22 މެއި 2022
ސުލްހަވެރި އެއްވުންތައް ކަމުނުދަނީ ކީއްވެ ހެއްޔެވެ؟ އެފަދަ އެއްވުންތައް ނުބޭއްވެންވީ ކީއްވެ ހެއްޔެވެ؟ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެކަހަލަ އެއްވުންތައް ރޫޅާލަން ޖެހެނީ ކީއްވެހެއްޔެވެ؟ މިއީ ކޮށްގެން ވާނެ ކަންތައްތަކެއް ނޫނެވެ.
ސުލްހަވެރި އެއްވުންތައް ކަމުނުދަނީ ކީއްވެ ހެއްޔެވެ؟ އެފަދަ އެއްވުންތައް ނުބޭއްވެންވީ ކީއްވެ ހެއްޔެވެ؟ ކޮންމެވެސް ބަހަނާއެއް ދައްކައިގެން އެކަހަލަ އެއްވުންތައް ރޫޅާލަން ޖެހެނީ ކީއްވެހެއްޔެވެ؟ މިއީ ކޮށްގެން ވާނެ ކަންތައްތަކެއް ނޫނެވެ.
މިއީ މިހާރު ޕީޕީއެމްގެ ކޮންމެ މީހަކު ވެސް ދައްކާ ވާހަކަ އެވެ. އެކަމަކު ވެރިކަމުގައި އެ މީހުން ތިބިއިރު، އެއީ މިހާރު ވެރިކަމުގައި ތިބި އޭރުގެ އިދިކޮޅު މީހުން ދެއްކި ވާހަކަ އެވެ. އެއްވުން ބޭއްވުން އެއީ، ވެރިކަމަށް އައުމަށް ފަހު ކޮންމެހެން ވެސް މަނާކުރަން ޖެހޭ ކަމެކޭ ހީވާ ކަހަލަ އެވެ.
އެއްވެސް ބައެއްގެ ހުއްދައެއް ނެތި ބޭނުން ތަނެއްގައި އެއްވެވެން ޖެހޭނެ ކަމަށް، ވެރިކަން ލިބުމުގެ ކުރިން އެމްޑީޕީން ވެސް ގަބޫލުކުރި އެވެ. އެތަން މިތަނުގައި މުޒާހަރާކުރަމުން ދަނިކޮށް އޭރު ވެރިކަމުގައި ހުންނެވި އަބްދުﷲ ޔާމީން، އެއްވުން ހަނިކުރުމުން އެންމެ ބޮޑަށް ރުޅިގަދަވި ބަޔަކީ ވެސް ހަމަ އެ ޕާޓީ އެވެ. ޔާމީން ގާނޫނަށް ގެނައި އިސްލާހު އުވާލައި ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅުކުރުމުގެ ހައްގުދޭނެ ކަމުގެ ޔަގީންކަން އޭރު އެ ޕާޓީން ރައްޔިތުންނަށް ދިންކަމުގައި ވިޔަސް ވެރިކަމަށް ހަތަރު އަހަރުވީއިރު ފެންނަނީ ހަމަ އެއް މަންޒަރެކެވެ. ޔާމީނެކޭ އެއްގޮތަށް އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމަށް، އެކި ސިފަސިފައިގައި، އަދި އެކި ހުއްޖަތްތައް ދެއްކުމަށް ފަހު ހުރަސް އަޅަމުންދާ ތަނެވެ.
އެއްވެ އުޅުން ހަނިކޮށްފައި ބާއްވަން ދައްކާނެ ވަރަށް ގިނަ ބަހަނާތައް މި ސަރުކާރުން ވެސް ހޯދައިފި އެވެ. އެންމެ ފުރަތަމަ ކަމަކަށް ކުރަން ރައްޔިތުންނަށް ވައުދުވީ، ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި އޮތް އެއްވެ އުޅުމުގެ ހައްގަށް އަޅާފައިވާ ހުރަސް ނައްތާލަން މިހާރު ގޮންޖެހުންތަކެއް އެބަހުރި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި ހޯމް މިނިސްޓްރީ އާއި ފުލުހުންގެ އިސްވެރިން ވެސް ވިދާޅުވެއްޖެ އެވެ. މާނައަކީ ހައްގުތައް ނިގުޅައިގަންނަނީ ކަމަށް ދެއްކި އެންމެ ވަރުގަދަ އެއް ހަތިޔާރުގެ ބޭނުން މި ސަރުކާރަށް ވެސް ޖެހުނީ އެވެ.
