ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ވިދާޅުވެ އޭނާގެ ދެ ވަކީލުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލާގައި، އެ މައުލޫމާތު ދިން ފަރާތެއް ހާމަ ނުކުރުމުން ވަކީލުންގެ ފޯނު ހިފަހައްޓައި ޖިނާއި ތަހުގީގެއް ފަށައިފި އެވެ.
08 ޖުލައި 2017
ތިން ކުށެއް ސާބިތުވެ 33 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޖަލުގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ވިދާޅުވެ އޭނާގެ ދެ ވަކީލުން ފުލުސް އޮފީހަށް ހުށަހެޅި މައްސަލާގައި، އެ މައުލޫމާތު ދިން ފަރާތެއް ހާމަ ނުކުރުމުން ވަކީލުންގެ ފޯނު ހިފަހައްޓައި ޖިނާއި ތަހުގީގެއް ފަށައިފި އެވެ.
އަދީބުގެ ވަކީލުން ކަމަށްވާ މޫސާ ސިރާޖާއި މަހްފޫޒު ސައީދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން މިރޭ ހިފެހެއްޓީ ދެ ބޭފުޅުން ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހުގަ އެވެ. ކްރިމިނަލް ކޯޓުގެ ގާޒީ އަހްމަދު ރަޝީދު ސޮއިކުރައްވައި ނެރުއްވާފައި އަމުރުގައިވާ ގޮތުން، ފޯނު ހިފަހައްޓަނީ މީހަކު މަރާލުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ މައްސަލަ ހުށަހެޅުމަށް ފަހު އެ މައުލޫމާތު ދިން ފަރާތެއް ހާމަކުރަން ބޭނުން ނުވާ ކަމަށް ބުނާތީ، މައްސަލަޔާ ގުޅުން ހުރި މައުލޫމާތު ފޯނުގައި ރައްކާކޮށްފައި ހުރި ކަމަށް ބެލެވޭތީ އެވެ. މި މައްސަލާގައި ގާނޫނުލް އުގޫބާތުގެ ދަށުން، ބިރު ދެއްކުމާއި ދޮގު ޚަބަރު ދިނުމުގެ ކުށް އަދި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅި ކަމަށް ވަކީލުންގެ މައްޗަށް ވަނީ ތުހުމަތުކޮށްފަ އެވެ.
"އަޅުގަނޑުމެންނަށް [އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް] މައުލޫމާތުތަކެއް ލިބިގެން ފުލުސް އޮފީހަށް ހުށަހެޅީ އެ މައްސަލަ ތަހުގީގުކޮށްދޭން. އެ މައްސަލަ ތަހުގީގު ކުރުމެއް ނެތި އަޅުގަނޑުމެންގެ މައްޗަށް ފުލުހުން މި ތުހުމަތު ކުރަނީ ދޮގު މައުލޫމާތު ފެތުރި ކަމަށް،" މަހްފޫޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ އެމަނިކުފާނަށް ވަފާތެރި ފުލުހުންތަކެއްގެ ފަރާތުންނެވެ. ޖިނާއީ ތަހުގީގެއް ފެށީ، އެ ފުލުހުންގެ މައުލޫމާތު ހާމަނުކުރުމުން ކަމަށް ވެެސް ރާއްޖެ ޓީވީއާ ވާހަކަ ދައްކަމުން މަހްފޫޒު ވިދާޅުވި އެވެ.
އަދީބު އަވަހާރަކޮށްލަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނިކޮށް، އެމަނިކުފާނަކީ 15 ފަހަރު އަވަހާރަކޮށްލަން ޖެހޭ ބޭފުޅެއް ކަމަށް ވިދާޅުވާ އޯޑިއޯއެއް ސޯޝަލް މީޑިއާގައި ލީކުވެގެން އުޅޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް މަހްފޫޒް ވިދާޅުވި އެވެ.
ވަކީލުންގެ ފޯނާއި އޭގެ ސިމްކާޑުތަކާއި މެމަރީ ކާޑުތައް ތިން މަސް ދުވަހަށް ހިފަހައްޓައި، ފޯނުން ކޮށްފައިވާ ހުރިހާ މުއާމަލާތްތަކެއް ބެލުމަށް ފުލުހުންނަށް ބޭނުންވާ ހުރިހާ މައުލޫމާތެއް ދިނުމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ އަދީބު ދޫނިދޫ ގޮޅީގައި އަވަހާރަކޮށްލަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށެވެ. އަދީބު ދޫނިދޫ ޖަލުގައި ހުންނެވީ ފުރިހަމަ ރައްކާތެރިކަމާ އެކު ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު މައްސަލާގައި އާއި ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލަށް ލާފައިވާ އަދީބުގެ އެތެރެ ހަށީގައި ސިސްޓެއް އުފެދި، ކިޑްނީގައި ހިލަ އުފެދުމާއި ލޮލުގެ ވަރަށް ނުރައްކާތެރި ބައްޔެއް ކަމަށްވާ "ގްލޮކޮމާ" ޖެހިފައިވާ ކަމަށް އާއިލާ އިން ބުނެ އެވެ.
އެހެންވެ، އެ މަނިކުފާނު ރާއްޖޭން ބޭރުން ފަރުވާ ކުރުމުގެ ހުއްދައަކަށް ވަނީ އެދިފަ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް އެ ހުއްދައެއް ނުދެ އެވެ.
އަދީބުގެ އާދޭސް: އަޅުގަނޑާ މެދު ހިތް ސާފުކޮށްދީ!
އަދީބަށް ފަރުވާ ނުދޭން އަންގާފައެއް ނެތް: ކަރެކްޝަންސް
އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި
އަދީބަށް ނުފިލޭނެ ކަން ކަށަވަރު: އިމްރާން
އަދީބު ފޮނުވަނީ ފަރުވާދޭނެ އިތުރު ގޮތެއް ނުފެނިގެން
އަދީބަށް ވަކީލުންނާ ބައްދަލު ނުކުރެވޭތާ މަހެއް ވެއްޖެ
އަރީފަށް ކުރާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލް
ތުހުމަތެއް ނެތި ބަންދުކުރާތީ ފުލުހުންނަށް ފާޑުކިއުން
އަދީބަށް ކުރާ ދެ ދައުވާގެ ޝަރީއަތް ސިއްރުކޮށްފި
ރިލްވާނަށް ވީ ގޮތް އަދީބަށް އެނގޭ ނަމަ ހިއްސާކޮށްދޭން އެދެފި