރުސަތު ނުދޭނެ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.

މީގެ އިތުރުން އެއްވެ އުޅުމުގެ ގަވާއިދާއި ހެދިފައިވާ ގަވާއިދުތަކާއި އުސޫލްތަކުގެ ތެރެއިން އެއްވެސް ބޭއްވުމަށާއި ގާނޫނާޚިލާފަށް ކުރާ ކަންކަމުގައި އެއްވެސް ރައްޔިތަކު ބައިވެރިނުވުމަށް ވެސް ފުލުހުން ގޮވާލި އެވެ.