ފަހަތުގައި އޮތީ ސިޔާސީ ފައިދާއޭ ބުނެވޭނެ ޖާގަ، އިދިކޮޅުން މިކުރާ އިންޑިއާ އައުޓް މުޒާރަހާ ހުއްޓުވަން އުޅޭ ގޮތުން ސާފުކޮށް އެބަ ފެނެ އެވެ.
އެއްވެސް ފަރާތެއްގެ ހުއްދަ ހޯދުމަކާ ނުލައި ސުލްހަވެރިކަމާ އެކު ކޮންމެ މީހަކަށް ވެސް އެއްވެ އުޅުމުގެ ހައްގު ލިބިގެންވާ ކަމަށް ގާނޫނުއަސާސީގައި ލިޔެފައިވަނިކޮށް ޔާމީންގެ ވެރިކަމުގައި، އޮގަސްޓް 17، 2016 ގައި މަޖިލީހުން ފާސްކުރީ ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދު ބުރެއް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށެވެ. އެ އިސްލާހު ތަސްދީގުކުރުމުން އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަމަށް ހޯމް މިނިސްޓްރީން އިއުލާންކުރި އެވެ.
ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ސިލްސިލާ މުޒާހަރާކުރަން ފެށުމުން އެކަން ހުއްޓުމަށް ޔާމީންގެ ވެރިކަމުގައި ގެނައި އެ އިސްލާހަށް އަމަލުކުރަން ނުޖެހޭ ކަމަށް އެމްޑީޕީން ގަބޫލުކުރި އެވެ. އިސްލާހާ އެކު ކުރިމަތިވި ފިއްތުންތަކާ އެކު ވެސް އެމްޑީޕީން އެއްވުންތަކާއި މުޒާހަރާތައް ކުރަމުންދިޔަ އެވެ.
2018 ގައި އެމްޑީޕީ ހަރުގެ ކައިރީގައި ކުރިއަށް ގެންދިޔަ އެއްވުމެއްގައި އޭރުގެ އިދިކޮޅު ސަޕޯޓަރުން ބައިވެރިވަމުންދާއިރު، ފުލުހުން ހަރަކާތްތެރިވަނީ.-- ފޮޓޯ: ނިޝާން އަލީ /މިހާރު
ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އެއްވެ އުޅުމުގެ ހައްގު ހަނިކޮށް ގާނޫނަށް ގެނައި އެ އިސްލާހު އުވާލުމަކީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އޭރުގެ އިދިކޮޅު ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެކަމަކު އެމްޑީޕީގެ ސުޕަ މެޖޯރިޓީ މަޖިލީހަށް އެ އިސްލާހު ބާތިލުކުރުމަށް ހުށަހެޅުމުން ވެސް ފާހެއް ނުވެ އެވެ. އެގޮތަށް ނިންމުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް ސަރުކާރަށް އަމާޒުވި އެވެ.
އެކަމަކު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ހުންނެވިއިރު ރައީސް ވެސް ވިދާޅުވެފައި ވަނީ އެއީ އަމަލުކުރަން ޖެހޭ ގާނޫނެއް ނޫން ކަމަށެވެ. އެމަނިކުފާނު ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއީ ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ އަސާސީ ހައްގުތަކެއް ނިގުޅައިގަތުމުގެ ސިލްސިލާ އަށް އިތުރުވި ކަމެކެވެ.
ގައުމުގައި ކުއްލި ހާލަތު އިއުލާންކުރިއަސް ގާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ދީފައިވާ ހިޔާލުފާޅުކުރުމާއި 28 ވަނަ މާއްދާގައިވާ ނޫސްވެރިކަމުގެ މިނިވަންކަމަކީ ނުހިފެހެއްޓޭނެ ހައްގެއްކަމަށް ވިދާޅުވެ ހައްގުތަކުގެ ދިފާއުގައި ރައީސް ވާހަކަފުޅު ދެއްކެވި ނަމަވެސް އެމަނިކުފާނުގެ އަތްޕުޅުގައި އެ ހުރިހާ ބާރެއް އޮވެމެ ހައްގު ހޯދައި ނުދެވުމަކީ މިހާރު އިދިކޮޅުން ފާޑުކިޔާ އެންމެ ބޮޑު އެއްކަމެވެ.
