Roadha Mihaaru
ފައިނަލުގައި ފެޑެރާއާ ދެކޮޅަށް ސިލިޗް

ފައިނަލުގައި ފެޑެރާއާ ދެކޮޅަށް ސިލިޗް

15 ޖުލައި 2017

ލަންޑަން (ޖުލައި 15) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިއާ ރޮޖާ ފެޑެރާ އާއި މަރިން ސިލިޗް ވާދަކުރަން ޖެހިއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޖުލައި 15) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިއާ ރޮޖާ ފެޑެރާ އާއި މަރިން ސިލިޗް ވާދަކުރަން ޖެހިއްޖެ އެވެ.

މުބާރާތުގައި ވާދަކުރާ އެންމެ ނަން މަޝްހޫރު ކުޅުންތެރިން ކަޓާފައިވުމުން ފެޑެރާ މި މުބާރާތުގެ ފޭވަރިޓަކަށް ވަނީ ވެފަ އެވެ. މުބާރާތުގެ ކުއާޓާ ފައިނަލުން ސާބިއާގެ ނޮވަކް ޖޮކޮވިޗާއި އެންޑީ މަރޭ ކެޓިއިރު، ފްރެންޗް އޯޕަން ޗެމްޕިއަން ސްޕެއިނުގެ ރަފައެލް ނަޑާލް ކެޓީ ހަތަރު ވަނަ ބުރުންނެވެ.

ފެޑެރާ މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ 11 ވަނަ އަށް ސީޑްކޮށްފައިވާ ތޯމަސް ބާޑިޗް ބަލިކުރުމަށް ފަހު އެވެ. މި މެޗުގެ ސެޓުތައް ދިޔައީ 7-6 (7-4) 7-6 (7-4) 6-4 އިންނެވެ. މިއީ ފެޑެރާ ވިމްބަލްޑަން ފައިނަލުގައި ކުޅޭނެ 11 ވަނަ ފަހަރެވެ.

އުމުރުން 35 އަހަރުގެ ފެޑެރާ ވަނީ ހަތް ފަަހަރު ވިމްބަލްޑަން މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އެންމެ ފަހުން އޭނާ މި މުބާރާތުގެ ތަށި އުފުލައިލީ 2012 ވަނަ އަހަރު އެވެ.

ސިލިޗް ފައިނަލުން ޖާގަ ހޯދީ ސެމީގައި އެމެރިކާގެ ސޭމް ކުއޭރޭގެ މައްޗަށް ކުރިހޯދައިގެންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 6-7 (6-8) 6-4 7-6 (7-3) 7-5 އިންނެވެ. މިއީ 2014 ވަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބު ކުރި ފަހުން ސިލިޗް ގްރޭންޑް ސްލޭމް މުބާރާތެއްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ސިލިޗަކީ 2001 ވަނަ އަހަރު ގޯރަން އިވަނިސެވިޗަށް ފަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ކްރޮއޭޝިއާގެ ކުޅުންތެރިއާ އެވެ.

މި އަހަރުގެ އޮސްޓްރޭލިއަން އޯޕަން އަކީ ފެޑެރާ ކާމިޔާބުކުރި 18 ވަނަ ގްރޭންޑް ސްލޭމް މުބާރާތެވެ. އަދި މާދަމާ ކުޅޭ ފައިނަލުން މޮޅުވެއްޖެނަމަ މިއީ އޭނާގެ ކެރިއަރުގައި ލިބޭ ބޮޑު ކާމިޔާބަކަށް ވާނެ އެވެ.