Roadha Mihaaru
ޕީޕީއެމްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދޭން ގޮވާލައިފި

"އަޅުންނަށް"ވުމުގެ ކުރިން ޕީޕީއެމްގެ ހުރިހާ މެމްބަރުން އިސްތިއުފާ ދޭން ގޮވާލައިފި

10 ޖުލައި 2017

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުން ޕާޓީން އިސްތިއުފާ ދެއްވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ގޮވާލައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހަށް ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްގެ މެމްބަރުން ޕާޓީން އިސްތިއުފާ ދެއްވަން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް މިއަދު ގޮވާލައްވައިފި އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި މަހްލޫފް ކުރެއްވި ޓުވީޓެއްގައި އެދިވަޑައިގަތީ "އަޅެއްގެ ގޮތަށް މަސައްކަތް ކުރަން މަޖުބޫރު ކުރުވާ ހުކުމެއް ކުރުމުގެ ކުރިން، އިސްލާހަށް އެދޭ ޕީޕީއެމްގެ މަޖިލިސް މެމްބަރުން ޕާޓީން ވަކިވުމަށެ"ވެ.

މަހްލޫފް އެ އިޝާރާތް ކުރެއްވީ، ޕާޓީން އެހެން ޕާޓީއަކަށް ބަދަލުވިޔަސް، ޕާޓީން ވަކިވިޔަސް، ވަކި ކުރިޔަސް އަދި އެހެން ޕާޓީއަކާ ގުޅުނަސް އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ސަރުކާރުން ސުޕްރީމް ކޯޓުން ބަލަމުން އަންނަ ދުސްތޫރީ މައްސަލަ އަށެވެ. އެ މައްސަލާގައި މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހުކުމް އިއްވައިފާނެ ކަމުގެ ބިރަށްޓަކައި ޕީޕީއެމްގެ ބައެއް މެމްބަރުން މިއަދު ވަނީ ޕާޓީން ވަކިވެވަޑައިގެންފަ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާން އާއި ވިލިގިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހަންމާ) އާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ހިމެނިވަޑައިގަންނަވަ އެވެ. މީގެއިތުރުން ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ވެސް ވަނީ ޕީޕީއެމުން ވަކިވެވަޑައިގެންފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ވަކިކުރަން 45 މެމްބަރުންގެ ސޮޔާ އެކު މަޖިލީހަށް ހުށަހެޅި މައްސަލާގައި ސަރުކާރަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އެ މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއިކުރެއްވި އެވެ.