ކުރިން މަޖިލީހުގެ ކޮމިޓީއެއްގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެފައި ވަނީ ޔާމީންގެ ސަރުކާރު ގައި ގެނައި އިސްލާހު އެއްކޮށް އުވާލައިފި ނަމަ މުޅި ނިޒާމަށް ބުރޫއަރާފާނެ ފަދަ އެތައް ކަމެއް ކުރިމަތިވެދާނެތީ އެދިވަޑައިގަންނަވަނީ އިސްލާހު އުވާ ނުލައި ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.
އެކަމާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައި ވަނީ އެ އިސްލާހުގައު އެއްވެވޭނީ ކާނިވާ ސަރަހައްދުގައި އެކަނި ކަަމަށް އޮތަސް އެއަށް ވުރެން ފުޅާކޮށް ފުރުސަތު ފަހިކޮށްދެމުން އަންނަ ކަމަށެވެ.
އެމްޑީޕީ އިދިކޮޅުގައި އޮއްވާ ކުރި މުޒާހަރާއަކަށް ހުރަސް އަޅައި، އެއްވުން ރޫޅާލަނީ-- މިހާރު ފައިލް ފޮޓޯ
ވެރިކަމުގެ ފުރަތަމަ އަހަރުގައި ހަމީދު އެގޮތަށް ވިދާޅުވި ނަމަވެސް މިހާރު އެ މަންޒަރެއް ނުފެނެ އެވެ. ޕީޕީއެމުން މުޒާހަރާކުރުމަށް ރާވާލާ އިރަށް ގޮސް އޮފީސް ދޮށް ބަންދުކޮށް އެ ސަރަހައްދަށް އެހެން ބަޔަކަށް ނުދެވޭ ވަރުކުރެ އެވެ. އާންމުންނާއި ފުލުހުންގެ ކުރިމަތިލުންތައް ހިނގައި އެތައް ބަޔަކަށް އަނިޔާވެ އެވެ.
އެކަމަކު އޭގައި ފުލުހުންނަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. ހުއްދަ ނުނަގައި މުޒާހަރާކުރާ ނަމަ އެ ހުއްޓުވުމުގެ ބާރު ގާނޫނުން ފުލުހުންނަށް ލިބިދޭއިރު އެ ބަަދަލުކުރުމުގެ ބާރު އޮތީ އޭރު ހައްގަށް ވަކާލާތުކުރި މީހުންގެ އަތުގަ އެވެ.
We are deeply concerned by reports and visuals of crackdown on peaceful protestors and journalists in the Maldives and a recent decree restricting the right to protest in the country in the pretext of containing threats to national security posed by the "India Out" campaign. 1/2 https://t.co/Zoo9KeuIew
— Amnesty International South Asia (@amnestysasia) May 20, 2022
އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ދަނީ ސިލްސިލާ އެއްވުންތަކެއް މާލޭގައި ބާއްވަމުންނެވެ. އާރާއި ބާރު އޮތް ދުވަހު ގާނޫނު އިސްލާހުކޮށް އެއްވުން ހަނިކުރުމުގެ ހިތި ނަތީޖާ އެންމެ ރަނގަޅަށް އަރުގައި ލާފައި ވާނީ އެ ޕާޓީގެ އެވެ. މިއަދު އެ ޕާޓީން ވެސް ގަބޫލުކުރަނީ ބޭނުން ކޮންމެއިރަކު ކޮންމެ ތަނެއްގައި ވެސް އެއްވެވިދާނެ ކަމަށެވެ.
