Roadha Mihaaru
އަޅުގަނޑުގެ އަމިއްލަ މަސްލަހަތެއް ނެތް: އަބްދުﷲ

އަމިއްލަ މަސްލަހަތެއް ނެތް، ރިޝްވަތެއް ނުނަގާނަން: މެމްބަރު އަބްދުﷲ

11 ޖުލައި 2017

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ އަމިއްލަ މަސްލަހަތެއް އޮވެގެން ނޫން ކަމަށާއި ރިޝްވަތެއްގައި ނުހިއްޕަވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ސޮއިކުރެއްވީ އަމިއްލަ މަސްލަހަތެއް އޮވެގެން ނޫން ކަމަށާއި ރިޝްވަތެއްގައި ނުހިއްޕަވާނެ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭން ބޭރުގައި ހުންނަވައި "މިހާރު" އާ ވާހަކަ ދައްކަވަމުން އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ދުސްތޫރީ ނިޒާމު ފުނޑުފުނޑުވިޔަ ނުދިނުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްގެ މަސްއޫލިއްޔަތުތައް މަސީހް އަދާ ނުކުރައްވާ ކަމަށާއި މަސީހަކީ ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަބްދުﷲ ވަނީ މަސީހްގެ އިތުބާރު ނެތް ކަމަށް އޭނާ ވިދާޅުވާ ދެ ސަބަބެއް ހާމަ ކުރެއްވި އެވެ. އެގޮތުން ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގެންނަން އުޅުނު އިސްލާހާއި މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒްގެ ގާނޫނާ ޚިލާފަށް މެމްބަރުން ހައްޔަރު ކުރާ މައްސަލައިގައި އަބްދުﷲ ވަނީ މަސީހަށް ފާޑު ވިދާޅުވެފަ އެވެ.

އަބްދުﷲ ވިދާޅުވި ގޮތުގައި ޖިނާއީ އިޖުރާއާތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ފޮނުވި އިރު، 17 ސޮފްހާ އޮވެފައި، މަޖިލީހަށް ހުށަހެޅި އިރު 97 ސަފްހާ އަށް ވަނީ އިތުރުވެފަ އެވެ. މިއީ ދުސްތޫރީ ނިޒާމު ހަލާކު ކޮށްލަން ކުރި ކަމެއް ކަމަށާއި މިކަމުގެ ޒިންމާ މަސީހް އުފުއްލަވަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ މަސީހްގެ އިތުބާރު ގެއްލުނު ކަމެއް، ރިއާސަތުން އެފަދަ ކަމެއް ކުރައްވާނެ ކަމަށް ގަބޫލެއް ނުކުރަން،" ކުރިން ޕީޕީއެމް މެމްބަރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ވިދާޅުވި އެވެ.

އިމްތިޔާޒްގެ ގާނޫނުގައި ގިނަ ހައްގުތަކެއް މަޖިލީހުގެ މެމްބަރުންނަށް ލިބިވަޑައިގަންނަވާ އިރު، ބައެއް މެމްބަރުން ހައްޔަރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެ މައްސަލާގައި ވެސް މަސީހް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅުނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރު ކުރީ ރަނގަޅަށް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓު.

"މެމްބަރުން ހައްޔަރު ކުރެވޭނީ ކުށުގެ ވެށިން. ގާސިމް ހައްޔަރު ކުރީ ގާނޫނާ އެއްގޮތަކަށް ނޫން، އެ ހިސާބުން މަސީހް މަސްއޫލިއްޔަތު އަދާކުރައްވާ ތަނެއް ނުފެނުނު، އިމްތިޔާޒް ކޮމެޓީ އަށް ވެސް މައްސަލަ ނުފޮނުވާ، އެހެންވީމަ މަޖިލީހުގެ އިދާރީ ނިޒާމު ހަލާކުކޮށްލަން ކިހިނެއްތޯ ފުރުސަތު ދޭނީ؟" އަބްދުﷲ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާގައި މަސައްކަތް ކުރައްވާ 90 ޕަސަންޓު މުވައްޒަފުން މަސީހްގެ އަމަލުތަކާއި އުސޫލުތަކާ ދޭތެރޭގައި ހިތްހަމައެއް ނުޖެހެ އެވެ.

މެމްބަރު އަބްދުﷲ ކުރެއްވި ޓުވީޓު.

"މަޖިލީހުގެ އިދާރާގެ ގޯތި ތެރޭގައި އިންދާފައި ހުންނަ ގަހެއް ކޮށާލުމުގެ ކުރިން އެ ގަސް އިންނަ ގޮތް ކުރަހާފައި ދައްކަން އެބަޖެހޭ މަސީހަށް. ކޮށައި ނިމުނީމަ ގަސް ހުންނަ ގޮތް ވެސް ދައްކަން ޖެހޭ، މިއީ މިކަން ކަން ހިނގާ ގޮތުގެ ކުޑަ މިސާލެއް،" އަބްދުﷲ ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުންގެ ކަންބޮޑުވުންތައް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރުންނާ ހިއްސާ ކުރައްވާފައިވާނެ ކަމަށާއި މިހާތަނަށް އައި އިރު، އެކަމަށް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މަސީހާ ދެކޮޅަށް ނުކުންނެވީ އެއްވެސް އަމިއްލަ މަސްލަހަތެއް އޮވެގެން ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ އެއްވެސް މަސްލަހަތެއް ނެތް. އަމިއްލަ ވިޔަފާރިއެއް ގެންގުޅޭ މީހެއް ނޫން މިއީ. އެހެންވީމަ ކޮން އަމިއްލަ މަސްލަހަތެއްތޯ އޮންނާނީ؟" އަބްދުﷲ ވިދާޅުވި އެވެ.