Roadha Mihaaru
"ޔޫއެންއެޗްއާރުސީގައި ވާދަ ނުކުރީ ތާއީދު ނެތުމުން"

ޔޫއެންއެޗްއާރުސީގައި ވާދަ ނުކުރަން ނިންމީ ތާއީދެއް ނެތުމުން: ޑރ. ޝަހީދު

06 ޖުލައި 2017

އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އަންނަ ދައުރަށް ރާއްޖެ އިން ކުރިމަތިލުމަށް ފަހު، ނަން އަނބުރާ ގެނައީ ރާއްޖޭގެ ހާލަތު އޮތްގޮތުން، އެ އިންތިޚާބު ކާމިޔާބު ނުވާނެ ކަން އެނގޭތީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އަންނަ ދައުރަށް ރާއްޖެ އިން ކުރިމަތިލުމަށް ފަހު، ނަން އަނބުރާ ގެނައީ ރާއްޖޭގެ ހާލަތު އޮތްގޮތުން، އެ އިންތިޚާބު ކާމިޔާބު ނުވާނެ ކަން އެނގޭތީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

ހިއުމަން ރައިޓްސް ކައުންސިލްގެ އިންތިޚާބުގައި ރާއްޖެ އިން ވާދަ ނުކުރަން ނިންމީ އެހެން ދައުރެއްގައި ވާދަކުރާނެ ކަމަށް ބުނުމަށް ފަހު އެވެ. އެކަމަކު ދެން ވާދަ ކުރާނީ ކޮން ދައުރަކަށް ކަމެއް ރާއްޖެ އިން އަދި އިއުލާނެއް ނުކުރެ އެވެ.

ޚިޔާލު ފާޅު ކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ ޝަހީދު ވިދާޅުވީ ރާއްޖެ އިން ނަން އަނބުރާ ގެންދިއުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް އޭނާ ދެކެވަޑައިގަންނަވަނީ ބޮޑެތި 33 ގައުމަކުން ދާދި ފަހުން ރާއްޖޭގެ ހާލަތާ މެދު އެ ކައުންސިލްގައި ކަންބޮޑުވުން ފާޅުކޮށްފައި އޮތުމާއި ގައުމުތަކުގެ ތާއީދު ނެތުމެވެ. އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލަށް މި ސަރަހައްދުން ރާއްޖެ އާ ވާދަކުރަން ދެން ތިބި ގައުމުތަކަށް ލިބޭނެ ތާއީދު ވެސް ރާއްޖެ އަށް ނުލިބޭނެ ކަން އެނގޭ ކަމަށް ޝަހީދު ވިދާޅުވި އެވެ.

"ރާއްޖެއާ ވާދަކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގަތަރާއި އަފްޣާނިސްތާން ވެސް. އެއީ މިހާރު މާ ހާލުގައި އޮތް ގައުމުތަކެއް. އެކަމަކު އެ ދެ ގައުމަށް ލިބޭނެ ތާއީދު ވެސް ރާއްޖެ އަށް ނެތް ކަން އެނގުނީ. އެހެންވެ ރާއްޖެ އަށް ގަބޫލު ކުރެވުނީ މިއީ ވާން އޮތް ކަމެއް ނޫން ކަން،" ޝަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އަކީ އިސްލާމީ ގައުމުތައް ގުޅިގެން އުފައްދާފައިވާ އޮގަނައިޒޭޝަން ފޯ އިސްލާމިކް ކަންޓްރީސް (އޯއައިސީ) ގެ މެމްބަރެއް ކަމަށް ވާއިރު އިންސާނީ ހައްްގުތަކާ ބެހޭ ކައުންސިލްގެ އިންތިޚާބުގައި ރާއްޖެ ވާދަނުކުރަން ނިންމުމުން އެނގެނީ އޯއައިސީގެ ތާއީދު ވެސް ރާއްޖެ އަށް ނެތުމެވެ. ސަބަބެއްގެ ގޮތުގައި ޝަހީދު ވިދާޅުވީ އެ ކައުންސިލްގެ މެމްބަރު ކަމަށް ރާއްޖެއާ ދެން ވާދަ ކުރަން ތިބި ގިނަ ގައުމުތަކަކީ އިސްލާމީ ގައުމުތަކަށް ވުމެވެ.

"މި ރީޖަނުން ރާއްޖެއާ ވާދަކުރީ މެލޭޝިއާ އާއި ގަތަރާއި އަފްޣާނިސްތާނާއި ނޭޕާލާއި ޕާކިސްތާން. ޕާކިސްތާން ބާއްވާފައި ދެން ހުރި ގައުމުތަކަކީ އޯއައިސީގެ މެމްބަރު ގައުމުތައް. އެހެންވެ ނަން އަނބުރާ ގެންދިއުމުން އެނގެނީ އޯއައިސީގެ ތާއީދު ވެސް ރާއްޖެ އަށް ނެތްކަން،" ޝަހީދު ވިދާޅުވި އެވެ.

އަންނަ އަހަރު އޮންނަ އދ. ގެ ސަލާމަތީ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރަން ރާއްޖެ އިން ނިންމާފައިވާ ނިންމުމާ ގުޅިގެން ޝަހީދު ވިދާޅުވި ގޮތުގައި އެ ކައުންސިލަށް ވެސް ތާއީދު ލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. އަދި ރާއްޖެ ފަދަ ގައުމަކުން އެ ކައުންސިލްގައި ވާދަ ކުރާއިރު އެ ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން ދިވެހި ސަރުކާރަށް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަލާމަތީ މަޖިލީހަކީ ވަރަށް ފިއްތުން ބޮޑު ތަނެއް. މި ކުރެވެނީ ކިހާ ވަރެއްގެ ކަމެއް ކަން، މި ނުކުމެވެނީ ކިހާ ވަރެއްގެ ތަނަކަށް ކަން ސަރުކާރުގެ ބޭފުޅުންނަށް ވިސްނިވަޑައިގަތްހެނެއް ހިއެއް ނުވޭ އަޅުގަނޑަކަށް. އަނެއްކާ އެ ކައުންސިލްގެ މެމްބަރުކަން ވެސް ލިބޭނީ އދ. ގެ ތިން ބައިކުޅަ ދެ ބައި މެމްބަރުންގެ ތާއީދު ލިބިގެން،" ޝަހީދު ވިދާޅުވި އެވެ.

ސަލާމަތީ މަޖިލީހުގެ ވަގުތީ މެމްބަރު ކަމުގެ ގޮނޑި ހޯދަން ރާއްޖެ އިން އަންނަނީ ވަރަށް ބޮޑަށް ކެމްޕެއިންކޮށް، އެކި ގައުމުތަކުގެ ސަފީރުންނާ ބައްދަލު ކުރަމުންނެވެ.

ރާއްޖޭގެ ހާލަތާ މެދު އދ. ގައި ބައެއް ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެ އަށް ރައްދު ދީ ސަރުކާރުން ބުނަނީ ކަންކަން އިސްލާހު ކުރަން ވަގުތު ބޭނުންވާ ކަމަށާއި ގިނަ ކަންތައްތަކެއް މިހާރު ވެސް ރަނގަޅު ކޮށްފައިވާ ކަމަށެވެ.