އެ ޕާޓީގެ ރާގު ވެސް ބަދަލުވީ އެވެ. އިދިކޮޅުގައި އޮންނައިރު ހިޔާލުފާޅުކުރުމުގެ މިނިވަންކަމާ އެކު ސުލްހަވެރި އެއްވުންތައް ބޭއްވެން ޖެހޭ ކަމަށް މާބޮޑަށް ވެސް ގަބޫލުކުރެވެނީ އެވެ. ޕެޕަ ސްޕްރޭ ޖަހައި އެއްވުންތައް ރޫޅާލުމަކީ ގަބޫލުކުރަން ދަތި ކަމަކަށްވީ އެވެ.
އިދިކޮޅު ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު އާދަމް ޝަރީފް، "މިހާރު" އަށް ވިދާޅުވީ މި ސަރުކާރުން މަސައްކަތްކުރަމުން ދަނީ ބަސް އިއްވޭނެ މަގު ބަންދުކުރުމަށް ކަމަށާއި އެއީ ޑިމޮކްރަސީ އާއި ރާއްޖޭގެ ގާނޫނުއަސާސީއާ ވެސް ހިލާފުކަމެއް ކަމަށެވެ.
މިވެރިކަމުގައި ޕީޕީއެމް/ ޕީއެންސީން މާލޭގައި ބޭއްވި އިހުތިޖާޖެއް.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި ރައްޔިތުންގެ އަޑު ކަނޑުވާލުމަށް މަސައްކަތްކުރަނީ ރައްޔިތުންގެ ތާއީދު ނެތްކަމާއި ސަރުކާރު ވެސް ވެއްޓިދާނެ ކަމުގެ ބިރު އޮތުމުންނެވެ. އެކަމަކު ވާދަވެރި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ޕީޕީއެމް/ ޕީއެންސީ މަސައްކަތްކުރަނީ ސަރުކާރު ވައްޓާލުމަށް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ހިޔާލުފާޅުކުރުމާއި އެއްވެ އުޅުން ގާނޫނުއަސާސީން ލިބިދީފައިވާ މުހިއްމު ދެ ކަންތައް މިއީ. މިކަންތައް ހުއްޓުވަނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ކުރިމަތީގައި ސަރުކާރަށް އޮންނަ ތާއީދު ކުޑަވުމުން. ނޫނީ ސަރުކާރު ވެއްޓިދާނެ ކަމަށް އިހުސާސްކުރެވެނީ ކަންނޭނގެ. އެކަމަކު އަޅުގަނޑުމެން މިކުރަނީ އެކަހަލަ މަސައްކަތެއް ނޫން. ބޭނުމަކީ ރައްޔިތުންގެ ކަންބޮޑުވުންތައް ސަރުކާރަށް އިއްވުން،" ހުއްޓާ ނުލައި އެއްވުންތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެ އާދަމް ޝަރީފް ވިދާޅުވި އެވެ.
ޕީޕީއެމްގެ މުޒާހަރާތަކަށް ހުރަސް އަޅަނީ ކަމަށް ބުނާއިރު އެއްވުން ހަނިކުރީ ޕީޕީއެމްގެ ވެރިކަމެއްގައި ނޫންތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ މި ސަރުކާރަކީ އެ އިސްލާހު އުވާލާނެ ކަމަށް ބުނެ ވެރިކަމަށް އައި ސަރުކާރެއް ކަމަށެވެ.
އިންޑިއާ އައުޓް ނަމުގައި ޕީޕީއެމް/ ޕީއެންސީން ކުރިއަށް ގެންދާ ހަރަކާތަށް ފުލުހުން ހުރަސް އަޅާފައި-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
"މި ސަރުކާރު އައީ އެ ގާނޫނު ވެސް އުވާލާނަމޭ ކިޔާފައި. އެހެންވީމަ އަޅުގަނޑުމެން ގަބޫލުކުރަނީ އެ ބޭފުޅުންގެ ވައުދަކަށްވާއިރު އަދި މި ސަރުކާރު އައީ އެ މިނިވަންކަން ހޯދައިދޭނެ ކަމަށް ބުނެކަމަށްވާތީ އެ ހައްގު އެބަ އޮތް ކަމަށް އަޅުގަނޑުމެންނަށް."
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މަގުތަކަށް ނިކުންނަނީ ކުދިކުދި މައްސަލަތަކާ ގުޅިގެންނެއް ނޫނެވެ. މުޒާހަރާތައް ކުރަނީ ގައުމުގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާއުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ހުއްދައަކާ ނުލައި އެއްވެވެން އޮތް ކާނިވާ ސަރަހައްދަށް ދިއުމަށް ވެސް ހުރަސް އަޅާ ކަމަށެވެ.
"މިހާރު ކާނިވާ ސަރަހައްދަށް ދާން އުޅުނަސް ހުރަސް އަޅަންޏާ ކިހިނެއްތޯ އެކަންކުރާނީ. ކުރިން ދުވަހު ވެސް ކާނިވާ ސަރަހައްދަށް މުޒާހަރާކުރަންދާން އުޅުނީމަ ހުރަސް އެޅީ. އެހެންވީމަ އެ ހައްގު ވެސް އެ މީހުން ނިގުޅައިގަންނަމުން އެދަނީ،" އާދަމް ޝަރީފް ކަންބޮޑުވުންތައް ބަންޑުންކޮށްލި އެވެ.
ޔާމީންގެ ވެރިކަމުގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރި މުޒާހަރާއަކަށް ފުލުހުން ހުރަސް އަޅާފައި--. މިހާރު ފައިލް ފޮޓޯ
ވައުދުވި ގޮތަށް މި ސަރުކާރަށް ގާނޫނު އުވާނުލެވިގެން އުޅެނީ މި ސަރުކާރަކީ ހުދުމުހުތާރު ވެރިކަމެއް ކުރާ ބަޔަކަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން އެތަން ވެސް ހިސޯރުކޮށްފައިވާ ކަމަށާއި މީޑިއާތަކަށް ނުފޫޒު ފޯރުވައި، ސަރުކާރަށް ސަނާ ކިޔައި ގޮތަށް ނޫން ގޮތަށް އަޑެއް އަރަން ސަރުކާރުން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވެސް ފާހަގަކުރެއްވީ މައިގަނޑު ގޮތެއްގައި ކުރިން އިދިކޮޅުގައި އޮވެ އެމްޑީޕީން ދެއްކި ވާހަކަތަކެވެ. ރައްޔިތުންގެ އަޑު ކަނޑުވާލުމަށް ސަރުކާރުން ތުހުމަތުކުރާ ކަމަށް އޭނާ ވިދާޅުވިއިރު ވެރިކަން ލިބެންދެން އެއްވެ އުޅުމުގެ ހައްގު ކޮންމެ ޕާޓީއަކުން ވެސް ދިފާއުކުރެ އެވެ. އެކަމަކު ވެރިކަން ލިބުމާ އެކު އެއްވުންތައް ރޫޅާލައި ދަތިކުރުމުގެ ފިޔަވަޅުތައް ކިތަންމެ ވަރަކަށް އެޅިޔަސް އެކަމާ ދެކޮޅަށް މަސައްކަތެއް ކުރާ ތަނެއް ނުފެނެ އެވެ.
ގާނޫނާ ހިލާފަށް އެއްވާކަށް ފުރުސަތެއް ނުދޭނަން: ޕޮލިސް
ޕީޕީއެމަށް މާލޭގައި ކޮންމެ ކަމެއް "ރާސްޓަސް"!
އެއްވުން ނުބޭއްވުމަށް އިދިކޮޅު ލީޑަރުންނަށް އިންޒާރެއް!
ގާނޫނަށް ބުރޫ އަރާ ކަމެއް ނުކުރަން އިންޒާރު ދީފި
މުޒާހަރާތެރެއަށް ވަދެގަތް މީހާގެ ސައިކަލް ޓޯ ކޮށްފި
އިދިކޮޅުގެ މުޒާހަރާ ރޫޅާލައި، މީހުން ހައްޔަރު
އެއްވެ އުޅުމުގެ ހައްގު ހަނި ނުކުރަން ގޮވާލައިފި
އިންޑިއާ އައުޓް ބޮޑު ހަރަކާތް ނުބޭއްވޭނެކަން އަންގައިފި
ޕޮލިހަށް ގެންދިޔަ 12 މީހުން ޖޫރިމަނާކޮށް ދޫކޮށްލައިފި
މަގުތަކުގައި އެއްނުވެ ހިޔާލުފާޅު ކުރޭ: ފައިރޫޝް